ފުލުހުންގެ އެންމެން އެކުގައި މަޝްވަރާކުރީމާ ކަންކަމުގައި މިހާރަށް ވުރެ މާ ރަނގަޅު ނަތީޖާ ހޯދޭކަމަށް ގަބޫލު ކުރެއްވޭ ކަމަށް ކަމިޝަނަރު އޮފް ޕޮލިސް ޙުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ މަސައްކަތްތައް ރޭވުމަށް މަޝްވަރާ ކުރުމުގެ ގޮތުން ބާއްވާ ސިލްސިލާ ފޯރަމްތަކެއްގެ ތެރެއިން ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ވަހީދު މިއަދު ވިދާޅުވީ ރަނގަޅަށް މަޝްވަރާ ކޮށްލީމާ ރަނގަޅު ނަތީޖާ މާލޭގެ މާހައުލުން ވެސް ނެރެވޭ ކަމަށެވެ.

"...އަޅުގަނޑުމެންނަށް ވަރަށް ނުތަނަވަސް ގޮތެއްގައި އެކި ކަހަލަ ކަންތައްތައް ފެނިއްޖެ. އަޅުގަނޑުމެންނަށް އިނގޭ މަޝްވަރާކޮށްލައިގެން ރަނގަޅަށް ވާހަކަ ދައްކާލައިގެން ކަންކަން ކުރަން ފަށައިފިއްޔާ ވަރަށް ރަނގަޅު ނަތީޖާތަކެއް މާލޭގެ މިއެންވަޔަރްމެންޓްގެ ތެރެއިން ވެސް ފެންނަމުން އެބަދާކަން،" އޭނާ ވިދާޅުވި އެވެ.

ރަނގަޅަށް މަޝްވަރާ ކުރުމުން ކަންތައްތައް ރަނގަޅަށް ކުރިއަށްދާ ކަމުގެ މިސާލެއްގެ ގޮތުން ސީޕީ ވިދާޅުވީ އެމްޑީޕީއަށް 10 އަހަރު ފުރިގެން މިދިޔަ ހުކުރު ދުވަހު ބޭއްވި ހިނގައިލުމުގެ ކަންތައް ކުރިއަށް ދިޔަ ގޮތެވެ. އެކަން ނިމިގެން ދިޔައީ އެއްވެސް ހާސްކަމެއް ނެތި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.