ކެއްކުމަށް އާންމުކޮށް ބޭނުންކުރާ 10 ކިލޯގެ ކައްކާ ގޭސްފުޅިއެއްގެ އަގުން 40ރ. ބޮޑުކޮށް، ގޭސްފުޅިއެއްގެ އަގު 225ރ. އަށް ބޮޑުކޮށްފި އެވެ.

ރާއްޖޭގައި ކައްކާ ގޭސް ވިއްކާ، މޯލްޑިވް ގޭސް އާއި ވިލާ ގޭސް އިން ވެސް ވަނީ 10 ކިލޯގެ ގޭސްފުޅިއެއްގެ އަގު 185ރ. އިން 225 ރ. އަށް އިއްޔެ އިން ފެށިގެން ބޮޑުކޮށްފަ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯގެ ބޮޑު ހިއްސާއެއް އޮންނަ މޯލްޑިވް ގޭސް އިން މިއަދު ބުނީ ދުނިޔޭގެ މާކެޓުގައި ގޭސް ލިބޭ އަގު ބޮޑުވުމާ އެކު ކުރިން 185ރ. އަށް ވިއްކަމުން އައި 10 ލީޓަރުގެ ގޭސްފުޅިއެއް އިއްޔެ އިން ފެށިގެން ވިއްކަމުން އަންނަނީ 225ރ. އަށް ކަމަށެވެ. މިއީ 40ރ. އިތުރު ވުމެކެވެ.

އެ ކުންފުނިން ބުނީ ގޭހުގެ އަގު މި ދުވަސްވަރު ބޮޑުވާން ދިމާވީ އިންޑިޔާ ކަނޑުގައި ކަނޑުފޭރޭ މީހުންގެ ނުރައްކާތެރިކަން ބޮޑުވުމުން މުދާ އުފުލާ އަގު ވެސް ބޮޑުވެފައި ވާތީ ކަމަށެވެ.

އެންމެން ކަހަލަ ގޮތަކަށް ކެއްކުމަށް ބޭނުން ކުރާ 10 ކިލޯގެ ގޭސްފުޅިއެއްގެ އަގު މޯލްޑިވިސް ގޭސް އިން ބޮޑުކޮށްފައިވާ އިރު ވިލާ ގޭހުން ވެސް ވަނީ އާންމުކޮށް ބޭނުންކުރާ 10 ކިލޯގެ ގޭސްފުޅިއެއް ވިއްކާ އަގު އިއްޔެ އިން ފެށިގެން ބޮޑުކޮށްފަ އެވެ. ކުރިން 185ރ އަށް ވިއްކަމުން އައި 10 ކިލޯގެ ގޭސްފުޅިއެއް އެ ކުންފުނިން މިހާރު ވިއްކަނީ 225ރ. އަށެވެ

އެ ކުންފުނިން ވެސް މިއަދު ބުނީ ގޭހުގެ އަގު ބޮޑުކުރަންޖެހުނީ ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލުމުން ކަމަށެވެ.
އެންމެ ފަހުން ރާއްޖޭގެ ބާޒާރުގައި ގޭހުގެ އަގަށް ބަދަލު އައިސްފައި ވަނީ މިދިޔަ އަހަރުގެ ކުރީ ކޮޅު އެވެ.