ދިރާގުގެ ޕޯސްޓް ޕެއިޑް ކަސްޓަމަރުންގެ ތެރެއިން ބައެއް ކަސްޓަމަރުންގެ ފޯނުން އެހެން ފަރާތްތަކަށް ގުޅުމުގެ ޚިދުމަތް މިއަދު މެދުކެނޑިއްޖެ އެވެ.

ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖާ މުހައްމަދު މިރުޝާން ހަސަން މިއަދު ވިދާޅުވީ، ދިރާގުގެ ބައެއް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އަންނަ ކޯލުތައް ލިބުނު ނަމަވެސް، އައުޓްގޮއިން ނުވަތަ އެހެން ފަރާތްތަކަށް ގުޅުމުގެ ޚިދުމަތް މެދުކެނޑުނު ކަމަށެވެ. އެގޮތަށް ޚިދުމަތް މެދުކެނޑުނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށާއި އެ މައްސަލަ ރަނގަޅުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް މިރުޝާން ވިދާޅުވި އެވެ.

އެ މައްސަލަ ދިމާވި ޕޯސްޓްޕެއިޑް ކަސްޓަމަރަކު މިއަދު ބުނީ، ފޯނަށް އަންނަ ކޯލްތަކަށް ޖަވާބު ދެވުނު ނަމަވެސް، އެހެން އެއްވެސް ފަރާތަކަށް ނުގުޅޭ ކަމަށެވެ. އަދި އެ މައްސަލަ ދިމާވުމުން ކަސްޓަމާ ސާވިސަސްއާ ގުޅައި ޝަކުވާ ހުށަހެޅި ކަމަށާއި، ޚިދުމަތް އަލުން ގުޅައިދިނީ ބައިގަޑިއިރެއްހާއިރު ފަހުން ކަމަށެވެ.

"ބިލު ވެސް ދައްކައިފައި އޮތީ. އެކަމަކު މިއަދު ކުއްލިއަކަށް ގުޅަން މަސައްކަތްކުރީމަ ނުއެއް ގުޅޭ. ދިރާގަށް ގުޅީމަ ބުނީ މިއަދު ދިމާވެގެން އުޅޭ ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނޭ އެހެންވީ،" ނަން ނުޖެހުމަށް ޝަރުތުކޮށް ކަސްޓަމަރު ބުންޏެވެ.

އެ މައްސަލަ ދިމާވި ބައެއް ކަސްޓަމަރުން ބުނި ގޮތުގައި ހިދުމަތް ކެނޑުނީ ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް ކްރެޑިޓް ލިމިޓެއް ކަނޑައެޅުމަށް ދިރާގުން ކުރި މަސައްކަތެއްގެ ސަބަބުންނެވެ. އަދި އެމީހުން ބުނި ގޮތުގައި އެމީހުންގެ ފޯނުގެ ހިދުމަތް ކުއްލި ގޮތަކަށް ކަނޑާލީ އެންމެ ފަހުގެ ބިލު ވެސް ދައްކާފައި ވަނިކޮށެވެ.

ޚިދުމަތް މެދުކެނޑުމާ ގުޅިގެން ބައެއް ކަސްޓަމަރުން ވަނީ ދިރާގުގެ ޓެލެޝޮޕްތަކަށް ގޮސް ހިތްހަމަނުޖެހުން ވެސް ފާޅުކޮށްފަ އެވެ.