ޅ. މާފިލާފުށީގައި ރޭންޖެއް ހަދަމުންދަނިކޮށް ރުކަކުން ޖެހި ސިފައިންގެ މީހަކަށް އަނިޔާވެއްޖެއެވެ.

މިއަދު ހެނދުނު ހިނގި އެ ހާދިސާގައި އަނިޔާ ލިބިފައި ވަނީ ކޯޕްރަލް ޢަބޫބަކުރު އަޙުމަދަށެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި ކޯޕްރަލް ޢަބޫބަކުރު އަޙުމަދަށް އަނިޔާވެފައި ވަނީ އެ ރަށުގައި ސިފައިން ހަދަމުންދާ ރޭންޖު ހެދުމަށްޓަކައި، ބިން ސާފުކުރަމުން ދަނިކޮށް އެ ސަރަހައްދުން ކަނޑާލި ރުކަކުން އޭނާ ގައިގާ ޖެހިގެންނެވެ.

އެ ހާދިސާއާ ގުޅިގެން އެމެޖެންސީގައި އޭނާ ޅ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވެ އެވެ. އެހެންނަމަވެސް، ޅ. އަތޮޅު ހޮސްޕިޓަލުން ވަނީ އޭނާ މާލެ ގެނައުމަށް އިރުޝާދު ދެއްވާފަ އެވެ. އެހެންކަމުން، އެމްއެންޑީއެފް ނޮދަން އޭރިއާގައި ހަރަކާތްތެރިވާ ކޯސްޓްގާޑު ސްކޮޑްރަން ލޯންޗުގައި ކޯޕްރަލް ޢަބޫބަކުރު މާލެ ގެނައުމަށްޓަކައި މިހާރު ވަނީ ފުރާފައެވެ.

ކޯޕްރަލް ޢަބޫބަކުރަށް މިހާދިސާގައި ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތްނަމަވެސް، އޭނާއަށް ލިބިފައިވާ ގެއްލުންތައް ބޮޑަށް ދެނެގަނެވޭނީ މާލެ ގެނައުމުންކަމުގައި ޅ. އަތޮޅު ހޮސްޕިޓަލުގެ ޑޮކްޓަރާއި ޙަވާލާދީ އެމްއެންޑީއެފް ނޮދަން އޭރިއާއިން މަޢުލޫމާތު ދެއްވަ އެވެ.