ބިދޭސީ މަސައްކަތްތެރިނަށް އިންޝުއަރެންސްގެ ޚިދުމަތް ދިނުން އިއްޔެއިން ފެށިގެން މަޖުބޫރުވާނެ ކަމަށް ޑިޕާޓްމެންޓް އޮފް އިމިގްރޭޝަނުން އެންޑް އެމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ޚަލީލް މިއަދު ސަން އަށް ވިދާޅުވީ އިންޝުއަރެންސް ނުނަގާ އެއްވެސް ފަރާތަކަށް ވިސާ ނުދޭނެ ކަމަށެވެ.

އިންޝުއަރެންސް ޕޮލިސީ އެއް ނުނަގާ މިހާރު ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީ މަސައްކަތްތެރިން އަންނަ ޑިސެމްބަރު މަހުގެ ކުރިން އިންޝުއަރެންސް ނަގަަން މަޖުބުރުވާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

މިހާރުވެސް އިންޝުއަރެންސް ނަގާފައިވާ ފަރާތްތަކަށް އެ ނަގާފައިވާ ޕޮލިސީގެ މުއްދަތު ހަމަވަންދެން ވަގުތުދޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

"އެބަހުރި ބައެއް ޕޮލިސީތައް ޚާއްސަކޮށް ރިސޯޓް ދާއިރާއިން ނަންގަވާފައި ހުރި ޕެކޭޖްތައް. އޭގެ ތެރެއިން ގިނަ ޕެކޭޖްތަކުގައި އަޅުގަނޑުމެންގެ ކްރައިޓީރިއާ ހަމަވާ، އެ ޕޮލިސީ ތަކަށް އޮނާ ކުރާ ހަމަޖައްސާފަ އޮތީ" ޚަލީލް ވިދާޅުވިއެވެ.

އެހެންނަމަވެސް އެ ޕޮލިސީތަކުގެ މުއްދަތު ހަމަވުމުން އެ ފަރާތްތަކުން ވެސް އެލައިޑް އިންޝުއަރެންސުން ބިދޭސީން އިންޝުއާ ކުރަންޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ފައްސަތޭކަ ފަންސާސް ރުފިޔާ އިން އެއްލައްކަ ރުފިޔާއާ ހަމައަށް ކަވާކުރެވޭ

އަހަރަކު 550 ރުފިޔާ އަށް ނެގޭ އެ ޕޮލިސީގެ ދަށުން 100،000 ރުފިޔާއާ ހަަމައަށް 'ކަވާ' ކުރެވޭނެ ކަަމަށް އެލައިޑް އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލް ވިދާޅުވިއެވެ. އެ ޕޮލިސީގެ ދަށުން ބޭސްފަރުވާއަށް ކުރާ ޚަރަދުތައް ދެނީ ހަމައެކަނި އެޑްމިޓްކޮށްގެން ދެވޭ ޚިދުމަތަށެވެ.

"އެއްލައްލަ ރުފިޔާ އާއި ހަމައަށް ބޭސްފަރުވާ ކުރެވޭނެ. އަނެއްކާ ނިޔާވެއްޖެ ހާލަތެއްގަ އެމީހެއްގެ ގައުމަށް ހަށިގަނޑު ފޮނުވުމުގެ ނިޒާމުވެސް ހަމަޖެހިގެންދާނެ،" އަމީލް ވިދާޅުވިއެވެ.

ހަށިގަނޑު ނުފޮނުވޭ ހާލަތެއް ދިމާވެއްޖެ ނަަމަ އެމީހެއްގެ އާއިލާ އަށް 2000 ޑޮލަރު ދޭނެ ކަަމަށް އަމީލް ވިދާޅުވިއެވެ.

"ބައެއް މީހުން ބޭނުމެއް ނުވޭ ހަށިގަނޑުގެންދާކަަން އެހާލަތުގަ މިދެނީ އާއިލާއަށް 2000 ޑޮލަރު،" އަމީލް ވިދާޅުވިއެވެ.

އަމީލް ވިދާޅުވީ އަތޮޅުތެރޭގައި ހުންނަ ބިދޭސީއަކަށް ސިއްޙީ ފަރުވާ ބޭނުންވެގެން އެހެންރަށެއްގެ ހޮސްޕިޓަލަކަށް ނުވަތަ މާލެ އަށް ގެންނަން ކުރާ ޚަރަދުވެސް އެ ޕޮލިސީން ކަވާކުރާނެ ކަމަށެވެ.

ހަތްސަތޭކަ ފަންސާސް ރުފިޔާ އަށް އައުޓްޕޭޝަންޓް އިންޝޫރެންސާއި ޑިސްއެބިލިޓީ އިންޝުއަރެންސް

ފައްސަތޭކަ ފަަންސާސް ރުފިޔާ އަށް ލިބޭ ޕެންޝަން ސްކީމަށް ދުއިސައްތަ އިތުރުކޮށް ޖުމްލަ 750 ރުފިޔާ ދެއްކުމުން ހޮސްޕިޓަލުގައި އެޑްމިޓްނުކޮށް ލިބޭ ހިދުމަތްތަކަށް ވެސް ފައިސާ އިތުރަށް ދައްކަންނުޖެހޭނެ ކަަމަށް އަމީލް ވިދާޅުވިއެވެ.

އަދި ވަޒީފާ އަދާކުރުމުގެ ތެރޭގައި އެއްކޮށް ނުކުޅެދުންތެރިއަކަށް ވެއްޖެނަމަ 50،000 ރުފިޔާ ލިބޭނެ ކަމަށް ވެސް އަމީލް ވިދާޅުވިއެވެ.

ބިދޭސީ މަސައްކަތްތެރިންނަށް އިންޝުއަރެންސް ސްކީމެއް ތައާރަފްކުރަން ނިންމީ ބޭރު ގައުމުތަކުގެ އެމްބަސީތަކުން އެކަމުގެ ޝަކުވާ ލިބެމުންދާތީ ކަަމަށް އިމިގްރޭޝަނުން ބުންޏެވެ.