02 Jul 2015, 14:26
ސެންޓްރަލް ފިލިޕީންސް އިން ފުރި ފަސިންޖަރު ބޯޓެއް އެ ނައްޓާލިތާ ގިނައިރުތަކެއް ނުވެ ކަނޑަށް ބަންޑުން ޖަހާލައި 34 މީހަކު މަރުވެއްޖެ ކަމަށް ފިލިޕީންސްގެ ރެޑް ކްރޮސް އިން ބުނެފި އެވެ.
ސީއެންއެން އިން ބުނާ ގޮތުގައި މިއަދު ފިލިޕީންސްގެ އޯމޮކް ސިޓީ އިން ފުރި އެ ބޯޓު ބަންޑުން ޖަހާލާފައިވާ އިރު އެ ބޯޓުގައި ޖުމްލަ 173 ފަސިންޖަރުން ތިބި ކަމަށެވެ.
ސީއެންއެން އަށް މައުލޫމާތު ދެމުން ފިލިޕީންސް ރެޑް ކްރޮސްގެ ޗެއާމަން ރިޗާޑް ގޯޑަން ވިދާޅުވީ މިހާތަނަށް 50 މީހަކު ވަނީ ބޯޓު ބަންޑުން ޖަހާލި ސަރަހައްދުން ސަލާމަތްކޮށްފައި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ކަނޑުން ދަތުރު ކުރަމުން ދިޔަ އެ ބޯޓު ބަންޑުން ޖެހުމަށް މެދުވެރިވީ ގަދަ ވައިގެ ސަބަބުން ކަމަށް ދެކޭ ކަމަށެވެ.
މެނީލާގެ ގައުމީ ރެޑް ކްރޮސްގެ ސެކްރެޓަރީ ޖެނެެރަލް ގްވެންޑޯލިން ޕޭންގް ވިދާޅުވީ ފަސިންޖަރުން ދަތުރު ކޮށްފައި ވަނީ ކޮމާޝަލް "ޕަމްޕް ބޯޓެއް"ގައި ކަމަށެވެ. ޕަމްޕް ބޯޓަކީ ކެނޯއެއް ގޮތަށް ފަރުމާކޮށްފައިވާ އިންޖީނުލީ ބޯޓެކެވެ.
އެ ހާދިސާގައި ސަލާމަތް ކުރެވުނު މީހުން ވަނީ އޯމޮކްގައި ހަސްފަތާލު ކުރެވިފައި ކަމަށް ސީއެންއެން އިން ބުންޏެވެ.