05 Mar 2011, 16:41
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދެއްވި ރިޔާސީ ބަޔާނުގައި އިގުތިސޯދީ ގިނަ ކަންތައްތަކެއްގެ މައްޗަށް އަލިއަޅުވާލައްވައިފައިވީ ނަމަވެސް، ވޭތުވެދިޔަ އަހަރުގައި ހިނގި ގިނަ ކަންތައްތަކުގެ ތެރެއިން ރައްޔިތުންނަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ އެއްވެސް ކަމެއްގެ ވާހަކަ ދައްކަވައިފައިނުވާ ކަމަށް ޕީޕަލްސް އެލަޔަންސް )ޕީއޭ( އިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިދިޔަ ބުރާސްފަތު ދުވަހު ބޭއްވި ޖަލްސާގައި ރައީސް ނަޝީދު އިއްވެވި ބަޔާނަށް ރައްދުދީ ޕީއޭން ނެރުނު ބަޔާނުގައި ބުނަނީ، ރިޔާސީ ބަޔާނުގައި އެމަނިކުފާނު ހާމަކުރެއްވި ގިނަ ކަންކަމުގެ ހަގީގަތް ފޮރުވިފައިވާ ކަމަށެވެ.
"..ވޭތުވެދިޔަ 2010 ވަނަ އަހަރު ހިނގައިދިޔަ ރައްޔިތުންނަށް ރައީސުލްޖުމުހޫރިއްޔާ ޖަވާބުދާރީވެވަޑައި ގަންނަން ޖެހިވަޑައިގަންނަވާ އެއްވެސް ކަމެއްގެ ވާހަކަ ރިޔާސީ ބަޔާނުގައި ނެތްކަން ފާހަގަ[ކޮށްފައެއް]. އަދި ރިޔާސީ ބަޔާނުގައި ހާމަކުރެއްވި ގިނަ ކަންކަމަކީ ހަރުދަނާ އަސާސްތަކެއްގެ މައްޗަށް ބިނާކޮށް ދައްކާފައިވާ ވާހަކަފުޅު ތަކެއްކަމާ މެދު ސުވާލުއުފެދެ އެވެ. މިގޮތުން ހާމަކުރައްވާފައިވާ ގިނަ ކަންކަމަކީ ހަޤީގަތް ފޮރުވިފައި ހާމަނުވެވާ ވާހަކަފުޅުތަކެކެވެ،" ޕީއޭން ބުނެފައިވެ އެވެ.
މިދިޔަ އަހަރުގެ ބަޖެޓް ޑެފިސިޓަކަށް ލަފާކުރި 3.8 ބިލިޔަން ރުފިޔާ 3.1 ބިލިޔަން ރުފިޔާ އަށް ކުޑަކުރެވިފައި ވަނީ ސަރުކާރުން ހަރަދު ކުޑަކުރުމުގެ ގޮތުން އެޅި ހަރުދަނާ ފިޔަވަޅުތަކެއްގެ ސަބަބުންކަމަށް ރައީސް ނަޝީދު ވިދާޅުވާއިރު، އެއީ ސުވާލު އުފެދޭ ކަމެއް ކަމަށް ޕީއޭން ވަނީ ވަރަށް ބޮޑަށް ސަރުކާރުގެ ޚަރަދުކުޑަކުރުމުގެ ސިޔާސަތަށް ފާޑުކިޔައިފަ އެވެ.
"ހަރަދު ކުޑަ ކުރުމުގެ ގޮތުން ސިވިލް ސާވަންޓުންގެ މުސާރަ ކުޑަކޮށް ސިޔާސީ މަގާމުތަށް ތަފާތު ނަންނަމުގައި އިތުރުވެގެން ދިޔަމަންޒަރު ފެނިގެންދިޔައިރު މީޑިއާގެ ސަމާލުކަން ހޯދުމުގެ ބޭނުމުގައި ދައުލަތުގެ ފައިސާ އިސްރާފު ކުރެވެމުން ދިޔަ މަންޒަރު ވެސް ފެނިފައިވެ އެވެ. މި ޑެފިސިޓް ކުޑަކުރެވިފައި ވަނީ ދިވެހި ރައްޔިތުންގެ މިލްކެއް ކަމުގައިވާ ދިވެހިންގެ ފަޚުރުވެރި ބައިނަލްއަގުވާމީ އެއަޕޯޓް ޖީއެމްއާރު އަށް ނުއަގުގައި 25 އަހަރު ދުވަހަށް ކުއްޔަށްދީގެން ލިބުނު ފައިސާއިން ދައުލަތުގެ ރިކަކަންޓް ހަރަދު ތެރޭގައި ހިމަނައިގެން ކަމީ މުޅިދިވެހި ގައުމަށް އެނގޭ ހަގީގަތަކެވެ." އެ ބަޔާނުގައި ބުނެފައިވެ އެވެ.
