04 Jul 2015, 11:53
(ކަޕޮލެއި، ހަވާއީ، އޭޕީ) އަވިން އުފައްދާ ހަކަތައިން ދުއްވާ މަތިންދާބޯޓް 'ސޯލާ އިމްޕަލްސް2' ޖަޕާނުގެ ނަގޯޔާއިން ފުރައިގެން ޕެސިފިކް ކަނޑު ހުރަސްކޮށް، ހަވާއީއަށް ހިނގައްޖެ އެވެ. އެބޯޓް ހަވާއީއަށް ގޮސްފައި މިވަނީ ފަސް ދުވަހުންނެވެ.
ސޯލާ އިމްޕަލަސް2ގެ ޕައިލޮޓް އެންޑްރޫ ބޮޝްބާގާއި އޭނާގެ ޓީމުން ބުނާ ގޮތުގައި ސޯލާ އިމްޕަލަސްގެ އެދަތުރަކީ އެއް އުދުހުމެއްގައި އެންމެ ދިގު ދަތުރެއް ކުރުމުގެ ރެކޯޑެކެވެ. އެރެކޯޑް ކުރިން އޮންނަނީ އެމެރިކާގެ ސްޓީވް ފޯސެޓް އަށެވެ. އޭނާ ކޮށްފައި ވަނީ 76 ގަޑިއިރުގެ ދަތުރެކެވެ.
ސޯލާ އިމްޕަލްސް2 އަކީ 17000 ސޯލާ ސެލްގެ އެހީގައި ދުއްވާ އެއްޗެކެވެ. އެބޯޓް ރޭގަނޑު އުދުހެނީ ރައްކާކޮށްފައިވާ ހަކަތައިންނެވެ.
ސޯލާ އިމްޕަލްސްގައި ދުނިޔެވަށައި ކުރާ ދަތުރުގައި ބޯޝްބާގާއި އޭނާގެ ކޯޕައިލެޓް ބެޓްރާންޑް ޕިކާޑް ނުކުތީ މިދިޔަ މާޗް މަހު އެވެ. އެމީހުން އެދަތުރު ފެށީ ޔޫއޭއީގެ އަބޫދާބީންނެވެ. ހަވާއީއަށް ފަހު އެމީހުން ދެންދާނީ ފީނިކްސް އަށެވެ.