ހަތް ދާއިރާއަކުން ސިއްޙީ ދާއިރާއަށް ބޭނުންވާ ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނުކުރުމަށް ހުޅުވާލި ފުރުސަތުގައި، ބައިވެރިންގެ ތަރުހީބު ކުޑަކަމުން ދެވަނަ ފަހަރަށް އެ ފުރުސަތު ސަރުކާރުން ހުޅުވާލައިފި އެވެ.

ޑިޕާޓްމަންޓް އޮފް ހަޔާ އެޑިޔުކޭޝަނުން މިދިޔަ މަހުގެ ފުރަތަމަ ހަފުތާގައި ކޮށްފައިވާ އިއުލާނުގައި ހަތް ދާއިރާއަކުން ޑޮކްޓަރުން ތަމްރީނު ކުރުމަށް އަލުން ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ނަމަވެސް އެކަމަށް ތަރުހީބު ކުޑަވުމުގެ ސަބަބުން އަލުން އިއްޔެ ކުރި އިއުލާނުގައި ފުރުސަތު ހުޅުވާލާފައި ވަނީ ތިން ދާއިރާއަކުން ޑޮކްޓަރުން ތަމްރީނު ކުރުމަށެވެ. އެއީ އެނެސްތީސިއޮލޮޖީގެ ދާއިރާ އިން ދެ ޑޮކްޓަރުންނާއި ޖެނެރަލް ޕްރެކްޓިޝަނަރސް ދާއިރާއިން އެއް ޑޮކްޓަރުންނެވެ.

އެ ދާއިރާތަކުން ތަމްރީނު ހޯދުމަށް ބޭނުންވާ މީހުންނަކީ އެމްބީބީއެސް ހެދުމަށް ފަހު މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓަރީވެފައިވާ މީހެއް ކަމުގައިވާން ޖެހޭނެ ކަމަށް އެ އިއުލާނުގައި ވެއެވެ.

ޑިޕާޓުމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން ބުނީ އެ ފުރުސަތުތަކަށް މީހުން ހޮވުމުގައި ވަކި މިންގަނޑުތަކަކަށް އިސްކަން ދެވޭނެ ކަމަށެވެ. އެގޮތުން އަތޮޅު ތެރޭގެ ސަރުކާރު ހޮސްޕިޓަލެއް ނުވަތަ ސިއްހީ މަރުކަޒެއްގައި މަސައްކަތް ކުރާ ޑޮކްޓަރުންނަށް އިސްކަން ދެވޭނެ ކަމަށް އެ ޑިޕާޓުމަންޓުން ނެރުނު އިއުލާނުގައި ބުނެފައިވެ އެވެ.

އަތޮޅު ތެރޭގައި މަސައްކަތްކުރައްވާ ޑޮކްޓަރުންގެ އަދަދު ހުޅުވާލެވިފައިވާ ފުރުސަތުގެ އަދަދަށް ވުރެ އިތުރުވާ ނަމަ ދެން އިސްކަންދެވޭނީ، އެމްބީބީއެސް ހެދުމަށްފަހު އަތޮޅުތެރޭގެ ސަރުކާރު ހޮސްޕިޓަލެއް ނުވަތަ ސިއްޙީ މަރުކަޒެއްގައި ޚިދުމަތް ކޮށްފައިވާ މުއްދަތަށް ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.

އެ ސްކޮލަޝިޕްގެ ދަށުން މަތީތަޢުލީމު ހާސިލުކުރުމަށް ފުރުސަތު ލިބޭ ދަރިވަރުން ކިޔަވައި ނިންމުމަށް ފަހު، އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގައި ފަސް އަހަރު ދުވަހު ޚިދުމަތް ކުރުމަށް ބޮންޑްކުރެވޭނެ ކަމަށް ވެސް ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.

ހަޔާ އެޑިއުކޭޝަނުން ބުނީ އެ ކޯސްތަކަށް ކުރިމަތިލާން ބޭނުންވާ މީހުން އަންނަ އަންގާރަ ދުވަހުގެ 1:30 ގެ ކުރިން ފޯމު ހުށަހަޅަންޖެހޭނެ ކަމަށެވެ.