05 Mar 2011, 17:53
އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮތް މާބަނޑު މީހެއްގެ ދަރިފުޅު ބަނޑުތެރެއަށް މަރުވުމުން، އެ ކުއްޖާގެ ކަރުބުރިކޮށްލައިގެން، ބޮލާއި ހަށިގަނޑު ވަކިން ނެގި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އިން ބަލަން ފަށައިފި އެވެ.
އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ވަނީ އެކަން ސަން އަށް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް، މިކަމާ ގުޅޭ ގޮތުން އެކޮމިޝަނުގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުނީ، ކޮމިޝަނުން ގުޅައި، އެ ހާދިސާއާ ގުޅޭ މައުލޫމާތު ސާފުކުރަމުންދާ ކަމަށާއި އަދި އެކަމުގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ބަލާނެކަމުގެ ޔަގީންކަންދީފައިވާ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކަރުބުރިކޮށްގެން ނެގި ކުއްޖާގެ އާއިލާ އިން ވަނީ، އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް، އެ މައްސަލައާ ގުޅޭ ގޮތުން އިތުރު އެއްވެސް ކޮމެންޓެއް ދެވެން ނެތް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮތް މާބަނޑުމީހެއްގެ ދަރިފުޅު ބޮޑުކަމުން ނުވިއްސި ގިނައިރުވެ، މައިމީހާގެ ބަނޑުގައި ކުއްޖާ މަރުވުމުން، ކުއްޖާގެ ކަރުބުރިކޮށް، ބޮލާއި ހަށިގަނޑު ވަކިން ނަގައިފައި ވަނީ، މައިމީހާގެ ފުރާނަ ސަލާމަތްކުރުމަށް އެނޫން ގޮތެއް ނެތިގެން ކަމަށް އައިޖީއެމްއެޗްއިން ވަނީ ބުނެފަ އެވެ.
"..ކުޑަދަރިފުޅުގެ ބޯ ވިހެއުމަށް ފަހު ކޮނޑުތާށިވުމުގެ ސަބަބުން ދަރިފުޅު ވިއްސުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ފަހު ދަރިފުޅު ނުވިއްސިގެން ސިޒޭރިއަން ހެދުމަށްޓަކައި އޮޕަރޭޝަން ތިއޭޓަރަށް ގެންދެވުނެވެ. ސިޒޭރިއަން ހަދައިގެން ވެސް ކުއްޖާ ނުނެގި މައިމީހާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި މަރުވެފައި އޮތް ދަރިފުޅު ނެގުމަށް ކުއްޖާގެ ބޮލާއި ހަށިގަނޑު ވަކިކުރަން މަޖުބޫރުވުމުން އާއިލާގެ ފަރާތުން ހުއްދަ ލިބި، މިގޮތަށް ކަންތައް ކުރެވުނެވެ،" އައިޖީއެމްއެޗް މިހާރު ހިންގާ މާލެ ހެލްތު ސާވިސަސް ކޯޕަރޭޝަނުން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ނަމަވެސް، އެކުއްޖާގެ ބައްޕަ ބުނެފައި ވަނީ، އޭނާގެ އަންހެނުންގެ ބަނޑުގައި އޮތް އެ ފިރިހެން ދަރިފުޅު ބޮޑުކަމުން ވިއްސުމުގެ ދަތިތަކެއް ދިމާވެދާނެ ކަމަށް ރަށު ހޮސްޕިޓަލުތަކުން ބުނެފައިވާ ނަމަވެސް، އައިޖީއެމްއެޗްގައި އަންހެނުން އެޑްމިޓްކޮށްފައި އޮންނަތާ 18 ދުވަސް ފަހުން ޑޮކްޓަރުން މަސައްކަތްކުރީ އަންހެނުން ވިއްސަން ކަމަށާއި ސިޒޭރިއަނެއް ހެދުމަށް އެއްވެސް ވަރަކަށް ލަފާދީފައިނުވާ ކަމަށެވެ.
އެ އަންހެން މީހާގެ ބަނޑުގައި އޮތް ދަރިފުޅު ނުވިއްސި ގިނައިރުވެ، އެކުއްޖާ މަރުވުމުން ބޯ ބުރިކޮށްގެން ނަގަން ޖެހޭ ހާލަތަށް އެކަން ދާން ޖެހުނީ ޑޮކްޓަރުންގެ އިހުމާލުން ކަމަށް އާއިލާއިން ދަނީ ބުނަމުންނެވެ.