އިނގިރޭސިވިލާތުން ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅާ ނަމަ އެކަމުގެ ގެއްލުން އަންނާނީ ހަމަ އެކަނި ރާއްޖެއަށް ނޫން ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދެފަރާތަށް ވެސް ގެއްލުންތައް ލިބޭނެކަން އެނގިފައި އޮތުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

"...ފިޔަވަޅުތަކެއްގެ ވާހަކަ ދައްކާ ކަމަށް ވަންޏާ އަޅުގަނޑު ދަންނަވާނީ އިނގިރޭސިވިލާތާއި ރާއްޖެއާ ވެސް މިއީ ވަރަށް ގިނަ ގުޅުންތަކަކުން ގުޅިފައި އޮތް ދެގައުމު. އަޅުގަނޑުމެންގެ ގިނަ އަދަދެއްގެ ކިޔަވާކުދިން އެބަތިބި އެކޮޅުގައި. އަދި ފަތުރުވެރިކަމަށް ބަލައިފިއްޔާ ވަރަށް ގިނަ ބޭފުޅުން މިކޮޅަށް ޒިޔާރަތްކުރައްވާ. އެހެންވީމާ އެއްވެސް ފިޔަވަޅުތަކަކުން އޭގެ ގެއްލުން އަންނާނީ ހަމަ އެކަނި ދިވެހިރާއްޖެ އަކަށް ނޫނީ ދިވެހިންނަކަށް ނޫން. ހަމަ އިނގިރޭސިވިލާތަށް ވެސް އިނގިރޭސިންނަށް ވެސް، އަދި އެބޭފުޅުންގެ އިންވެސްޓަރުން ވެސް މިތާ އެބަ އުޅުއްވާ. އެބޭފުޅުންގެ ބައިވަރު ޓްރެވެލް އެޖެންޓްސް ވެސް އެބަ ރާއްޖެ އަށް ފަތުރުވެރިން ގެނައުމުގައި މަސައްކަތް ކުރައްވާ. އެހެންވީމާ ދެފަރާތަށް ވެސް އޭގެ ގެއްލުންތަކެއް ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެއާ މެދު އިނގިރޭސިވިލާތުން ފިޔަވަޅެއް އެޅުމުގެ ކުރިން ރާއްޖޭގެ ކަންތައްތައް ރަނގަޅަށް ބަލާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ. އެކަމަނާ ވިދާޅުވީ އިނގިރޭސިވިލާތުން އަމަލުކުރައްވާނީ އެއަށް ވުރެ ތަސަރައްފު ފުދިފައިވާ ގޮތެއްގައި ކަމަށް ވެސް އުއްމީދުކުރައްވާ ކަމަށެވެ.

އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ މިނިސްޓަރު ހޫގޫ ސްވަޔާ މިދިޔަ ހޯމަ ދުވަހު އެގައުމުގެ ޕާލަމެންޓްގައި ވިދާޅުވެފައި ވަނީ ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އަދި އެއްވެސް ބަޔަކާއި އެކު މަޝްވަރާ ނުކުރާ ކަމަށާއި އެހެން ނަމަވެސް އެ ފުރުސަތު އެބަ އޮތް ކަމަށެވެ.