03 Jul 2015, 00:16
ޖައިޕޫރު: އިންޑިއާގެ ކުރީގެ މަޝްހޫރު ފިލްމީތަރި އަދި މިހާރު ވެރިކަންކުރާ ބީޖޭޕީ ޕާޓީގެ ޕާލަމެންޓް މެންބަރު ހެމާ މާލިނީގެ މާސިޑިޒް ކާރު ރާޖެސްތާންގެ ހައިވޭއެއްގައި ދުއްވާފައި ދަނިކޮށް، މަރޫޓީ އަލްޓޯ ކާރެއްގައި ޖެހި އެ ކާރުގައި އިން ހަތަރު އަހަރުގެ އަންހެން ކުއްޖަކު މަރުވެއްޖެ އެވެ.
އިންޑިއާގެ ފުލުހުންނާ ހަވާލާދީ އެގައުމުގެ ނޫސް އޭޖެންސީތައް ބުނާގޮތުން އިންޑިއާގެ ޕާލަމެންޓުގައި މަތޫރާ ތަމްސީލުކުރައްވާ ބީޖޭޕީގެ މެންބަރުގެ ކާރުކޮޅު، މިރޭ 9:00 ކަންހާއިރު ރާޖެސްތާންގެ ދައުސާ ކައިރިން ނޭޝަނަލް ހައިވޭގައި ގަޑިއަކު 60 ކިލޯމީޓަރުގެ ބާރުމިނުގައި ދުއްވާފައި ދަނިކޮށް، ހަތަރު އަަހަރުގެ އަންހެއް ކުއްޖާއާއި އެކުއްޖާގެ އާއިލާގެ އިތުރު ހަތަރު މެންބަރަކު ދަތުރުކުރަމުން ދިޔަ ކާރުގައި ޖެހި އެކްސިޑެންޓް ހިނގީ އެ ކާރު ދުއްވަން އިން ޑްރައިވަރުގެ ފަރުވާކުޑަކަމުންނެވެ.

ހެމާގެ ކާރު އެކްސިޑެންޓްވި، މަރޫޓީ އަލްޓޯ ކާރަށް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި -- ފޮޓޯ: އިންޑިއަން އެކްސްޕްރެސް
މި އެކްސިޑެންޓްގައި ހެމާގެ ކަނާތްފަރާތު ބުމަކައިރި ފަޅައިގެން ގޮސް، ނޭފަތުގެ ކަނާތްފަރާތުން ވެސް ކުޑަ ތަންކޮޅެއް ޒަޚަމްވެފައިވާއިރު، މަރޫޓީ އަލްޓޯގައި ތިބި، މަރުވި އަންހެން ކުއްޖާގެ ބެެލެނިވެރިންގެ އިތުރުން އެ އާއިލާގެ އިތުރު ތުއްތު ކުއްޖަކަށްވެސް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ކަމަށްވެއެވެ.

އިންޑިއާގެ ކުރީގެ މަޝްހޫރު ފިލްމީ ބަޠޮލާ އަދި މިހާރު ވެރިކަންކުރާ ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓް މެންބަރު ހެމާ މާލިނީގެ ކާރު އެހެން ކާރެއްގައި ޖެހި އެކްސިޑެންޓްވެ ހެމާ ޒަޚަމްވެފައި. މި ހާދިސާގައި އަނެއް ކާރުގައި އިން 4 އަހަރުގެ ކުއްޖަކު ވަނީ މަރުވެފައި -- ފޮޓޯ: ބޮލީވުޑްޓެބްލޮއިޑް
އިންޑީއާގެ "ޑްރީމް ގާލް"ގެ ނަމުން މަޝްހޫރު، މިހާރު އުމުރުން 66 އަހަރުގެ ހެމާއަށް ޖައިޕޫރު ހޮސްޕިޓަލްގައި ވަނީ ފަރުވާދީފައެވެ. ހޮސްޕިޓަލްގެ މުވައްޒަފުންނާ ހަވާލާދީ އެންޑީ ޓީވީން ބުނީ، ހެމާގެ ބުމައާއި ނޭފަތް ކައިރިން ދެތިންތަނެއް 'ސްޓިޗް'ކޮށްފައި ހުރި ކަމަށާއި އޭނާއަށް އިތުރު އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.
ހެމާގެ ކާރު އެކްސިޑެންޓްވެފައި ވަނީ، މަޖިލީހުގައި އޭނާ ތަމްސީލުކުރައްވާ މަތޫރާއިން ޖައިޕޫރަށް ދަތުރުކުރަނިކޮށެވެ.
މި ޚަބަރާގުޅޭ އިތުރު ފޮޓޯތައް ާގައި.