ޕީއޭން ބުނީ، މާލީ އިދާރާތަކަށާއި ބޭންކުތަށް ދަރާފައިވާ 607 މިލިޔަން ޑޮލަރު ތާވަލް ކުރެވިފައިވާ ގޮތަށް ދައްކަމުން ދާކަމަށް ރައީސް ވިދާޅުވި ވާހަކަފުޅު ގަބޫލް ކުރެވޭ ނަމަވެސް ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ދައުލަތުގެ ދަރަނި ބޮޑުވެފައިވާ މިންވަރު އެމަނިކުފާނު ހާމަކުރައްވާފައި ނުވާ ކަމަށެވެ. އަދި ސަރުކާރުގެ ރައްޔިތުންނަށް "ދަޅަ ދެއްކުމުގެ ސިޔާސަތު" ތަންފީޒު ކުރުމަށް ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ދައުލަތުގެ ގެރެންޓީދީގެން ތަފާތު މާލީ އިދާރާތަކުން ނަގައިފައިވާ ދަރަނި އެ އަދަދުގައި ހިމަނާފައި ނެތްކަމަށް ވެސް ޕީއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން، ދިވެހި ފައިސާގެ އަގު މަތިކުރުމަށް ޓަކައި ހެދިފައިވާ ގަވާއިދުތަށް ހަރުދަނާކޮށް ސަރުކާރުން ކުރަންޖެހުނު ކޮންމެކަމެއް ފަސްޖެހުމެއްނެތި ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ވާހަކަފުޅު ސިފަކޮށްފައި ވަނީ ވިޔާފާރިވެރިންނަށް ދެއްވި "އިންޒާރެއް"ގެ ގޮތުގަ އެވެ. "އެހެނީ ގާނޫނުތަކާއި ގަވާއިދުތައް ހަރުކަށި ކުރުމަކުން ފިސްކަލް ރެސްޕޮންސިބިލިޓީ އަދި އަގުތިސާދީ ހަމަޖެހުމެއްނެތި ރުފިޔާގެ އަގު ހިފެހެއްޓޭނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ،"
މީގެ އިތުރުން ސަރުކާރުގެ ސެނަޓާ ރައިޓް ޕޮލިސީއަކީ "ބައިނަލްއަގްވާމީ މާލީ އިދާރާތަކާއި ބޭރުގެ އިންވެސްޓަރުންގެ ލޮލުގައި އަޅާ އަދުނެއްކަމަށް" ވެސް އެބަޔާނުގައި ބުނެފައިވެ އެވެ. އަދި ރާއްޖޭގެ ގިނަ ވިޔަފާރިތައް ދަނީ "ސިޔާސީ ނުފޫޒުގެ ދަށުގައި ފިތެމުން ހިނދެމުން" ކަމަށް ވެސް އެބަޔަނުގައި ބުނެފައިވެ އެވެ.
"ސަރުކާރާއި ސިޔާސީގުޅުމެއް ނުވާ ފަރާތްތަކަށް ގިނަގުނަ ހުރަސްތައް ކުރިމަތި ކުރުވަމުންދާއިރު ރާއްޖޭގެ އިގުތިސާދާ ބެހޭ ބޮޑެތި ކަންކަން ނިއްމަމުންދާއިރު ގައުމުގެ އިގުތިސާދު ހިފަހައްޓަވަމުންދާ ވިޔަފާރީގެ ސްޓޭކްހޯލްޑަރުންނާއި މަޝްވަރާ ނުކުރައްވާކަން ފާހަގަ ކުރަމެވެ." ރިޔާސީ ބަޔާނަށް ފާޑުކިޔައިފައިވާ އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ޕީއޭން ބުނެފައި ވަނީ، ދިވެހި ވިޔާފާޔާރިވެރިންނަށް ދިމާވާ ހުރަސްތަކުގެ ފަހަތުގައި ވެސް ވަނީ ސިޔާސީ ކުލަޖެހިފަ ކަމަށެވެ.
