އިސްލާމީ ޝަރީއަތުގެ އުސޫލުތަކާ އެއްގޮތަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭންކިންގެ ހިދުމަތްދޭން ފަށައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަންނަ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހުޅުވައިދެއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އެމްއައިބީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، އެ ބޭންކު ހުޅުވައިދެއްވުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ ހޯމަ ދުވަހު އެމްއައިބީގެ ހެޑް އޮފީސް ހ. ކޮކަނަޓް ވިލާ ކުރިމަތިން އަމީރު އަހުމަދު މަގުގައި ކަމަށެވެ.

ރާއްޖެ އިސްލާމްވީ ދުވަހާ ދިމާކޮށް ހުޅުވާ އެ ބެންކުގެ ހިދުމަތް ފަށާއިރު ބެންކުން ހިދުމަތް ދިނުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ނިމިފައި ވާކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

އަންނަ ހޯމަ ދުވަހު އެމްއައިބީ ހުޅުވި ނަމަވެސް، އެ ދުވަހަކީ ބަންދު ދުވަހަކަށް ވުމުން ބޭންކުގެ ހިދުމަތް ދޭންފަށާނީ މިހަގުގެ 8 ވާ އަންގާރަ ދުވަހު އެވެ.

ޖިއްދާގައި ހުންނަ އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓާ (އައިސީޑީ) ގެ 85 ޕަސެންޓް އަދި ދިވެހި ސަރުކާރުގެ 15 ޕަސެންޓް ހިއްސާވެގެން ހުޅުވާ ފުރަތަމަ އިސްލާމިކް ބޭންކުގެ ހިއްސާ އާންމު ފަރާތްތަކަށް ވިއްކަން ގަސްތުކޮށްފައިވާކަމަށް ސަރުކާރުން ބުނެ އެވެ. އެގޮތުން ސަރުކާރުގެ ހިއްސާގެ 10 ޕަސެންޓް އާންމުންނަށް ވިއްކަން ނިންމާފައިވާކަމަށް ސަރުކާރުން ބުނެ އެވެ.

ބޭންކުގެ ހިދުމަތް ފަށައިގަންނަ އިރު ކަރަންޓް އެކައުންޓާއި ސޭވިންގް އެކައުންޓް އަދި އޭޓީއެމްގެ ހިދުމަތް ލިބޭނެ ކަމަށް އެމްއައިބީން ބުންޏެވެ. އަދި ވަރަށް އަވަހަށް އިންޓަނެޓްގެ ބެންކިން ވެސް ފަށާނެ ކަމަށް ބުންޏެވެ.