05 Mar 2011, 22:02
ޓްރިޕޮލީ : ގައްޒާފީގެ ބާރުތަކުން ބެންގާޒީގައިވާ ހަތިޔާރު ގުދަނަކަށް ބޮންއެޅުމުގެ ސަބަބުން ލީބިޔާގެ ޢާންމުންގެ 60 މީހަކު މަރުވެ ސަތޭކައެއްހާ މީހުން ޒަޚަމްވެއްޖެއެވެ.
ބެންޣާޒީގެ އިރުމަތީގައިވާ ހަތިޔާރު ގުދަނަކަށް ގައްޒާފީގެ ބާރުތަކުން ބޮންއެޅީ އޭނާގެ ކިބައިން ލީބިޔާ މިނިވަންކުރުމަށް ޖިހާދުކުރާ ލިބިޔާ ރައްޔިތުންގެ އަތްދަށަށް މިގުދަނުގެ ހަތިޔާރުތައް ދިޔަނުދިނުމާއި ބެންގާޒީ އަލުން އަނބުރައި ހިފުމުގެ ބޭނުމުގައި ކަމަށް ރައްޔިތުންގެ ބާރުތަކުން ބުނެއެވެ.
ބެންގާޒީއަކީ ގައްޒާފީގެ އަނިޔާވެރިކަމުން މިނިވަންވެފައިވާ ލީބިޔާގެ އެންމެބޮޑު ދެވަނަ ސިޓީއެވެ.
ހަތިޔާރުގެ މިގުދަނަށް ބޮންއެޅުމުން ގޮވިގޮވުންތަކުގައި ބައެއް މީހުންގެ ހަށިތައް ކުދިކުދިވެ މީހުންގެ އަތްފަޔާއި ހަށިގަނޑުގެ ގުނަވަންތަކާއި މަސްތަކާއި ކަށިތައް ކުދިކުދިވެ ބުރަބުރައިގެން ގޮސް މީހުންގެ ލެއިން އެސަރަޙައްދު ފޯވެފައިވާ ކަމަށް މަންޒަރުދުށްމީހުންނާ ހަވާލާދީ އަލްޖަޒީރާ ބުނެއެވެ.
އަނެއްކޮޅުން ޓްރިޕޮލީގެ ހުޅަނގުގައިވާ އައްޒާވިޔާގެ ޢާންމުންގެ ގެދޮރަށް ގައްޒާފީގެ ކުލީ ސިފައިންގެ ބާރުތަކުން ޓޭންކުން ޙަމަލާދިނުމުގެ ސަބަބުންވެސް އެތަށްބަޔަކު މަރުވި ކަމަށް އެރަށުގެ އެކްޓިވިސްޓުން ބުނެއެވެ. އައްޒާވިޔާއަކީވެސް ގައްޒާފީގެ ކިބައިން މިނިވަންކުރެވިފައިވާ ރަށެކެވެ.
ގައްޒާފީގެ ބާރުތަކުން އައްޒާވިޔާގެ ރައްޔިތުންނާ ދެކޮޅަށް ބަރުހަތިޔާރުގެ ބޭނުންކުރީ މިރަށް އަލުން އަތުލުމުގެ ބޭނުމުގައެެވެ. ނަމަވެސް މިރަށުގެ ރައްޔިތުން ނާއި ގައްޒާފީގެ ބާރުތަކާދެމެދު ހިނގިކުރިމަތިލުންތަކަށްފަހުވެސް ގައްޒާފީގެ ބާރުތަކަށް އެރަށުގެ އެއްވެސް ސަރަޙައްދަކަށް ބާރު ފޯރުވުމުގެ ފުރްސަތު ނުލިބޭ ކަމަށާއި އެރަށް މިހާރުވެސް އޮތީ ރައްޔިތުންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށް ޚަބަރުލިބެއެވެ.
މީގެިއތުރުން ލިބިޔާގެ ތެލުގެ އިންޑަސްޓްރީގެ މުހިއްމު ރަށެއްކަމަށްވާ އަލްބްރީޤާ އަލުން އަތުލުމަށްޓަކައި ގައްޒާފީގެ ބާރުތަކުން ކުރަމުން ގެންދާ މަސައްކަތްވެސް އަދި ކާމިޔާބު ނުވާކަމަށް ގެންޣާޒީގައި ތިއްބެވި އަލްޖަޒީރާގެ މުރާސިލުން ހާމަކުރެއެވެ.
ލީބިޔާގެ ތެލުގެ މުހިއްމު ރައްތައް ކަމަށްވާ އަލްޙްރޭޤާ، އަލްބްރޭޤާ، ރައްސުލާނޫފް، ޒުވާރާ، ތުބްރުޤް، އަޖްދާބިޔާ ފަދަ ރައްތައްވަނީ ލިބިޔާގެ ރައްޔިތުންގެ އަތްދަށުގައެވެ.
ނަމަވެސް ތެލުގެ މަދު ސަރަޙައްދުތަކެއް ގައްޒާފީގެ އަތްދަށުގައިވެސް ވެއެވެ. (އަލްޖަޒީރާ)