މޫސުމަށް އަންނަ ބަދަލުތަކާބެހޭ މުއާހަދާ (ޔޫއެންއެފްސީސީ ސީ)ގެ ދަށުން ރާއްޖެ އިން ބައިވެރިވެފައިވާ ކިޔޯޓޯ ޕްރޮޓޮކޯލްއަށް ގެނައުމަށް އެއްބަސްވެފައިވާ އިސްލާހު "ދޯހާ އެމެންޑްމަންޓް"ގައި ރާއްޖެ އިން ބައިވެރިވެއްޖެ އެވެ.

"ދޯހާ އެމެންޑްމަންޓް"ގައި ރާއްޖެ އިން ބައިވެރިވާ "އިންސްޓްރުމަންޓް އޮފް އެކްސެޕްޓަންސް" ރާއްޖޭގެ ފަރާތުން ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އާ ބުދަ ދުވަހު ޙަވާލުކުރެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ޠާރިޤް އިބްރާހީމެވެ. މި "އިންސްޓްރުމަންޓް އޮފް އެކްސެޕްޓަންސް" ހުށަހެޅުއްވުމުގެ ރަސްމިއްޔާތު ބޭއްވީ ނިއުޔޯކުގައި ހުންނަ ޔޫއެންގެ މައި މަރުކަޒުގައެވެ.

ދޯހާ އެމެންޑްމަންޓް އަށް ދިވެހިރާއްޖެ އިން ޢަމަލުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމަވާފައި ވަނީ މި އަހަރުގެ އޭޕްރިލް މަހުގެ 13 ވަނަ ދުވަހު އެވެ. ދޯހާ އެމެންޑްމަންޓަށް އަމަލުކުރަން ފަށާނީ ކިޔޯޓޯ ޕްރޮޓޮކޯލްގައި ބައިވެރިވެފައިވާ ގައުމުތަކުގެ ތެރެއިން ހަތަރު ބައިކުޅަ ތިންބައި ގައުމު، ނުވަތަ 143 ގައުމުން މި އެމެންޑްމެންޓް ރަސްމީކޮށް ބަލައިގަނެ، އިންސްޓްރުމަންޓް އޮފް ރެޓިފިކޭޝަން ޔޫއެން އަށް ހުށަހެޅުމުންނެވެ. ނަމަވެސް އެ އެމެންޑްމަންޓް މިހާތަނަށް ބަލައިގެންފައި ވަނީ ޖުމްލަ 32 ގައުމުންނެވެ.

ދޯހާ އެމެންޑްމަންޓަށް އަމަލުކުރަން ޖެހެނީ 01 ޖެނުއަރީ 2013 އިން 31 ޑިސެމްބަރު 2020 އަށެވެ. މި އެމެންޑްމަންޓްގެ އަމާޒަކީ ޖައްވަށް ބޭރުކުރާ ވިހަގޭހުގެ ޖުމްލަ މިންވަރު 1990 ވަނަ އަހަރާއަޅާ ބަލާއިރު 18 ޕަސެންޓަށް ދަށްކުރުމެވެ.

ކިޔޯޓޯ ޕްރޮޓޮކޯލަކީ މޫސުމަށް އަންނަ ބަދަލުތައް މެދުވެރިކުރުވާ ވިހަ ގޭސްތައް ޖައްވަށް ބޭރުކުރާ މިންވަރު ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި މަދުކުރުމަށް ލާޒިމުކުރާ އެއްބަސްވުމެކެވެ. މި ޕްރޮޓޮކޯލުގެ ފުރަތަމަ މަރުހަލާގެ މުއްދަތަކީ 2008 ވަނަ އަހަރު ފެށިގެން 2012 ވަނަ އަހަރުގެ ނިޔަލަށެވެ. ފުރަތަމަ މަރުހަލާގެ މުއްދަތު ހަމަވުމުން ދެވަނަ މަރުހަލާގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް 2012 ވަނަ އަހަރު ޑިސެމްބަރު މަހު ޤަތަރުގެ ދޯހާގައި ބޭއްވި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އދ.ގެ 18 ވަނަ ބައްދަލުވުމުގައި ވަނީ އެއްބަސްވެ، މި އިޞްލާޙަށް "ދޯހާ އެމެންޑްމަންޓް"ގެ ނަމުން ނަންދީފަ އެވެ. "ދޯހާ އެމެންޑްމަންޓް"ގެ ދަށުން މައިގަނޑު ގޮތެއްގައި ޢަމަލުކުރުމަށް ހަމަޖެހިފައި ވަނީ، ޔޫއެންއެފްސީސީސީގެ ޖަދުވަލު 01 ގައި ހިމެނޭ ތަރައްގީވެފައިވާ ގައުމުތަކުންނެވެ.