02 Jul 2015, 16:16
މޮސްކޯ (ޖުލައި 2) : އެމެރިކާއަކީ ދުނިޔޭގެ ބޮޑުބާރުކަމަށް ގައުމުތައް ދެކެމުން ދިޔަނަމަވެސް އެމެރިކާ އަށް އެކަހެރި ގޮތެއްގައި ދުނިޔޭގެ އެއްވެސް މައްސަލައެއް ހައްލުވެފައިނުވާ ކަމަށް ރަޝިޔާއިން ބުނެފި އެވެ.
ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ވިދާޅުވީ އެމެރިކާ އިން މައްސަލަ ހައްލުކުރުމަށް ފުރަތަމަ އަޅަނީ ދަތިކުރުމުގެ ފިޔަވަޅުތައް ކަމަށާ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން ގައުމުތަކަށް ބިރުދައްކައިގެން އެންމެ ކުޑަގައުމު ވެސް ބޯނުލަނބާތީ ދެން އެމެރިކާ ބޭނުންކުރަނީ އަސްކަރީ ބާރުކަމަށާ އަސްކަރީ ބާރުބޭނުންކޮށް ގައުމުތައް ހަލާކުކޮށްލައިގެން މައްސަލަވަނީ އިތުރަށް ގޯސްކަން އިރާގުގެ މައްސަލައިން އެކަނި ވެސް ހާމަވެފައިވާ ކަމަށް ލާވްރޯވް ވިދާޅުވި އެވެ.
ދުނިޔޭގައި އިގްތިސާދީ ގޮތުން އެންމެ ބާރަށް ކުރިއަރަމުން އަންނަ ބްރިކްސްގެ ގައުމުތަކުގެ ޒުވާނުންނަށް ޚާއްސަކޮށްގެން ބާއްވާ މަހާސިންތާއެއްގައި ވާހަކަ ދައްކަވަމުން ލާވްރޯވް ވިދާޅުވީ އެމެރިކާ ކިތަންމެ ބާރުގަދަ ނަމަވެސް އެހެން ގައުމުތަކުގެ އެހީއާނުލައި އެއްވެސް ކަމެއް އެމެރިކާއަށް ނުކުރެވޭ ކަމުގަ އެވެ. އަދި އިރާގުފަދަ ގައުމުތަކުގައި އެމެރިކާ ހިންގާފައިވާ ހަރުކަށި އަމަލުތަކުގެ ނަތީޖާ މިއަދު ފެންނަމުންދަނީ ވަރަށް ހިތިކޮށް ކަމަށްވެސް ލާވްރޯވް ވިދާޅުވި އެވެ.
ދުނިޔޭގައި އިގްތިސާދީ ގޮތުން އެންމެ ބާރަށް ކުރިއަރަމުން އަންނަ ބްރިކްސްގެ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ރަޝިޔާގެ އިތުރުން ޗައިނާ، ބްރަޒީލް، ދެކުނު އެފްރިކާ އަދި އިންޑިޔާ އެވެ. މީގެތެރެއިން ރަޝިޔާއަކީ ޔުކްރޭންގެ މައްސަލާގައި ސިޔާސަތު ގެންގުޅޭގޮތުން އެމެރިކާ ނުރުހޭތީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ގައުމެކެވެ. ނަމަވެސް ދަތިކުރުމުގެ މިފިޔަވަޅުތަކާ އެކު ވެސް އެމެރިކާގެ އެދުންތަކަށް ރަޝިޔާއިން އިޖާބަދޭ ތަނެއް ނުފެނެ އެވެ.
ކިޔުބާއަކީ އެމެރިކާގެ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އެންމެ ބޮޑަށް ތަހައްމަލް ކުރި ގައުމެވެ. ނަމަވެސް ބައިގަރުނު ފަހުން އެމެރިކާ އަމިއްލައަށް ވަނީ ކިޔުބާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަކީ ބޭކާރު އަދި ނަތީޖާ ނުނެރެވުނު ފިޔަވަޅުތަކެއް ކަމަށް އިއުތިރާފްވެ ވީއެންމެ އަވަސް ފުރްސަތެއްގެ ތެރޭގައި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެ ކަމަށް ބުނެފަ އެވެ. އަދި އެމެރިކާ އަމިއްލަ އަށް އިސްނަގައިގެން ކިޔުބާއާ އެކު ޑިޕްލޮމެޓިކް ގުޅުންތައް ވެސް އިއްޔެ ވަނީ އަލުން ގާއިމްކޮށްފަ އެވެ.
ޗައިނާއަކީ ވެސް އެމެރިކާއިން ޓެކްނޮލޮޖީގެ ދާއިރާގައި ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ގައުމެކެވެ. ނަމަވެސް މިހާރު ޗައިނާއަކީ މަތީފެންވަރުގެ ހުރިހާ ބާވަތެއްގެ ޓެކްނޮލޮޖިގައި ޚުދު އެމެރިކާއާ އެންމެ ބޮޑަށް ވާދަކުރާ ގައުމުކަމަށްވަނީ ވެފަ އެވެ. ޗައިނާގައި 1949ގައި ކޮމިއުނިސްޓް ވެރިކަމެއް އުފެދުމުން ޗައިނާ ދައުލަތް ގަބޫލުކުރުމަށް ދެކޮޅުހެދި އެމެރިކާ، 1973 ވަނަ އަހަރުވަނީ އަމިއްލައަށް އިސްނަގައިގެން ޗައިނާއަށް އިޢްތިރާފްވެ ޗައިނާ އަކީ ދުނިޔޭގެ ބޮޑު ބާރެއް ކަމުގައި ގަބޫލުކޮށްފަ އެވެ.
އެމެރިކާވަނީ ނިއުކްލިޔާ ހަތިޔާރު ތަޖްރިބާ ކުރުމުން އިންޑިޔާއާ އަދި ޕާކިސްތާނާ ދެކޮޅަށް ވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ. ނަމަވެސް މިފިޔަވަޅުތަކުގެ ސަބަބުން މިދެ ގައުމުންކުރެ އެއް ގައުމުވެސް ނިއުކްލިޔާ ޕްރޮގްރާމް ދޫކޮށްލާފައެއް ނުވެ އެވެ. އަދި އެދެގައުމާ ދެކޮޅަށްއެޅި ދަތިކުރުމުގެ ފިޔަވަޅުތަކެއް ވެސް މިހާރަކު ނެތެވެ.
އެމެރިކާ ވަނީ ނިއުކްލިޔަރ މައްސަލާގައި އީރާނާ ދެކޮޅަށްވެސް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ. މިފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް ހުއްޓުވިފައެއް ނުވެ އެވެ. އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް ނުހުއްޓުވުމުންއެމެރިކާ މިހާރު ގެންދަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ މިފިޔަވަޅުތައް އުވާލާނެ ގޮތެއް ހޯދުމުގެ ގޮތުން އީރާނާއެކު ނިއުކްލިޔަރ ވާހަކަތަކެއް ދައްކަމުންނެވެ. މިވާހަކަތަކުގައި އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް އުވާލުން ނޫނީ ނައްތާލުން ޝަރުތުކޮށްފައެއްވެސް ނުވެއެވެ. (ނޫސްއެޖެންސީތައް)