އިންޑިއާގެ ކުރީގެ މަޝްހޫރު ފިލްމީ ތަރި އަދި މިހާރު އެގައުމުގެ ވެރިކަން ކުރާ ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)އަށް ނިސްބަތްވާ ޕާލަމެންޓް މެންބަރު ހެމާ މާލިނީގެ މާސެޑީޒް ކާރާއި މަރޫޓި އަލްޓޯ ކާރެއް ޖެހި، ބުރާސްފަތި ދުވަހުގެރޭ އިރާކޮޅު ރާޖެސްތާނުގެ ހައިވޭއެއްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި މަރުވި ހަތަރު އަހަރުގެ އަންހެން ކުއްޖާ، ހެމާއާ އެކު ހޮސްޕިޓަލަށް ގެންދިޔަ ނަމަ އެކުއްޖާގެ ފުރާނަ ސަލާމަތްވުމުގެ ފުރުސަތު ބޮޑުކަމަށް އެ ކުއްޖާގެ ބައްޕަ، ހަނުމާން ކަންޑެލްވާލް ބުނެފި އެވެ.

އުމުރުން 31 އަހަރުގެ ކަންޑެލްވާލްގެ އާއިލާއިން ތުހުމަތުކުރާ ގޮތުގައި ހެމާ މާލިނީއަށް ދިންފަދަ ރަނގަޅު ފަރުވާއެއް ކަންޑެލްވާލް އާއިލާގެ އެންމެ ހަގު ދަރިފުޅު، އުމުރުން އެންމެ ހަތަރު އަހަރުގެ ޗިންނީއަށް ވެސް ދެވުނު ނަމަ އެ ތުއްތުކުއްޖާގެ ފުރާނަ ސަލާމަތްކުރެވުނީހެވެ.

"ހެމާ މާލިނީއަށް ފަރުވާ ދިނުމަށް ވަރަށް އަވަހަށް ސީދާ ޖައިޕޫރު ހޮސްޕިޓަލަށް ގެންދިޔަ. އެކަމަކު އަހަރެމެން ފޮނުވާލީ ދައުސާ ޑިސްޓްރިކްޓް ހޮސްޕިޓަލަށް،" ހަނޫމާން ކަންޑެލްވާލްގެ ދެބެންގެ ދެދަރި ރަޖީވް ގުޕްތާ ބުންޏެވެ.

އިންޑިއާގެ ކުރީގެ މަޝްހޫރު ފިލްމީ ބަޠޮލާ އަދި މިހާރު ވެރިކަންކުރާ ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓް މެންބަރު ހެމާ މާލިނީގެ ކާރު އެހެން ކާރެއްގައި ޖެހި އެކްސިޑެންޓްވެ ހެމާ ޒަޚަމްވެފައި. މި ހާދިސާގައި އަނެއް ކާރުގައި އިން 4 އަހަރުގެ ކުއްޖަކު ވަނީ މަރުވެފައި -- ފޮޓޯ: ބޮލީވުޑްޓެބްލޮއިޑް

ކަންޑެލްވާލް އަކީ، ޖައިޕޫރުގައި ޓަޔަރުގެ ވިޔަފާރިކުރާ މީހެކެވެ. އޭނާ ބުނާގޮތުން ކޮންމެ ހަނދުމަހެއްގެ 15 "ޕޫރްނިމާ"އާ ދިމާކޮށް އާއިލާއާ އެކު ޖައިޕޫރަށް ޒިޔާރަތްކުރެއެވެ. އެގޮތުން ބުރާސްފަތި ދުވަހުގޭ ރޭވެސް އޭނާއާއި އޭނާގެ އަންހެނުން ޝީޚާއާއި އޭނާގެ ފަހަރިއާއި އަދި ހަ އަހަރުގެ ފިރިހެން ދަރިފުޅު ދިޔައީ ފިހާރަ ބަންދުކޮށްލުމަށްފަހު "ޕޫރްނިމާ" ފާހަގަކުރާށެވެ.

