05 Mar 2011, 14:00
ގއ. ވިލިނގިލީގައި ޑިއުޓީގައި ހުރި ފުލުހަކު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަންހެންކުއްޖާގެ ގެއަށް ރޭ ވަނުމުން، އެ ރަށު ބަޔަކު ގޮސް އޭނާ އަށް އަނިޔާކޮށް، އެގެއިން ނެރެފި އެވެ.
ވިލިނގިލިން ވާހަކަ ދެއްކި މީހަކު ބުނީ، ފުލުހުންގެ ވަޒީފާގައި އުޅޭ ޒުވާނަކު އެ ރަށު އަންހެންކުއްޖެއްގެ ގެއަށް ރޭ 10:00 ޖަހާއެހާކަންހާއިރު ވަތް މަންޒަރު އެ ރަށުގެ ގްރޫޕަކަށް ފެނުމުން، އެމީހުން ގޮސް، އެގެއަށް ވަދެ އޭނާ ގަދަކަމުން އެގެއިން ނެރެފައިވާ ކަމަށެވެ. އަދި އޭނާ ނެރުމުގެ ތެރޭގައި ފުލުހުންގެ މީހާއަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"ރޭ 10 ޖަހަން އުޅެނިކޮށް ފުލުސް ކުއްޖާ ވަނީ އެގެއަށް އަންހެންކުއްޖާއާ އެކީ. އެއީ އޭނަ ރައްޓެހިވެގެން އުޅޭ ކުއްޖާގެ ގެކަމަށް ވަނީ،" ނަން ނުޖެހުމަށް ޝަރުތުކޮށް އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި، ފުލުސް މީހާ އެގެއިން ނެރުމަށް ފަހު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.
އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ވިލިނގިލީގައި ފުލުސް ކުއްޖަކު ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަންހެން ކުއްޖައާ ބައްދަލުކުރަން އެ އަންހެން ކުއްޖާގެ ގޭގައި ހުއްޓައި، އެ ރަށު ބަޔަކު ގޮސް އެގޭތެރެއަށް ވަދެ، އޭނާއާ މާރާމާރީ ހިންގައި އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަމުންދާ ކަމަށެވެ. އަދި ފުލުހުންގެ މީހާ އެ ރަށު އަންހެންކުއްޖާއާ ގުޅިގެން އުޅެނީ އާއިލާގެ ރުހުމުގައި ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
"އެމީހުންނަކީ އާއިލާގެ ރުހުމުގައި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެމީހުން. އެމީހުން އެގޭގައި ]އަންހެންކުއްޖާ ގޭގައި[ ބައްދަލުކުރަން ތިއްބައި، ބަޔަކު މާރާމާރީ ހިންގަން ފެށީމަ އެމީހުން ގޮސް ތަނަކަށް ވަން ކަމަށް މިހާތަނަށް މައުލޫމާތު ލިބެނީ. ބަޔަކު އެމީހުންނަށް ހަމަލާދޭން ދިޔައިމަ، ފިލަން ވެގެން ތަނަކަށް ވަނީމަ ގަދަކަމުން ނެރުނީކަމަށް ވަނީ،" ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
އޮފިޝަލު އިތުރަށް ވިދާޅުވީ، ފުލުހުންގެ މީހާ އަނިޔާކުރީ އެ ރަށު ގްރޫޕަކުން ކަމަށާއި އޭގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
"ފުލުހުން އެގޮތަށް ރަށްރަށުގައި ތިބޭ ތިބުމުގައި އެއްވެސް ރަށެއްގައި ކުދިންނާ ރައްޓެހިވުން މަނާވެ، އެކަހަލަ ކަމެއް ނޯންނާނެ. އެގޮތަށް ކުދިން ރައްޓެހިވެ، ދިރިއުޅުން ވެސް އުޅެމުންދާނެ،" އޮފިޝަލު ވިދާޅުވި އެވެ. "އެކަމަކު އެކަމުގައި ޑިސިޕްލިނަރީ އިތުރު އެއްވެސް ކަމެއް އުޅެންޏާ ފުލުހުން ބަލައި، ފިޔަވަޅު އަޅާނެ،"