02 Jul 2015, 15:30
ކޮމަންވެލްތުން ރާއްޖެ ވަކިވާން ވިސްނަމުންދާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އެޖެންޑާގައި ރާއްޖެ ހިމެނުމަށް ބައެއް ގައުމުތަކުން މަސައްކަތް ކުރަމުންދާތީ އެކަމާ ބޭ ގޮތުން މީޑިއާ މިއަދު ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވީ ކޮމަންވެލްތުގައި ރާއްޖޭން ބައިވެރިވެގެން އޮންނަނީ އެއީ މާއްދީ ގޮތުން މާބޮޑެތި ފައިދާތަކެއްވާ ޖަމާއަތެއް ވީމާ ނޫން ކަމަށެވެ.
"...ކޮންމެ ގައުމެއް ވެސް ނުވަތަ އެއްވެސް ބައެއް ވެސް ޖަމިއްޔާ ޖަމާއަތެއްގައި ހިމެނިގެން އެޖަމިއްޔާއެއްގައި ތިބޭނީ އެޖަމިއްޔާއަކުންފައިދާތަކެއް އެގައުމަކަށް ލިބިގެންދާ ކަމަށް ވަންޏާއޭ. އެހެންވީމާ ކޮމަންވެލްތުގައި ވެސް އަޅުގަނޑުމެން ޗަންދާތަކެއް ވެސް ދައްކައި، ފައިސާ ދައްކައި، އަޅުގަނޑުމެން މި ޖަމިއްޔާގައި ތިބޭނީ އޭގެން ފައިދާތަކެއް ލިބެންޏާ. އިންސާފާ ހިލާފަށް އަޅުގަނޑުމެންނާ ދޭތެރޭގައި ނިންމުންތަކެއް ނިންމައި މިކަހަލަ ކަންތައްތަކެއް ކުރެވެންޏާ އަނެއްކާ ވެސް ހަމަ ދުވެހި ސަރުކާރުން ވެސް ކޮމަންވެލްތުގައި ތިބުމާ ބެހޭ ގޮތުން ސުވާލު އުފައްދާނޭ. ނުވަތަ ތިބުމަކީ މުހިއްމު ކަމެއްތޯ އާ ވިސްނުމަކަށް ހަމަ އަލުން ވެސް ދާނޭ،" ކޮމަން ވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާއަށް ދަންނަވާފައިވާނޭ ކަމަށް ދުންޔާ ވިދާޅުވި އެވެ.
ދުންޔާ ވިދާޅުވީ ރާއްޖެ ސީމެގް އެޖެންޑާގައި ހިމެނުމަށް މަސައްކަތް ކުރަމުން ދަނީ އުސޫލާ ހިލާފަށް ކަމަށް ވެސް ސެކްރެޓަރީ ޖެނެރަލް އަށް ދަންނަވާފައިވާނެ ކަމަށެވެ. އަދި ރާއްޖޭން އައީ އިތުބާރާއި އެކު ކޮމަންވެލްތާއި ގުޅިގެން މަސައްކަތްތަކެއް ކުރަމުން ކަން ސެކްރެޓަރީ ޖެނެރަލް އަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.
ކޮމަންވެލްތުން ވަކިވުމާއި މެދު ގޮތެއް ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ކަމަށާއި އެކަން ނިންމެވުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ. ވިދާޅުވީ ވަކިވަން ނިންމަވައިފި އެކަމުގެ ސަބަބުން ބައެއް ނުރަނގަޅު ކަންތައްތައް ވެސް ރާއްޖެއަށް ކުރިމަތިވާނެ ކަމަށެވެ.
"... ވަކިވެގެން ދިއުމުން އަންނާނެ ދެއްތޯ، ކޮންމެވެސް ވަރަކަށް ރާއްޖެ އައިސޮލޭޓްވެގެން ދިއުން ނުވަތަ އެހެން ގައުމުތަކުން އަޅުގަނޑުމެންނަކީ ކޮމަންވެލްތުގެ ޕްރިންސިޕަލްތަކާއި ހިލާފުވެ ނުވަތަ އެ ޕްރިންސިޕަލްތައް ގަބޫލުނުކުރާ ގައުމެއް ގޮތަށް ދެކުމާއި މިކަހަލަ ބައެއް ނެގެޓިވް ކަންތައްތަކެއް އައިސްދާނެތީ އަޅުގަނޑަށް ހީވަނީ އެހާ ފަސޭހަ ނިންމުމަކަށް ވެފައި ނޯންނަނީ. އެކަމަކު ވެސް ތަކުރާރުކޮށް އަޅުގަނޑުމެންނާ ދޭތެރޭގައި ބޭއިންސާފުން އަމަލުކުރާ ކަމަށް ވަންޏާ އަޅުގަނޑަށް ހީވަނީ އުނދަގޫ ނިންމެވުމެއް ނިންމަވާކަށް ރައީސް ޔާމީނަކަށް އެއީ ދަތިބޭފުޅެއް ނޫން ހެން އަޅުގަނޑަށް ހީވަނީ،" ދުންޔާ ވިދާޅުވި އެވެ.