ރާއްޖޭގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށް، ސިއްހީ ރައްކާތެރިކަން ހޯދުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

މިދުވަސްވަރު ފެތުރެމުންދާ ޑެންގީ ހުމާއި ބޭރަށް ހިންގުމުގެ ރޯގާއާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް ސިއްހީ ރައްކާތެރިކަން ހޯދުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ކަމާ ބެހޭ އިދާރާތަކެއްގެ ސަމާލުކަމަށް އެކަން ގެންނަވައި ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންގެންދާ ކަމަށެވެ.

"ސަމާލުވާން ޖެހޭ ކަންކަމުގެ މައުލޫމާތު، ރައްޔިތުންނަށް ފޯރުކޮށްދިނުމާއި ސިއްހީ ހިދުމަތްދޭ ތަންތަނުގައި ހުމާއި ރޯގާގެ ބަލިތަކަށް ހާއްސަކޮށްގެން ފަރުވާދިނުމުގެ އިންތިޒާމް ސަރުކާރުން މިހާރު ހަމަޖައްސާފައިވޭ، ދައުލަތުގެ އެކިއެކި އިދާރާތަކާއި މުއައްސަސާތަކުން މިކަމާގުޅޭ ފަންނީ ޓީމްތައް އެކުލަވާލައި މިކަމަށް ހާއްސަވެތިބެ މަސައްކަތްކުރާކަން ފާހަގަކޮށްލަން." ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ތިމާއާއި ތިމާގެ އާއިލާ ރައްކާތެރިކުރުމަށް ފަރުދީ އަދި އާއިލީ ފެންވަރުގައި ކުރެވެންހުރި ކަންތައްތައް ކުރުމަށާއި ދިރިއުޅޭ ވެށި ސާފުކޮށް ސިއްހީ ދާއިރާގެ އިރުޝާދާ އެއްގޮތަށް އަމަލު ކުރައްވަމުން ގެންދެވުމަށް ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

"ސަރުކާރާއި ރައްޔިތުން ގުޅިގެން އެއް ރޫހެއްގައި މަސައްކަތް ކުރުމުން، މާތް ﷲގެ ހެޔޮ ރަހުމަތްފުޅާ އެކު، މިފަދަ ރޯގާ ބަލިމަޑުކަމުން އަޅުގަނޑުމެންނަށް ރައްކާތެރިކަން މިންވަރުކުރައްވާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެ އެވެ.

މި އަހަރުގެ މިހާތަނަށް ޑެންގީ ބަލީގައި 384 އަށް ވުރެ ގިނަ މައްސަލަ ވަނީ ރިޕޯޓްކޮށްފަ އެވެ. އެހެން ކަމުން ޑެންގީ ދަނީ އިންތިހާއަށް އިތުރުވަމުންނެވެ. މިހާތަނަށް ތިން މީހަކު މަރުވެފައިވެ އެވެ.