މިދުވަސްވަރު ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ޑެންގީ ހުން ކޮންޓްރޯލް ކުރުމަށްޓަކައި މަދިރި އުފެދޭ ތަންތަން ސާފުކުރުމާ ބެހޭ ގައުމީ ކެންޕޭނެއް މުޅި ރާއްޖޭގައި މިއަދު ފަށައިފި އެވެ.

މަދިރި ކޮންޓްރޯލް ކުރުމަށް ފެށި ކެންޕޭން ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ އަހުމަދު ޝަރުވާން

މިއަދު ހެނދުނު 10 ޖެހިއިރު މާލެ އާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެށި މި ކެންޕޭންގައި ސަރުކާރުގެ މިނިސްޓްރީތަކާއި ސަރުކާރުގެ ކުންފުނިތަކުން ވެސް ބައިވެރިވާނެ އެވެ. މި ކެންޕޭންގެ ދަށުން ގޭގެއާއި އެނޫން ވެސް އެފަދަ ތަންތަނުގައި މަދިރިއުފެދޭ ގޮތަށް ހުންނަ ތަންތަން ނައްތާލައި އެ ތަންތަނުގައި ހުންނަ އެއްޗެހީގައި ފެން ހަރުނުލާނެ ގޮތް ހަދާނެ އެވެ. މި ޕްރޮގްރާމް މިއަދު ކުރިއަށް ގެންދާނީ ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 ށެއެވެ.

މަދިރު ކޮންޓްރޯލް ކުުރުމަށް މިއަދު ފެށި ގައުމީ ކެންޕޭން ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ އަހުމަދު ޝަރުވާން

މި ކެންޕޭން ލޯންޗް ކުރުމަަށް މިއަދު ދަރުބާރުގޭ އިރުމަތީފަރާތުގައި އޮންނަ ހުސްބިމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ރަސްމިއްޔާތުގެ ޝަރަފްވެރިމެހެމާން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ޑެންގީ ހުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ފަށައިފައިވާ މަސައްކަތްތަކުގެ ދަށުން ކުރިއަށް ގެންދާ މި ކެންޕޭން ކާމިޔާބު ކުރެވޭނީ އެންމެން އެކީގައި މަސައްކަތް ކޮށްގެން ކަމަށެވެ. އަދި މި މަސައްކަތް ކުރުމުގައި މާލެއާއި އަތޮޅު ތެރޭގައި ހުރިހާ ރައްޔިތުން ގުޅިގެން ކުރިއަށް ގެންދިއުމަށް މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ.

މަދިރު ކޮންޓްރޯލް ކުުރުުމުގެ ގައުމީ ކެންޕޭން ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ވާހަކަދައްކަވަނީ -- ސަން ފޮޓޯ އަހުމަދު ޝަރުވާން

"މަދިރި ކޮންޓްރޯލް ކުުރުމަށް އެކިއެކި މުއައްސަސާތަކާއި މިނިސްޓްރީތަކުން ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރިއަށް ގެންދޭ. އެގޮތުން ހައުސިންގް މިނިސްޓްރީގެ ފަރާތުން މާލެ ސާފުކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައި. އާއްމު މައިދާންތަކާއި ޕާކްތައް ޕޮގް ކުރުމުގެ ކަންތައްތައް ވެސް ހަފްތާއަކަށް ކުރިއަށް އެބަގެންދޭ. އަދި ކުރިން އަޅާނުލެވި ދޫކޮށްލެވިފައިވާ ބައެއް ތަންތަނަށް ވަދެ އެތަންތަން ވެސް ސާފުކުުރުމުގެ މަސައްކަތްތައް ދަނީކުރަމުން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، މި ކެންޕޭންގެ އެންމެ މުހިންމު އެއް ބައެއްގެ ގޮތުގައި އިމާރާތްކުރާ ތަންތަން ސާފުކުރުމުގެ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އަދި މި ހަރަކާތްތައް ހަފްތާއެއްހާ ދުވަހަށް މާލެއާއި އަތޮޅު ތެރޭގައި ކުރިއަށްދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މަދިރި ކޮންޓްރޯލް ކުރުމަށް މިއަދު ފެށި ކެންޕޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު ވާހަކަދައްކަވަނީ -- ސަން ފޮޓޯ އަހުމަދު ޝަރުވާން

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، މިއަދު މި ފެށޭ ކެންޕޭން މާލެ ހުޅުމާލެ އަދި އަތޮޅު ތެރޭގައި ހުރިހާ ރަށެއްގައި ކުރިއަށްދާނެ އެވެ.

"މި ކެންޕޭންގޭ މަގުސަދަކީ އާއްމު ތަންތަނުގައި އަދި ގޭތެރޭގައި ހުރި މަދިރި އުފެދޭ ތަންތަން ދެނެގަނެ އެތަންތަން ނައްތާލުން. މަދިރި އުފެދޭ ތަންތަން ހުރިތޯ ބަލައި އެފަދަ ތަންތަން ނައްތާލުމަކީ ކޮންމެ ފަރުދެއްގެ މުއައްސަސާއެއްގެ ކުންފުންޏެއްގެ އަދި ޖަމިއްޔާއެއްގެ ވެސް ޒިންމާއެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މިއަދު ފެށި މި ކެންޕޭނަކީ މިއަދު ނިންމާލާނެ ކެންޕޭނެއް ނޫން ކަމަށެވެ. މި ކެންޕޭން އަތޮޅުތެރޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންގޮސް ކުރިއަށް އޮތް ތާނގައި މުޅި ރާއްޖެ ޑެންގީން ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރުން އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

މަދިރި ކޮންޓްރޯލް ކުުރުމަށް މިއަދު ފެށި ކެންޕޭން ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފަޮޓޯ އަހުމަދު ޝަރުވާން

މި ކެންޕޭންގެ ދަށުން މިއަދު މާލޭގެ އެކި އެކި ސަރަހައްދުތަކަށް ކެންޕޭންގައި ބައިވެރިވާ މުއައްސަސާތަކުގެ ޓީމްތަކުން ޒިޔާރަތްކޮށް އެ ތަންތަނުގައި ސާފުކުރުމުގެ ކަންތައްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންގޮސްފައިވޭތޯ ބަލަމުން ގެންދާނެ އެވެ.

ގެންޑީ ހުން މިއަހަރު 475 މީހުންނަށް ޖެހިފައިވާއިރު ހަތަރު ހަތަރު މީހުން ވަނީ މަރުވެފަ އެވެ.