"އެއްވެސް ހާލެއްގައި ވިޔާފާރީގެ ލައިސަންސް ނެގުން ނުވަތަ ރަޖިސްޓަރީ ކުރުމުގައި ދިމާވާ ހުރަސް ތަކެއްނޫނެވެ. ހަގީގީ ހުރަހަކީ ސިޔާސީ ވަކި ވިސްނުމަކަށް ނޫނީ ސަރުކާރުން ކަންކަން މަގު ފަހިކޮށް ނުދިނުމުގެ ސިޔާސަތެވެ.
ސިޔާސީ ގޮތުން ހިޔާލު ތަފާތު ވިޔާފާރި ވެރިންނަށް ވެސް ލިބެން ޖެހޭ ނޯއޮބްޖެކްޝަން ސިޓީ ފަދަ ލިޔެކިޔުންތަށް ހިފެހެއްޓުމެވެ. އަދި ގާނޫނުތަކާއި ޤަވާއިދުތައް ތަންފީޒް ކުރުމުގައި ހަމަހަމަ ކަން ނެތްކަމެވެ. ވަކި ބައެއްގެ މަށްޗަށް ޤަވާއިދު ތަންފީޒު ކުރެވެމުންދާއިރު ސަރުކާރުގެ ސިޔާސީ ކުލަޖެހިގެން ތިބޭ ފަރާތްތަށް ހަމަ މިޤަވާއިދުތަކުން އިސްތިސްނާ ވެގެން ދިޔުމެވެ. ކޮލެޓްރަލް ގެރެންޓީ ވެސް ދެވެނީ ސިޔާސީ ވަކި ކުލައަކަށް ބަލާފައި ނޫނީ ދެވޭ ތަނެއް ނުފެނެ އެވެ. މިގޮތުން ސަރަހައްދީ ބަނދަރުތަކަށް ބާލާ މުދަލުން 30 ޕަސެންޓް ޑިއުޓީ މާއާފްކޮއްދެވެން ފަށާއި ވަނީ ވެސް އެއްވެސް ހާލެއްގައި އެސަރައްދުގެ އިގްތިސާދީ ހާލަތު ރަގަޅުކުރުމުގެ ނުވަތަ ދިރިއުޅުމަށް ބޭނުންވާ އަސާސީ ތަކެތީގެ އަގު ތިރިކުރުގެ މަޤްސަދު ކަމާމެދު ޝައްކު އުފެދެއެވެ،"
އެ ބަޔާނުގައި ބުނަނީ، އެ ހުރިހާ ކަންކަމެއް ވެސް ސަރުކާރުން ކޮށްދެމުންދަނީ "ސަރުކާރާއި ތަފާތު ގޮތްގޮތުން ގުޅިފައިވާ ބައެއް ވިޔާފާރީގެ މަސްލަހަތަށް ބަލައިގެން" ކަމަށެވެ. "މި ގޮތުން ދެސަރަހައްދީ ބަނދަރަށް މިހާތަނަށް ބާލައި ޑިއުޓީ ލުއި ކުރެވިފައި ވަނީ ދުންފަތުގެ ބާވަތްތަކާއި ބަގުރަލާއި އަދި ބައެއް އިންޖީނުލީ ވެހިކަލެވެ. މި ބާވަތްތަކުގެ ވިޔަފާރި މައިގަނޑުކޮށް ކުރަމުން އަންނަ ފަރާތްތަކަކީ ތަފާތު ގޮތްގޮތުން ސަރުކާރާ ގުޅިފައިވާ ފަރާތްތަކެކެވެ،"
އެ ބަޔާނުގައިވާ ގޮތުން ރާއްޖެއަށް ޓެކްސްގެ ނިޒާމް ތައާރަފްކޮށްފައިވަނީ ވެސް އެއްވެސް ކަހަލަ ދިރާސާއެއް ނުކޮށެވެ. އެހެންކަމުން އެކަމުގެ އަސަރު ކުރިމަގުގައި ފެންނާނެ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެ އެވެ.
