02 Jul 2015, 15:21
ފެނާއި ނަރުދަމާ ގާއިމް ކުރުމާއި ކުނި ނައްތާލުމަށް މިހާތަނަށް ރާއްޖޭގައި ފެށޭ އެންމެ ބޮޑު މަޝްރޫއު ފެށުމަށް 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ) ލޯން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެމަޝްރޫއަކީ އޯޕެކް ފަންޑް ފޯ ޑިވެލޮޕްމެންޓް(އޯފިޑް)ގެ 50 މިލިއަން ޑޮލަރުގެ ލޯނެއްގެ ދަށުން ހިންގާ ޕުރޮޖެކްޓެކެވެ. އެ ލޯނު އެސްބަސްވުމުގައި ސަރުކާރުގެ ފަރާތުން މިއަދު ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދެވެ. އޯފިޑްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ސުލައިމާން ޖާސިރު އަލްހާބިޝް އެވެ.
އެލޯނަކީ 4.6 ޕަސެންޓް އިންޓްރެސްޓެއްގައި ހަތަރު އަހަރުގެ ގްރޭސް މުއްދަތެއް ހިމެނޭގޮތަށް 18 އަހަރުތެރެ އަނބުރާ ދައްކާގޮތަށް ދޫކޮށްފައިވާ ލޯނެކެވެ.
އެލޯނުގެ ދަށުން ނަރުދަމާ ގާއިމް ކުރުމަށް ނިންމާފައި ވަނީ އައްޑޫ ސިޓީގެ ހުޅުދޫ، މީދޫ، ފޭދޫ، އަދި މަރަދޫފޭދޫ އަދި މަރަދޫގައި ކަމަށް ފިނޭންސް މިނިސްޓްރީ އިން މައުލޫމާތުދެ އެވެ.

އެމަޝްރޫގެ ދަށުން ފެނުގެ ނިޒާމް ގާއިމް ކުރާ ރަށްތަކަކީ، ހއ. ހޯރަފުއްޓާއި ހދ. ހަނިމާދޫ އާއި ށ. މިލަންދޫގެ އިތުރުން ރ. އުގޫފާރާއި ބ. އޭދަފުއްޓާއި ޅ. ނައިފަރާއި ދ. ކުޑަހުވަދޫގެ އިތުރުން ތ. ވިލިފުއްޓާއި ތ. ގުރައިދޫ އާއި ގއ. ވިލިގިއްޔެވެ.
ފިނޭންސް މިނިސްޓްރީ އިން ބުނީ ހޫނު މޫސުމުގައި ފެނަށް ޖެހުމުގެ މައްސަލަ ހައްލު ކުރުމަށާއި ފެނުގެ ނިޒާމް ގާއިމް ކުރުމަށް 14 ރަށެއްގައި އާރް.އޯ ޕްލާންޓާއި ފެން ރައްކާކުރާ ތާންގި ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ. އެރަށްތަކުގެ ތެރޭގައި ލ. ގަމާއި ހދ. ނޮޅިވަރަމާއި ނ. ހޮޅުދޫ ގެ އިތުރުން ރ. މީދޫ އާއި ހދ. ވައިކަރަދޫ އާއި ރ. އިނގުރައިދޫ އާއި ހދ. މަކުނުދޫ އާއި ހދ. ކުމުންދޫ އާއި ކ. ގާފަރާއު ހދ. ނެއްލއިދޫ އާއި ރ. މާކުރަތާއި ބ. ކެންދޫ ގެ އިތުރުން ކ. ދިއްފުއްޓާއި ނ. މާފަރު ހިމެނެ އެވެ.
އެމަޝްރޫގެ ދަށުން ހއ. އާއި ހދ. ގެ އިތުރުން ށ. އަތޮލުގެ ހުރިހާ ރަށެއްގައި ރައްކާތެރި ގޮތުގައި ކުނި ގެންގުޅުމުގެ ސަރަހައްދީ ނިޒާމެއް ގާއިމް ކުރެވިގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުންޏެވެ.