03 Jul 2015, 15:16
ދެކުނު އޭޝިއާގެ ބާސްކެޓް ޗެމްޕިއަންޝިޕް ނުވަތަ ސަބާ ޒޯން ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗްގައި ބަނގުލަދޭޝްއާ ވާދަކޮށް 11 ޕޮއިންޓްގެ ތަފާތުން ރާއްޖޭގެ ބާސްކެޓް ޓީމް ބަލިވެއްޖެއެވެ.
އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންޓީރަވާ އިންޑޯ ސްޓޭޑިއަމްގައި މިއަދު ހެނދުނު ކުޅުނު މެޗުގައި ބަނގުލަދޭޝް ޓީމް 76 ޕޮއިންޓް ހޯދިއިރު ރާއްޖެގެ ޓީމަށް ހޯދިފައިވަނީ 65 ޕޮއިންޓެވެ.
މެޗްގެ ފުރަތަމަ ދެ ކްއާޓާ ނިމުނު އިރު ބަނގުލަދޭޝް ވަނީ ރާއްޖޭގެ މައްޗަށް 19 ޕޮއިންޓްގެ ތަފާތު ބޮޑު ލީޑެއް ނާގަފައެވެ. އެގޮތުން ފުރަތަމަ ކްއާޓާ ނިމުނު އިރު ބަނގުލަދޭޝް ޓީމުން ވަނީ 39 ޕޮއިންޓް ހޯދާފައެވެ. ރާއްޖެއަށް ހޯދިފައިވަނީ 19 ޕޮއިންޓެވެ.
ފަހު ކްއާޓާގައި ރާއްޖޭގެ ޓީމުންވަނީ ކުޅުން ރަނގަޅުކޮށް ގޭމްގެ ތެރެއަށް އެނބުރި އައިސް ބަނގުލަދޭޝްއާ ތަފާތު ކުޑަކޮށްފައެވެ.
މެޗްގައި ރައްޖެ ޓީމްގެ މުޙައްމަދު ޒިލާލް ވަނީ ރާއްޖެއަށް 26 ޕްއިންޓް ހޯދައިދީފައެވެ. މެޗްގައި އެންމެ ގިނަ ޕޮއިންޓް ހޯދި ކުޅުންތެރިޔަކީވެސް ޒިލާލްއެވެ.
މުބާރާޓުގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗްގައި ނިކުންނާނީ މާދާމާ ހެނދު 8:00 ގައި ލަންކާއާ ދެކޮލަށެވެ.
މިއަދު ހެނދުނު ކުޅުނު ދެވަނަ މެޗްގައި، މުބާރާތް ބާއްވާ ގައުމު އިންޑިއާ ވަނީ ނޭޕަލްގެ މައްޗަށް 53 ޕޮއިންޓްގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދަފައެވެ.
އެގޮތުން އިންޑިއާއިން 90 ޕޮއިންޓް ހޯދިއިރު ނޭޕަލަށް ހޯދިފައިވަނީ 37 ޕޮއިންޓެވެ.