މަސްވެރިކަމާއި ދަނޑުވެރިކަން ތަރައްގީގުކުރުމާ ގުޅޭ ގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދުދެމުން ޕީއޭން ބުނެފައި ވަނީ، އެ ދެ ދާއިރާއަށް ސަރުކާރުން އެކަށީގެންވާ ސަމާލުކަން ދީފައި ނުވާ ކަމަށެވެ. އެގޮތުން މަސްވެރިކަމަށް ދެވޭ ސަބްސިޓީއަށް ހުރަސްތައް މެދުވެރި ކުރަމުންދާ ކަމަށާއި ރައީސް ނަޝީދު ތަފާތު މުނާސަބާތަކުގައި ވައުދުވެ ވަޑައިގެން ފައިވާ މަސްވެރިކަމާ ގުޅޭ ވައުދުފުޅުތައް ފުއްދަން ރާއްވަވައި ފައިވާ މަންޒަރު ނުފެންނަ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.
މީގެ އިތުރުން ޖީއެމްއާރަށް އެއާޕޯޓު ކުއްޔަށް ދިން މައްސަލަ ފާހަގަކޮށް އެޕާޓީން ބުނެފައި ވަނީ، އެތަން ޖީއެމްއާރަށް ކުއަޔަށް ދީފައިވަނީ އެތަނުންދޭ ޚިދުމަތްތަށް ފުޅާކޮށް ތަރައްގީކޮށް ރާއްޖެއަށް ވަންނަ ބޭރު ފައިސާ އިތުރުކުރުވުމުގެ ބޭނުމުގައި ކަމުގައި ބެލެވޭ ޖާގަ ވަރަށް ކުޑަ ކަމަށާއި އެތަން ކުއްޔަށްދިނުމުގެ ހަގީގަތް ރިޔާސީ ބަޔާނުގައި ވަނީ އޮޅުވައިލައިފަ ކަމަށެވެ.
"މިހެނީ ޖީއެމްއާރުގެ ތަރައްގީ ޕްލޭންގައި އިތުރު ރަންވޭއެއް ހިމެނިފައިނުވެ އެވެ. ހަމަ އެކަނި ޓާމިނަލް ތަރައްޤީ ކުރުމުން ރާއްޖޭގައި ޖައްސާ ފުލައިޓްތަކުގެ އަދަދު އިތުރުވެގެން ދާނެކަމާ މެދު ޝައްކު އުފެދެ އެވެ. އެއަޕޯޓަށް ވަންނަ ބޭރު ފައިސާ ޓްރާންސްފާ ވެގެން ބޭރުޤައުމްތަކަށް ދާއިރު ކުންފުނިތަކުން ޙިދުމަތުގެ އަގު ބޭރުފައިސާ އިން ދައްކަން މަޖުބޫރު ކުރުވަމުންދާ އިރު ޖީއެމްއާރުން ދިވެހި ފަރާތްތަކަށް އަދާ ކުރަން ޖެހޭ އަގު އަދާކުރަނީ ފައިސާއިންނެވެ.
ރިޔާސީބަޔާނުގައި ޖީއެމްއާރާއި އެއަޕޯޓު ހަވާލުކުރި ބޭނުން އެވަނީ ޙަޤީޤަތާއި ޚިލާފަށް ކަމަށް ޤަބޫލުކުރެވެ އެވެ."
