04 Jul 2015, 10:47
ކަނޑަށް ވެއްޓިފައިވާ ޓްރާންސް މޯލްޑިވިއަން އެއާވޭސް(ޓީއެމްއޭ)ގެ ފްލައިޓުން ބައެއް ތަކެތި ނަގަން ފަށައިފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ކަނޑުގެ 38 މީޓަރު އަޑީގައި އޮތް އެ ބޯޓް ކައިރިއަށް ސިފައިން އިއްޔެ ފީނައިގެން ވަނީ ފަސިންޖަރެއްގެ އެއް ދަބަހާއި ދެ ފޯނު ނަގާފަ އެވެ. އޭގެ އިތުރުން އެބޯޓް ފެނުން މައްޗަށް ނެގުމަށް ޓަކައި މިހާރު ވަނީ ވާޖަހައިފަ އެވެ.
"އެތާ އަދިވެސް އެބަހުރި ދަބަހާއި އެއްޗެހި، މިއަދު ވެސް ޑައިވްކޮށް އެތަކެތި ނެގުމުގައި އެބައުޅޭ." އޮފިޝަލް ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އަދުނާން މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ ބޯޓް ނެގުމުގެ މަސައްކަތް އިއްޔެ އިން ފެށިގެން ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެބޯޓް ނެގޭނެ ވަކި އިރެއް ދައްނަވަން އަދި ނޭނގޭ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު 5:30 ކަންހާއިރު ޅ. ކުރެއްދޫއާ ދެ މޭލު ބޭރަށް ވެއްޓުނު އެ ބޯޓުގެ ދެ ކަނދު ފިޔަވައި އެހެން ބައިތައް ވަނީ އަޑިއަށް ގޮސްފަ އެވެ. ކުއްލި ހާލަތުގައި ސީޕްލެއިން ޖެއްސީ ކަނޑެވެ. ފަސިންޖަރުންނާއި ކުރޫއިން ސަލާމަތް ކުރުމަށް އެ ސަރަހައްދަށް ކުރެއްދޫ ރިސޯޓުގެ ލޯންޗު ދިޔަ އިރު، ބޯޓުގެ މައިގަނޑު އޭރު އަޑިއަކަށް ނުދެ އެވެ. ފަސިންޖަރުންނާއި ކުރޫއިން ސަލާމަތް ކުރިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ހުރިހާ ލަގެޖުތަކާ އެކު ބޯޓު ވަނީ ކަނޑު އަޑިއަށް ގޮސްފަ އެވެ.
ބޯޓް ވެއްޓުނީ އޭގައި ދަތުރު ކުރަމުން ދިޔަ 11 ފަސިންޖަރުންނާއި ތިން ކުރޫއިންނާ އެކު އެވެ. އެ އެންމެން ވެސް ވަނީ ސަލާމަތް ކޮށްފަ އެވެ.
އެ ބޯޓް ވެއްޓެން މެދުވެރިވި ސަބަބު ޓީއެމްއޭއިންނާއި ކަމާ ގުޅޭ ފަރާތްތަކުން މިހާރު ތަހުގީގް ކުރަމުންދާ އިރު އެ ހާދިސާގެ ތަފްސީލެއް ނުދެއްވަ އެވެ.