04 Jul 2015, 12:11
އިންޑިއާގެ ކުރީގެ މަޝްހޫރު ފިލްމީ ތަރި އަދި މިހާރު އެގައުމުގެ ވެރިކަން ކުރާ ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)އަށް ނިސްބަތްވާ ޕާލަމެންޓް މެންބަރު ހެމާ މާލިނީގެ މާސެޑީޒް ކާރާއި މަރޫޓި އަލްޓޯ ކާރެއް ޖެހި، އެކްސިޑެންޓް އެއް ހިނގާ ހަތަރު އަހަރުގެ ކުއްޖާ މަރުވުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށާއި އެކަމުގައި އެ ކުއްޖާގެ އާއިލާއަށް ދުއާ ކުރާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ތުއްތުކުއްޖާގެ މަރާ ގުޅިގެން ގިނަ ބަޔަކު ދަނީ އެކަމުގައި ހެމާ އެއްވެސް ވަރަކަށް ނުވިސްނާ ކަމަށް ބުނެ ތުހުމަތުތަކެއް ކުރަމުންނެވެ. ނަމަވެސް އެ ތުހުމަތުތަކަށް ރައްދު ދެއްވަމުން ހެމާ ވިދާޅުވީ އެ އެކްސިޑެންޓަކީ ވަރަށް ހިތާމަވެރިކޮށް ދިމާވި ކަމެއް ކަމަށާއި އެކަމާ ވަރަށް ދެރަވެ ކަންބޮޑުވާ ކަމަށެވެ.

އެކްސިޑެންޓް ހިނގި ކާރެއް --
އެ ތުއްތު ކުއްޖާ މަރުވުމާ ގުޅިގެން އެ ކުއްޖާގެ އާއިލާއަށް ހިތްވަރު ދިނުމަށް ދުއާ ކުރާ އިރު އެ އާއިލާއަށް ލިބުނު ހިތާމަވެރި ގެއްލުން ތަސައްވަރު ކުރެވޭ ކަމަށް ހެމާ ވިދާޅުވި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅު ރާޖެސްތާނުގެ ހައިވޭއެއްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި މަރުވި ހަތަރު އަހަރުގެ އަންހެން ކުއްޖާ، ހެމާއާ އެކު ހޮސްޕިޓަލަށް ގެންދިޔަ ނަމަ އެ ކުއްޖާގެ ފުރާނަ ސަލާމަތްވުމުގެ ފުރުސަތު ބޮޑުކަމަށް އެ ކުއްޖާގެ ބައްޕަ، ހަނުމާން ކަންޑެލްވާލް ވަނީ ބުނެފަ އެވެ.
އިންޑިއާގެ ފުލުހުންނާ ހަވާލާދީ އެގައުމުގެ ނޫސް އޭޖެންސީތައް ބުނާ ގޮތުން އިންޑިއާގެ ޕާލަމެންޓްގައި މަތޫރާ ތަމްސީލުކުރައްވާ ބީޖޭޕީގެ މެންބަރު ހެމާ މާލިނީގެ ކާރު ރާޖެސްތާންގެ ދައުސާ ކައިރިން ނޭޝަނަލް ހައިވޭގައި ގަޑިއަކު 60 ކިލޯ މީޓަރުގެ ބާރުމިނުގައި ދުއްވާފައި ދަނިކޮށް، ހަތަރު އަހަރުގެ އަންހެން ކުއްޖާގެ އާއިލާގެ އިތުރުން ހަތަރު މެންބަރަކު ދަތުރުކުރަމުން ދިޔަ ކާރުގައި ޖެހި އެކްސިޑެންޓް ހިނގީ، ހެމާ މާލިނީ އިން ކާރުގެ ޑްރައިވަރުގެ ފަރުވާކުޑަކަމުންނެވެ.
އެ އެކްސިޑެންޓްގައި ހެމާގެ ކަނާތްފަރާތު ބުމަކައިރި ފަޅައިގެން ގޮސް، ނޭފަތުގެ ކަނާތްފަރާތުން ވެސް ކުޑަ ތަންކޮޅެއް ޒަޚަމްވެފައިވާ އިރު، މަރޫޓީ އަލްޓޯގައި ތިބި، މަރުވި އަންހެން ކުއްޖާގެ ބެލެނިވެރިންގެ އިތުރުން އެ އާއިލާގެ އިތުރު ތުއްތު ކުއްޖަކަށް ވެސް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ކަމަށްވެ އެވެ.