އެކަށީގެންވާ ހެއްކާއި ގަރީނާ ނެތް ކުދި މައްސަލަތަކުގެ ސަބަބުން އުފެދިފައިވާ ކުށުގެ ރެކޯޑުތަކުގެ ތެރެއިން ނޮވެމްބަރު 2013ގެ ނިޔަލަށް ނުނިމި ހުރި 2444 މީހެއްގެ ރެކޯޑުތައް ސާފުކޮށްފި އެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކުށުގެ ރެކޯޑު ހުރުމުގެ ސަބަބުން ވަޒީފާ ނުލިބިފައިވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މައްސަލަ ހިމެނޭ 2444 މީހުންގެ ރެކޯޑު ސާފުކޮށް އެމީހުންގެ 1562 މައްސަލަ ނިންމާފައިވާ ކަމަށް ފުލުހުންގެ ރެކޯޑްތަކުން ދައްކަ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން 16 ނޮވެމްބަރު 2013ގެ ނިޔަލަށް ނުނިމި ހުރި 4179 މައްސަލައިގެ ތެރެއިން މިހާރު ތަހުގީގު މަރުހަލާގައި ހިނގަމުން ދަނީ 164 މީހުންގެ 554 މައްސަލަ އެވެ.

އެފަދަ މައްސަލަތައް އިތުރުވިޔަ ނުދިނުމަށް، ކުދި މައްސަލަތަކުގެ ތަހުގީގު އަވަސް ކުރުމަށް 16 ނޮވެމްބަރު 2013 އިން ފެށިގެން ހައެއް ޖޫން 2015 ގެ ނިޔަލަށް 27،079 މައްސަލައެއްގެ ތަހުގީގު ފައިލް ކޮށްފައިވާ ކަމަށް ވެސް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

އޭގެ ސަބަބުން އެ މައްސަލަތަކުގައި ހިމެނޭ 5733 މީހުންގެ ރެކޯޑުތައް ވަނީ ސާފު ކުރެވިފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.

ފުލުހުންގެ ރެކޯޑުތަކުން ދައްކާ ގޮތުގައި 16 ނޮވެމްބަރު 2013 ނިޔަލަށް 6623 މީހުންގެ ނުނިމި ހުރި 4179 މައްސަލައިގެ ތެރެއިން ޖޫން 2015ގެ ނިޔަލަށް ވަނީ 6459 މީހެއްގެ 3459 މައްސަލައެއް ނިންމާފައި ކަމަށެވެ. އޭގެ ތެރެއިން 2444 މީހުން ހިމެނޭ 1562 މައްސަލައެއް ވަނީ ފައިލް ކޮށްފައި ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ. އެ މައްސަލަތައް ފައިލް ކޮށްފައި ވަނީ އެކަށީގެންވާ ހެކި ނެތިގެން ދައުވާ ނުކުރެވޭ ނުވަތަ މައުލޫމާތު ނުލިބިގެން ކުރިއަށް ނުގެންދެވޭ ކަންތައްތަކެވެ. އެކަންތައްތައް ވެސް ވަނީ ސާފު ކޮށްފަ އެވެ.