ޕީއޭން ބުނަނީ، ދަތުރުފަތުރުގެ ނިޒާމުން ވެސް "ސަރުކާރަ ގުޅިފައިވަ ބަޔަކަށް ފައިދާހޯދައިދިނުން ނޫން ބޭނުމެއްނެތް" ކަމަށާއި އެ ނިޒާމް ހަރުދަނާ ދެމެހެއްޓެނިވި ގޮތަކަށް އޮޕަރޭޓްކުރެވޭތަން ނުފެންނަ ކަމަށެވެ. "އެހެންނަމަވެސް ތަފާތު ނަންނަމުގައި ސަބްސިޓީސް ގެގޮތުގައި ރަށްރަށާއި ބިން މިފަރާތްތަކާ ނުއަގުގައި ޙަވާލުކުރެވޭ މަންޒަރު ފެނެއެވެ"
އަދި އަތްފޯރާފަށުގައި ބޯހިޔަވަހިކަން ވެސް ފޯރުކޮށްދޭނެ ކަމަށް ބުނެ ސަރުކާރުން ދައްކަމުންދާ ވާހަކަތަކީ "ސިޔާސީ ސްޓަންޓެއް" ކަމަށް ވެސް އެބަޔާނުގައި ވަނީ ބުނެފަ އެވެ.
"ކޮންމެ އިންތިހަބަކާ ދިމާކޮށް އެތައް ފުލެތުތަކެއްގެ ވައުދުވެ އަދި މިހާތަނަށް އެއްވެސް ވައުދެއް ހަޤީގަތަކަށްވެފައިނުވެ އެވެ. މިގޮތުން ވެތުވެދިޔަ އާންމު އިންތިހާބުގެ ކެމްޕެއިން ދުވަސްތަކުގައި ރާއްޖޭގެ ތަފަތު ރަށްރަށުގައި ރައީސް ނަޝީދު އަޅުއްވައިދެއްވަން ވިދާޅުވެފައިވާ ފްލެޓުތައް އެއި މި ސްޓަންޓުގެ ސާފު މިސާލެކެއެވެ. އަދި ހަމަ މިގޮތުން މިރިޔާސީ ބަޔާނުގައި ހާމަކުރައްވައިފައިވާ ގިނަ ބޮޑެތި ޕްރޮޖެކުޓްތަކަކީ ހަގީގަތަށް ވުމަށް ވުރެ ހިޔާލީ ތަސަށްވުރެއްގެ ގޮތުގައި ނުވަތަ ފަލްސަފާއެއްގެ ގޮތުގައި ރިޔަސީ ދައުރު ނިމުން ކައިރި ކަންކަމެވެ."
އެބަޔާނުގައި ބުނަނީ، ރިޔާސީ ބަޔާނުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ބަލައި ދިރަސާކުރާއިރު އެމަނިކުފާނާއި އަދި އިގުތިސާދީކަންކަމުގައި އެމަނިކުފާނާ އެކު އުޅުއްވާ ބޭފުޅުންނަކީ "އިޤްތިސާދު ރަނގަޅަށް އެނގިވަޑައި ނުގަންނަވާ ނުވަތަ ދިވެހި އިގުތިސާދު ރަންގަޅުކުރުމުގެ އިޙުލާސްތެރި ނިޔަތެއް ނެތް ބައެއް" ކަމަށެވެ.
އަދި މިހާރު ދިވެހި އިގުތިސާދީ ހާލަތަށް ބަލާއިރު ގައުމު ހަރަކާތްތެރި ކުރުމަށް މަހަކު 400 މިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި ޚަރަދުވާނެކަމަށް ބެލެވޭ ކަމަށް ވެސް ޕީއޭން ބުނެފައިވެ އެވެ.
"ހަމަ އެކަނި ތަސައްވުރެއް އޮތުމަކުން ވަޒީފާގެ ފުރުސަތު އިތުރުވެ ގައުމުގެ އިގުތިސާދު ހަމަ މަގަށް ނޭޅުވޭނެ ކަން ގަބޫލުކުރައްވައި ކްލައިމެޓް ޗޭންޖް ނުވަތަ އެހެން ގައުމު ތަކުގެ ދާޚިލީ މައްސަލަތަކަށް ސަމާލުކަން ދެއްވުމުގެ ބަދަލުގައި މި ގައުމުގެ އިގްތިސާދު ހަމަމަގަށް އެޅުއްވުމަށް އިޚްލާސްތެރިކަމާއި އެކު ސީރިއަސްވެވަޑައިގަތުމަށް މިޕާޓިގެ ފަރާތުން ގޮވައިލަމެވެ." ޕީއޭގެ ބަޔާނު ނިންމާލަމުން ބުނެފައި ވެއެވެ.