މައިލޯ ވެޓަރަންސް ކަޕްގައި މިއަދު ހަވީރު މާޒިޔާ އާއި މާލޭ ވެޓަރަންސް ކުޅެމުން ދިޔަ މެޗް ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ކުރިއަށް ނުގެންދެވިގެން މެޗް ހުއްޓަލައިފިއެވެ.

މެޗްގައި ހަމނުޖެހުން ހިނގީ މާޒިޔާގެ ކުޅުންތެރިޔެއްގެ ފަޔަށް މާލޭ ވެޓަރަންސް ކުޅުންތެރިޔަކު ޓެކުލު ކުރުމުން މާޒިޔާގެ ގޯލް ބަލަހަންޓަން ހުރި މުޙައްމަދު ސިނާން (ނާނި) ގޮސް ޖެހި ގަތުމުންނެވެ.

ހަމަނުޖެހުންތަކުގައި ބައެއް ކުޅުންތެރިންގެ ދެމެދުގައި ކުރިމަތިލުންތަކެއް ހިނގިއެވެ. ނަމަވެސް އެއްވެސް ކުޅުންތެރިޔަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މާޒިޔާ އާއި މާލޭ ވެޓަރަންސް ކުޅުނު މެޗްގައި ހިނަގައިދިޔަ ހަމަނުޖެހުންތަކުގެ ތެރެއިން --- ސަން ފޮޓޯ/ ޙުސައިން ހަބީބު

މެޗްގެ ރެފްރީންނާއި އޮފިޝަލުން ނިންމީ މާހައުލު އޮތް ގޮތުން ކުޅުން ކުރިއަށް ގެންދަން ނުފެންނަކަމަށެވެ.

ފުރަތަމަ ހާފު ގައިވެސް ވަނީ މެޗް ހޫނުވެ ފައެވެ. މާލޭ ވެޓަރަންސްގެ އަޙްމަދު ޝާކިރު (ޝާކިއްޓޭ) ކުރި ފައުލަކާ ގުޅިގެން މާޒިޔާގެ ބެންޗުގައި އިން އޮފިޝަލަކު ވަނީ ދަނޑަށް އަރައި ޝާކިއްޓޭއަށް ހަމަލާ ދޭން މަސައްކަތްކޮށްފައެވެ. ނަމަވެސް މަޒިޔާގެ ކުޅުންތެރިންވަނީ އޭނާ ދުރައްލާފައެވެ.

ހަމަނުޖުންތަކުގެ ސަބަބުން މެޗް މެދު ކަނޑާލިއިރު މާޒިޔާއިން ވަނީ ދެ ލަނޑު ޖަހާފައެވެ.

ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި މާލޭ ވެޓަރަންސްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން މާޒިޔާގެ ކުޅުންތެރިޔަކަށް ކުރި ފައުލަ ގުޅިގެން ދިން ޕެނަލްޓީގައި މާޒިޔާއަށް ލަނޑު ޖަހައިދިނީ އަޙްމަދު ރިޝްފާނެވެ.

މާޒިޔާގެ ދެ ވަނަ ލަނޑު މެޗްގެ 49 ވަނަ މިނެޓްގައި ކާމިޔާބު ކުރި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު ޢަބްދުﷲ ޢަބްދުރަހީމެވެ.

މެޗްގެ 44 ވަނަ މިނެޓްގައި މާލޭ ވެޓަރަންސް އަށްވެސް ވަނީ ލަނޑު ޖާހަނެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. އެޓީމަށް ލިބުނު ހިލޭޖުން މާޒިޔާގެ ޕެނަލްޓީ އޭރިއާއަށް ހުރަސް ކުރުމުން އެޓީމްގެ ކުޅުންތެރިޔަކު ބޮލުން ފޮނުވާލިނަމަވެސް އެބޯޅަ އަމަޒުވީ މާޒިޔަގެ ގޯލް ދަނޑިއަށެވެ.

މީގެ އިތުރުން މާލޭ ވެޓަރަންސްގެ ޝާކިއްޓޭއަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންގޮސްފައެވެ.

ހަމަނުޖެހުންތަކާ ގުޅިގެން މެދުކަނޑާލި މެޗާ ބެހޭ ގޮތުން މިރޭ ކޮމިޓީގައި ވަކި ގޮތެއް ނިންމާނެކަމަށް މުބާރާތުގެ އިންތިޒާމް ކޮމިޓީގެ އޮފިޝަލެއް ވަނީ ވިދާޅުވެފައެވެ.