ޙާތިމުލް އަޘައްމު އެއްދުވަހަކު އިމާމު އަހްމަދުގެ އަރިހަށް ވަޑައިގެންނެވިއެވެ. އިމާމު އަހްމަދު އޭނާއާ ސުވާލު ކުރެއްވިއެވެ. މީސްތަކުންގެ ތުރާލާއި އުނދަގުލުން ސަލާމަތްވެވޭނެ ގޮތަކީ ކޮބައިތޯއެވެ؟ ޙާތިމު ވިދާޅުވިއެވެ. ތިންކަމެއްގެ ޒަރީޢާއިންނެވެ. އެއްކަމަކީ އެބައިމީހުންނަށް ކަލޭގެފާނުގެ މުދާދެއްވުމެވެ. އެބައިމީހުންގެ މުދާ އަތުނުލެއްވުމެވެ. އަނެއްކަމަކީ އެބައިމީހުންގެ ޙައްޤު އަދާކުރެއްވުމެވެ. އެކަމަކު ކަލޭގެފާނުގެ ޙައްޤު އަތުނުލެއްވުމެވެ. އެބައިމީހުންގެ އަތުން އެޙައްޤު އަތުނުލެއްވުމެވެ. ތިންވަނަކަމަކީ އެހެން މީހުންގެ ފަރާތުން ލިބޭ އުނދަގުލަށް ކެތްކުރެއްވުމެވެ. ނަމަވެސް އެބައިމީހުންނަށް އުނދަގޫ ނުކުރެއްވުމެވެ.

މިތިންކަންތައް ޚުލާޞާކޮށްލާއިރު އެއީ ތިމާގެ ފަރާތުން އެއްވެސް އުނދަގުލެއް ނުވަތަ ތުރާލެއް ނުފޯރާނެކަން އެހެން މީހުންނަށް ޔަޤީން ކޮށްދެއްވުމެވެ. އޭރުން އެހެން މީހުންގެ ފަރާތުން ކަލާއަށްވެސް ފުރިހަމަ އަމާންކަން ލިބިވަޑައިގަންނަވާނެއެވެ. މީސްތަކުންނަށް އެޔަޤީންކަން ދެއްވޭނީ ތިން ތަދުބީރަކުންނެވެ.

އެހެން މީހުންގެ އަތުގައި ހުންނަ އެއްޗެއްސާއި ކަންކަމަށް ކަލާ ދަހިވެތިވެވަޑައި ނުގަންނަވާށެވެ. ކަލާ އެކަންކަމާ ދުރުވެ ފުދިވަޑައިގަންނަވާށެވެ. ނަަމަވެސް ކަލާގެ އަތްޕުޅުގައިވާ ތަކެއްޗާއި ކަންކަން ވެވަޑައިގެންނެވި ވަރަކުން އެހެން މީހުނާ ޙިއްސާކުރައްވާށެވެ. އެހެން މީހުނާމެދު ދީލަތިވެވަޑައިގަންނަވާށެވެ. ކަލާއަކީ އަނެކުންގެ ކިބައިން އެއްވެސް މުހުތާދަކު އެދިވަޑއިގަންނަވާ ބޭފުޅަކަށް ވެވަޑައިނުގަންނަވާށެވެ. އެކަމަކު އެހެން މީހުންނަށް ކަލާގެ ފަރާތްޕުޅުން ބޭނުންފުދޭ ބޭފުޅަކަށް ވެވަޑައިގަންނަވާށެވެ. އަނެކުންގެ އަތުން އަތުލެއްވުމުގެ ބަދަލުގައި އަބަދުވެސް އަނެކުންނަށް ދެއްވާށެވެ. އެހެން މީހުންނަށް ކަލާ އަދާކުރައްވަން ޖެހިވަޑައިގަންނަވާ ޙައްޤުތައް އަދާކުރެއްވުމުގައި އެއްގޮތަކަށްވެސް ފަރުވާކުޑަކޮށްނުލައްވާށެވެ. އެކަމަކު އެހެން މީހުންގެ ފަރާތުން ކަލާއަށް ލިބިވަޑައިގަންނަވަންޖެހޭ ޙައްޤު ހޯއްދަވަން ކުޑަކޮށްވެސް މަސައްކަތްޕުޅެއް ނުކުރައްވާށެވެ.

އިޖުތިމާއީ ދިރިއުޅުމުގައި ތަކުރާރުކޮށް ދިމާވާ އެއްކަމަކީ އެހެން މީހުންގެ ފަރާތުން ކަލާއަށް އުނދަގޫތަކާ ކުރިމަތި ލައްވަން ޖެހިވަޑައިގަތުމެވެ. އެފަދަ ވަގުތުގައި ކެތްތެރިވެވަޑައިގެން އަމިއްލަ ނަފުސު މައިތިރި ކުރައްވައި ހަމަޖައްސަވާށެވެ. އެހެން މީހުންނަށް މާފު ކުރައްވައި ހިތްޕުޅުހެޔޮކުރައްވާށެވެ. އެހެން މީހަކަށް ކަލާގެ ހިތްޕުޅުގައި ކުޑަވެސް ޝަކުވާއެއް ނުވަތަ ބުރަކަމެއް ނުބާއްވަވާށެވެ. އެކަމަކު އެއްވެސް ކަމެއްގައި އެއްވެސް ސިފައެއްގައި ކަލާގެ ފުށުން އެހެން މީހަކަށް ދުކެއް ތުރާލެއް ފޯރިޔަނުދެއްވާށެވެ.

ދުނިޔޭގައި އަނެކުންގެ އުނދަގުލުން ސަލާމަތްވެވުމުގެ ޔަޤީން ލިބިގެންވާތަދުބީރަކީ ހަމައެކަނި މިއީއެވެ. މިގޮތްފިޔަވައި ދެން އިޚްތިޔާރުކުރައްވާ އެއްވެސް ތަދުބީރަކީ ބޭނުންފުޅުވާ ނަތީޖާ ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން އޮތް ތަދުބީރެެއް ނޫނެވެ.