02 Jul 2015, 14:57
ސަރުކާރުން ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ހިންގާ ޕްރޮގްރާމް ގެޓް ސެޓް ލޯނަށް އެޕްލައިކޮށްފައިވާ ފަރާތްތަކާއި އިންޓަވިއުކުރުން މިމަހު ނިންމާނެ ކަަމަށް އިކޮނަމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަނީސް ވިދާޅުވެއްޖެއެވެ.
އިކޮނަމިކް މިނިސްޓްރީގައި މިއަދު އޮތް ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އަނީސް ވިދާޅުވީ ގެޓް ސެޓް ލޯނަށް 572 ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަަމަށެވެ. އެ ޕްރޮޕޯސަލްތަކުގެ އިވެލުއޭޝަން ނިމިފައިވާ ކަމަށް އަނީސް ވިދާޅުވިއެވެ.
ޕްރޮޕޯސަލް ތަައް އިވެލުއޭޓްކުރުގައި އެއްވެސް ޕްރޮޕޮސަލް އެއް ބާކީކޮށްފައި ނުވާނެ ކަަމަށް ލޯނު އެޕްލިކޭޝަން އިވެލުއޭޓް ކުރާ ކޮމެޓީގެ މެމްބަރު އަހުމަދު ރައްސާނު ވިދާޅުވި އެވެ.
ކުރިން ޔޫތް މިނިސްޓްރީން ހިންގަމުން ގެޓްސެޓް ޕްރޮގްރާމް 26 މާޗްގައި އިކޮނަމިކް މިނިސްޓްރީ އަށް ބަދަލުކުރީ އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި މައްސަލަތަކެއް އުޅޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނުމުންނެވެ.
މިނިސްޓްރީ އޮފް އިކޮނަމިކް ޑިވެޕޮލްމެންޓަށް ގެޓްސެޓް ޕްރޮގްރާމް ބަދަލުކުރުމާ ގުޅިގެން މިނިސްޓްރީން މަސައްކަތްކޮށްފައި ވަނީ ވިހާ ވެސް ރަނގަޅަކަށް ދެފުށް ފެންނާނެ ސިޔާސަތެއްގެ ދަށުން އެ ޕްރޮގްރާމް ކުރިއަށް ގެންދަން ކަމަށް އެ މިނިސްޓްރީން އެ ޕްރޮގްރާމް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ މުސްތަފާ އަބްދުލްޢަފޫރު ވިދާޅުވި އެވެ.
ލޯނު އެޕްލިކޭޝަނަށް މާކުސް އެކުލަވާލުމަށް އެކުލަވާލި ގައިޑްލައިނުގައި މައްސަލައެއް ނުއުޅޭ ކަަން އޭސީސީން އަންގާފައިވާ ކަމަށް ވެސް އިކޮނަމިކް މިނިސްޓްރީން ބުނެއެވެ.
ލޯނު ލިބޭ ފަރާތްތައް ނިންމާނީ އިންޓަވިއުއަށް ފަހު ކަމަށް މުސްތަފާ ވިދާޅުވިއެވެ. އަދި ލޯނު ލިބޭ ފަރާތްތަކުން މިނިސްޓްރީން އަލަށް ވިޔަފާރިއަށް ވަންނަ ފަރާތްތަކަށް ހިންގާ ޓްރެއިނިން ޕްރޮގްރާމް 'އިންކިއުބޭޝަން ޕްރޮގްރާމް' ގައި ބައިވެރިވާން ޖެހޭނެ ކަަމަށެވެ.
"މާލެ ހިމަނައިގެން ރާއްޖެގެ ހަތް ސަރަހެއްދެއްގަ މި ހިރީ ބިޒްނަސް ޑިވެލޮޕްމެންޓް ސެންޓަރު ގާއުމުކުރެވިފައި. މި ސެންޓަރުތަކުގައި ބިޒްނަސް އިންކުއިބޭޝަން ކުރިއަށް ގެންދެވޭނެ" މުސްތަފާ ވިދާޅުވިއެވެ. ލޯނު ލިބޭ ފަރާތާއި އެއްމެ ކައިރީގައި ހުންނަ ބިޒްނަސް ޑިވެލޮޕްމެންޓް ސެންޓަރު މެދުވެރިކޮށް ޓްރެއިނިންގް ދޭނެ ކަމަށް މުސްތަފާ ވިދާޅުވި އެވެ.
ގެޓް ސެޓް ލޯނުގެ މެނޭޖަރު މަހީލް އަލީ ޖަލީލް ވިދާޅުވީ ވީހާ ވެސް އަވަހަށް ލޯނުދެވޭތޯ މަސައްކަތްކުރާނެ ކަމަށެވެ.
ފަސް އަހަރުތެރޭ ކޮންމެ އަހަރަކުވެސް 40 މިލިއަން ރުފިޔާގެ ލޯން ގެޓްސެތް ޕްރޮގްރާމްގެ ދަށުން ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ގެޓްސެޓް ޕްރޮގްރާމަށް ފަސް އަހަރު ތެރޭ ކަނޑައޅާފައި ވަނީ 200 މިލިއަން ރުފިޔާ އެވެ.