02 Jul 2015, 13:23
މިދިޔަ މެއިމަހު ސަރުކާރަށް ލިބުނު އާމްދަނީގެ އިތުރަށް 300 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް، މޯލްޑިސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އާންމުކޮށްފައިވާ އިގްތިސާދީ ރިވިއުގައި ބުނެފައިވާ ގޮތުން މިދިޔަ މެއި މަހު ސަރުކާރަށް އާމްދަނީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިފައިވާ އިރު ސަރުކާރުން ވަނީ 1.5 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އެހެންކަމުން ލިބުނު އާމްދަނީއަށް ވުރެ އިތުރަށް 300 މިލިއަން ރުފިޔާ އެވަނީ ހަރަދުކޮށްފަ އެވެ.
މެއިމަހު ސަރުކާރަށް ލިބުނު އާމްދަނީ 1.2 ބިލިއަށް ރުފިޔާއަށް އެރިނަމަވެސް އެއީ މިދިޔަ އަހަރުގެ މެއި މަހާއި އަޅާބަލާ އިރު 19.2 މިލިއަން ރުފިޔާ ދަށް އަދަދެއް ކަމަށް ވެސް އެމްއެމްއޭ އިން ބުނެ އެވެ.
އާމްދަނީ ދަށްވި ސަބަބެއް ކަމަށް އެމްއެމްއޭ އިން ބުނެފައި ވަނީ ޓެކްސް އާއި ޓެކްސް ނޫން ގޮތްގޮތަށް ވެސް ސަރުކާރަށް ލިބުނު އާމްދަނީ ދަށަށް ދިއުމެވެ. ޓެކްސް ބޮޑަށް ދަށްވެފައި ވަނީ ވިޔަފާރި ފައިދާ އިން ނެގޭ ޓެކްސް އާއި ޓޫރިޒަމް ޓެކްސް ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ. އަދި ޓެކްސް ނޫން ގޮތްގޮތަށް ލިބުނު އާމްދަނީ 1.7 މިލިއަން ރުފިޔާއަށް ދަށް ވެފައިވާ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.
މެއި މަހު ސަރުކާރުން 1.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ހަރަދުތައް ވެސް ވަނީ މިދިޔަ އަހަރުގެ އެމުއްދަތާއި އަޅާބަލާއިރު 104.9 މިލިއަން ރުފިޔާ އިތުރުވެފައިކަމަށް ވެސް އެމްއެމްއޭގެ ތަފާސް ހިސާބްތަކުން ދައްކަ އެވެ.
ސަރުކާރުގެ ހަރަދު އިތުރުވެފައި ވަނީ ރިކަރަންޓް ހަރަދުތަކުގެ ސަބަބުން ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ 24.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ ޑެފެސިޓް ބަޖެޓެކެވެ.