އދ. މަޖިލިސް (ޖުލައި 2): ދުނިޔޭގެ ކޮންމެ ތިންމީހެއްގެ ތެރެއިން އެކަކީ ފާޚާނާގެ ނިޒާމެއްނެތި ގަޟާހާޖަތް ކުރާމީހުން ކަމަށް އދ. ން ބުނެފި އެވެ.

ދުނިޔޭގައި ފާޚާނާގެ ނިޒާމާއި ސާފު ބޯފެނުގެ ނިޒާމް ތަރައްގީ ވަމުންދާ މިންވަރާބެހޭ ގޮތުން ކުރި ދިރާސާއަކަށް ފަހު އދ. ން ނެރުނު ރިޕޯޓެއްގައި ފާޚާނާގެ ނިޒާމުން މަހްރޫމްވެފައިވާ 2.4 މިލިޔަންމީހުން ދުނިޔޭގައި އުޅޭކަން ފާހަގަކޮށްފައިވެ އެވެ. މީގެ ތެރެއިން 946 މިލިޔަން މީހުންނަކީ ހާމަތަންތަނަށް ގަޟާހާޖަތް ކުރަން ޖެހޭ މީހުންކަން ވެސް ފާހަގަކޮށްފައިވެ އެވެ. މިދިރާސާ ކޮށްފައި ވަނީ ޔުނިސެފް އާއި ޑަބްލިޔޫއެޗްއޯ ގުޅިގެންނެވެ.

މިރިޕޯޓް ބުނާގޮތުން ފާއިތުވި ފަންސަވީހަކަށް އަހަރުތެރޭގައި ވަނީ ދުނިޔޭގެ ގިނަ ގައުމުތަކުގައި (ފަގީރުންގެ ސަރަހައްދުތަކުގައި ވެސް) ފާޚާނާގެ ނިޒާމާއި ސާފު ބޯފެނުގެ ނިޒާމްތައް ވަރަށްބޮޑަށްފުޅާވެ އަދި ތަރައްގީވެސް ވެގެންގޮސްފަ އެވެ. މިގޮތުން 1990 ވަނަ އަހަރުން ފެށިގެން މިހާތަނަށް 2.6 ބިލިޔަން މީހުންނަށް ސާފުބޯފެން ލިބޭނެ އިންތިޒާމްތައް ހަމަޖެހިގެން ގޮސްފައިވާ އިރު 2.1 ބިލިޔަން މީހުންނަށް ފާޚާނާގެ ނިޒާމު ތަނަވަސްވެގެން ގޮސްފައިވާކަން މިރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

މިކުރިއެރުންތަކާއެކު ވެސް ސާފު ބޯފެން ނުލިބުމުގެ ސަބަބުން ޖެހޭބަލިތަކުގައި ފަސްއަހަރުން ދަށުގެ ހާހަކަށްވުރެ ގިނަ ކުޑަކުދިން ދުވާލެއްގެ މައްޗަށް މަރުވަމުންދާކަމަށް މިރިޕޯޓް ބުނެ އެވެ. ނަމަވެސް މީގެ ފަންސަވީސް އަހަރު ކުރިން ސާފު ބޯފެން ނުލިބުމުގެ ސަބަބުން ޖެހޭބަލިތަކުގައި ފަސްއަހަރުން ދަށުގެ ދެ ހާހަށްވުރެ ގިނަ ކުޑަކުދިން ދުވާލެއްގެ މައްޗަށް މަރުވަމުންދާކަމާއި ސާފު ބޯފެން ނުލިބުމުގެ ސަބަބުން މަރުވާ ކުޑަކުދިން ގެ އަދަދު ދުވާލެއްގެ މައްޗަށް ދެ ހާހުން އެއް ހާހަށް ދަށްކުރެވިފައި ވުމަކީ ހޯދުނު ބޮޑު ކާމިޔާބީއެއްކަމަށް އދ. ން ބުނެއެވެ. (ނޫސްއެޖެންސީތައް)