"ހެމާ މާލިނީ ގޮވައިގެން ހޮސްޕިޓަލަށް ދިޔަ ޑޮކްޓަރާއެކު އެ ހޮސްޕިޓަލަށް އަހަރެންގެ ދަރިފުޅުވެސް ގެންދިޔަނަމަ އެކުއްޖާގެ ފުރާނަ ސަލާމަތްކުރެވުނީސް،" އެކްސިޑެންޓް ހިނގި ވަގުތު އެ ސަރަހައްދުން އެހެން ކާރެއްގައި ދުއްވާފައި ދިޔަ ޑޮކްޓަރަކު ހެމާ ގޮވައިގެން ޖައިޕޫރު ހޮސްޕިޓަލަށް ގެންދިޔަ ވާހަކަ ކިޔައިދެމުން ކަންޑެލްވާލް ބުނިކަމަށް ޓައިމްސް އޮފް އިންޑިއާގައި ލިޔެފައި ވެއެވެ.

"އަހަރެން ހަނދާން އެބަހުރި، އެކްސިޑެންޓަށް ފަހު އަހަރެން ހޭނެތިގެން ކާރުތެރެއަށް ވެއްޓުމުގެ ކުރިން އަހަރެންގެ ކާރު ކުރިމަތީގައި 'ވޭގަން އާރު' އެއް އޮތް. އަހަރެން ކާރު ދުއްވީ ވަރަށް މަޑުން. އަހަރެން ލާލްސޮޓްއަށް ދިއުމަށްޓަކައި ޖައިޕޫރު-އާގްރާ މަގަށް އެޅިތަނާހެން ވަރަށް ބާރު ސްޕީޑްގައި ދުއްވާފައި އައި މާސެޑީޒް ކާރެއް އަހަރެންގެ ކާރުގައި ޖެހުނީ. އޭގެ ފަހުން ވީގޮތެއް އަހަރެން ހަނދާނެއް ނެތް. އަހަރެން ވާނީ، މާސިޑީޒް ކާރު ދުއްވަން އިން ޑްރައިވަރާ ދެކޮޅަށް މައްސަލަ ހުށަހަޅާފައި."

އިންޑިއާގެ ކުރީގެ މަޝްހޫރު ފިލްމީ ބަޠޮލާ އަދި މިހާރު ވެރިކަންކުރާ ބީޖޭޕީއަށް ނިސްބަތްވާ ޕާލަމެންޓް މެންބަރު ހެމާ މާލިނީގެ މާސިޑީޒް ކާރު އަދި އެކާރުގައި ޖެހި އެކްސިޑެންޓްވި މަރޫޓީ އަލްޓޯ -- ފޮޓޯ: ބޮލީވުޑްޓެބްލޮއިޑް

ކަންޑެލްވާލް ބުނީ، އޭނާއާއި އޭނާގެ 30 އަހަރުގެ އަނބިމީހާ ޝީޚާއާއި 45 އަހަރުގެ ފަހަރި ސީމާއާއި 6 އަހަރުގެ ދަރިފުޅު ސޮއުމިލް، ސަވާއީމާން ސިންގް ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން އަންނަ ކަމަށެވެ.

ދައުސާ ކައިރިން ނޭޝަނަލް ހައިވޭގައި ގަޑިއަކު 60 ކިލޯމީޓަރުގެ ބާރުމިނުގައި ހެމާގެ މާސިޑީޒް ކާރު ދުއްވާފައި ދަނިކޮށް، އެ މަގުގެ އަނެއްކޮޅުން އައި މަރޫޓީ އަލްޓޯ ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި، ހެމާގެ މޫނުމަތިވެސް ވަނީ ޒަޚަމްވެފައެވެ.

ފޯޓިސް ހޮސްޕިޓަލްގެ އޮފިޝަލަކާ ހަވާލާދީ ނޫސްތަކުން ބުނެފައި ވަނީ، ހެމާގެ ނިއްކުރިއަށް ލިބިފައިވާ ޒަޚަމްތަކަށް ފަރުވާދީ، އޭނާގެ ސީޓީ ސްކޭނެއް ހަދާފައިވާ ކަމަށާއި އަދި މިއަދުގެ ވަގުތެއްގައި އިތުރު މައުލޫމާތު ހާމަކުރާނޭ ކަމަށެވެ.

އިންޑީއާގެ "ޑްރީމް ގާލް"ގެ ނަމުން މަޝްހޫރު، މިހާރު އުމުރުން 66 އަހަރުގެ ހެމާގެ ކާރު އެކްސިޑެންޓްވެފައި ވަނީ، ޕާލަމެންޓްގައި އޭނާ ތަމްސީލުކުރައްވާ މަތޫރާއިން ޖައިޕޫރަށް ދަތުރުކުރަނިކޮށެވެ.

  • މި ޚަބަރާގުޅޭ އިތުރު ފޮޓޯތައް ގައި.