މައިލޯ ވެޓަރަންސް ކަޕުގައި ބީޖީއަތުން 4-3 ގެ ނަތީޖާއަކުން ވިކްޓްރީ ބަލިވެއްޖެ އެވެ.

މައިލޯ ޓާފް ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗްގައި ބީޖީ ފުޓްބޯޅަ ޓީމަށް ކޯޗް ކޮށްދެމުންގެންދާ މުޙައްމަދު ޝާޒުލީ (ޝާޒު) ވަނީ ދެ ލަނޑު ޖަހާފަ އެވެ.

އަދި ވިކްޓްރީގެ ޙުސައިން ޢަބްދުރަހްމާން ވެސް ވަނީ އެ ޓީމަށް ދެ ލަނޑު ކާމިޔަބުކޮށްދީފަ އެވެ.

ބީޖީން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ ފުރަތަމަ ހާފުގަ އެވެ.

ފުރަތަމަ ލަނޑު މުހައްމަދު ފަޒީލު ކާމިޔާބު ކުރިއިރު ދެ ވަނަ ލަނޑާއި ތިން ވަނަ ލަނޑު ޖެހީ ޝާޒެވެ.

ދެ ވަނަ ހާފު ފެށިގެން ހަތަރު ވަަނަ މިނެޓްގައި ވިކްޓރީގެ ފުރަތަމަ ލަނޑު ކާމިޔަބު ކުރީ ކުރިން ވިކްޓްރީއަށް ކުޅެ އަދި އެ ޓީމްގެ އެސިސްޓެންޓް ކޯޗްކަން ވެސް ކޮށްފައިވާ މިހާރު ލ. ކުނަހަންދޫ ކައުންސިލްގެ ނައިބު ރައީސް ކަން ކުރައްވަމުން ގެންދަވާ ލިރުގާމް ސަޢީދު (ލަރޭ) އެވެ.

ވިކްޓްރީން ލަނޑުޖެހިތާ 10 މިނެޓް ފަހުން ޢަބްދުﷲ ޝިފާއު ވަނީ ބީޖީގެ ހަތަރު ވަނަ ލަނޑު ކާމިޔަބުކޮށްފަ އެވެ.

ވިކްޓްރީގެ އަނެއް ދެ ލަނޑު ކާމިޔާބު ކުރީ ޙުސައިން އޭނާ ދެ ލަނޑުވެސް ޖެހީ މެޗްގެ އެންމެ ފަހު ވަގުތު ކޮޅު ތެރޭގައެވެ.

އިއްޔަގެ މެޗުން މޮޅުވެ ބީޖީ އޮތީ ހަ ޕޮއިންޓާއެކު ތާވަލްގެ ދެ ވަނައިގައެވެ. އެއް ވަނައިގައި އޮތީ ތިން މެޗް ކުޅެގެން ލިބުނު ނުވަ ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގަ އެވެ.

ވިކްޓްރީއަށް މިހަތަނަށް އެއްވެސް ޕޮއިންތެއް ލިބިފައެއް ނުވެއެވެ. މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗްގައި ބައްދަލު ކުރާނީ ވެޓަރަންސް އެސޯސިއޭޝަނައާއި ވެލެންސިއާއެވެ.