މާބަނޑު މީހަކަށް މިދިޔަ އަހަރު އައިޖީއެމްއެޗްގައި އެޗްއައިވީ ޖެހިފައި ހުރި ލޭ އެޅި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ، ޓެކްނީޝަން އެނބުރި އިންޑިއާ ހިނގައްޖެ އެވެ.

ޝަރީއަތް ހިނގަމުން ދަނިކޮށް ވަކިހިސާބަކުން މައްސަލައިގެ ތަހްގީގު ފުރިހަމަ ނުވާކަމަށް ބުނެ، ގާޒީ ވަނީ ރާޖޭޝް ކަކަނަޓައު ބާސްކަރަންގެ މައްސަލަ އަނބުރާ ފޮނުވާލައިފަ އެވެ. އެ މައްސަލަ އަނބުރާފޮނުވާލީ މިދިޔަ ފެބްރުއަރީ މަސް ތެރޭގަ އެވެ.
އިންޑިއާގެ އެކޮނަމީ ލީޑުން އިއްޔެ ބުނީ އޭނާ ދޫކޮށްލީ ބުދަ ދުވަހު ކަމަށެވެ. އަދި އެ ނޫހުން ބުނީ އޭނާ އިންޑިއާގެ ކެރެލާ އަށް އިއްޔެ ގޮސް އޭނާގެ އާއިލާއާ ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި އޭނާ އަށް މަރުހަބާ ކިއީ އޭނާގެ އަންހެނުން މަންޖޫ އާއި ދަރިފުޅާއި މިނިސްޓަރު އޮފް ސޯޝަލް އެފެއާޒް ޑރ. އެމްކޭ މުނީރު ކަމަށެވެ.
އިންޑިއާގެ ނޫހުން ބުނީ އޭނާ ހައްޔަރުކޮށްފައި ހުރީ މާބަނޑު މީހެއްގެ ގަޔަށް އެޗްއައިވީ ލޭ އެޅި މައްސަލައެއްގައި ކަމަށާއި އެއީ 18 މަސް ދުވަހުގެ ޖަލު ހުކުމަކާ އެކު 1000 ރުފިޔާ އިން ޖޫރިމަނާ އަންނަވަރުގެ ކުށެއް ކަމަށެވެ.
އޭނާގެ މައްސަލަ އެއްކޮށްދޫކޮށްލީ ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެ އެވެ.
އައިޖީއެމްއެޗުގެ ކުރީގެ ޑެޕިއުޓީ ސީއީއޯ ޑރ. މުހައްމަދު ހަބީބު މީގެ ކުރިން ވިދާޅުވި ގޮތުގައި ރާޖޭޝް ވަނީ ލޭ ހަދިޔާ ކުރި މީހާގެ ލެޔަކީ އެޗްއައިވީ އަށް ޕޮޒިޓިވް ލެއެއް ކަމަށް އައިޖީއެމްއެޗްގެ ލެބޯޓަރީގެ ލޭ ޓެސްޓް ކުރާ މެޝިނުން ދެއްކުމުން ވެސް އެ ލެޔަކީ އެޗްއައިވީ ނެގެޓިވް ލެއެއް ކަމަށް ލިޔެފަ އެވެ.

އެޗްއައިވީ ލޭ މާބަނޑު އަންހެނެއްގެ ގަޔަށް އެޅުނީ އަމިއްލަ އިހުމާލުން ކަމަށް ރަޖޭޝް އެއްބަސްވެފައިވާ ކަމަށް ހަބީބު ވިދާޅުވި އެވެ. ނަމަވެސް އެއީ ގަސްތުގައި ކުރި ކަމެއް ކަމަށް އޭނާ އެއްބަސްވެފައި ނުވާ ކަމަށް ހަބީބު ވަނީ ވިދާޅުވެފަ އެވެ.