02 Jul 2015, 13:03
ޖެނީވާ (ޖުލައި 2): އިރާގާއި ސީރިޔާގެ ބޮޑުބައެއް ހިފައިގެން އުޅޭ ހަރުކަށި ޖަމާއަތެއް ކަމަށްވާ އައިއެސް ޖަމާއަތުގެ 18 ހަނގުރާމަ ވެރިއަކަށް ސޫރިޔާގެ އިސްލާމީ ފިކުރުގެ އެހެން ޖަމާއަތެއް ކަމަށްވާ "ޖައިޝުލް އިސްލާމް" (އިސްލާމިކް އާމީ) ޖަމާއަތުން މަރުގެ އަދަބު ދީފި އެވެ.
"ޖައިޝުލް އިސްލާމް"އިން އިއްޔެ ނެރުނު ވީޑިއޯއެއްގައި ބުނެފައި ވަނީ އެ ޖަމާއަތުގެ އަތްދަށުގައިވި އައިއެސްގެ 18 ހަނގުރާމަވެރިއެއްގެ ބޯކަޑާލައިގެން އެ މީހުންނަށް މަރުގެ އަދަބު ދީފައިވާނެ ކަމަށާއި މިއީ އައިއެސް ޖަމާއަތުން "ޖައިޝުލްއިސްލާމް" ގެ 12 މީހުން ހައްޔަރުކުރުމަށްފަހު އެމީހުންގެ ކަރުބުރިކޮށްލައިގެން މަރާލުމުން އެކަމުގެ ރައްދުގައި ދިން އަދަބެއްކަމުގަ އެވެ.
އިސްލާމީ ފިކުރުގެ ނަމުގައި ނޫނީ އިސްލާމީ ޝަރީއަތް ގާއިމް ކުރުމުގެ ނަމުގައި އިރާގާއި ސީރިޔާގައި ހަނގުރާމަ ކުރަމުންދާ ހަނގުރާމަވެރި ޖަމާއަތްތަކަކީ އެއް ބަޔަކު އަނެއްބަޔަކު ކާފަރުކޮށް އެއްބަޔަކު އަނެއްބަޔަކު ކަތިލައި މަރައި ބަދަލުހިފުމުގެ ހަރަކާތްތަކެއް ފުޅާދާއިރާއެއްގައި ހިންގަމުން ގެންދާ ތަކްފީރީ ޖަމާއަތްތަކެވެ. އަރަބި އަދި އިސްލާމީ ގިނަ ގައުމުތަކުގެ ޒުވާނުން މިފަދަ ޖަމާޢަތްތަކުން އިސްލާމީ ޝަރީޢަތް ގާއިމް ކުރުމުގެ ނަމުގައި ހިންގާ ޕްރޮޕަގެންޑާތަކުގެ ދަލުގައި ޖެހި އެ ޖަމާއަތްތަކުގެ ސަފުތަކަށް ވަންނަމުންދެ އެވެ. އެފަދަ ޖަމާއަތްތަކަށް މާލީ ގޮތުން ފައިސާ ވެސް ދެނީ އިސްލާމީ ބައެއް ގައުމުތަކުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އިސްލާމީ ބައެއް ގައުމުތަކުން މިފަދަ ހަރުކަށި ހަނގުރާމަވެރި ޖަމާއަތްތަކަށް ފަންޑުކޮށް ދެނީ އެ ޖަމާއަތްތައް މެދުވެރިކޮށް އެ ގައުމުތަކަށް ސިޔާސަތުތައް ތަންފީޒު ކުރުމަށް ކަމަށްވެ އެވެ. ނަމަވެސް މިކަން އޮންނަނީ ފަރުދާގެ އަނެއް ފަރާތުގަ އެވެ.
މީގެ ތެރޭގައި އިސްލާމީ ގައުމުތަކުގެ ސަރުކާރުތަކުން ސިއްރިޔާތުގައި އެ ޖަމާއަތްތަކަށް ދޭ ފައިސާ އާއި އިސްލާމީ ގައުމުތަކުގެ މުއްސަނދި މަހުޖަނުންނާއި ޖަމްއިއްޔާ ޖަމާއަތްތަކާ އަދި ކުންފުނިތަކުން ދޭ ފައިސާ ވެސް ހިމެނެ އެވެ. އިސްލާމީ ޝަރީއަތް ގާއިމް ކުރުމުގެ ނަމުގައި ޕްރޮޕަގެންޑާ ކޮށްގެން އެއްބަޔަކު އަނެއްބަޔަކާ ތަޅާފޮޅާ ސަތޭކައަށްވުރެ ގިނަ ޖަމާއަތް ސީރިޔާގައި ހަރަކާތްތެރިވަމުން ދެއެވެ.
މީގެ ތެރެއިން ގިނަ ޖަމާއަތްތަކުން ސީރިޔާގެ ބައްޝާރުލްއަސަދުގެ ސަރުކާރު ވައްޓާލަން މަސައްކަތް ކުރާތީ އެ ޖަމާއަތްތަކަށް ފަންޑުކުރަނީ ގަލްފުގެ މުއްސަނދި އަރަބި ގައުމުތަކުގެ ސަރުކާރުތަކުންނާއި އެގައުމުތަކުގެ މަހުޖަނުންނާއި ކުންފުނިތަކުން ކަމަށްވެ އެވެ. ނަމަވެސް އެ ފައިސާގައި ބައްޝާރުގެ ވެރިކަން ވައްޓާލަން މާ ބޮޑު މަސައްކަތެއް ނުކޮށް މިފަދަ ކޮންމެ ޖަމާއަތަކުން ވެސް މަސައްކަތް ކުރަނީ އެ ޖަމާއަތާ ވާދަކުރާ އަނެއް ޖަމާއަތުގެ ދުވަސްދުއްވާލުމަށެވެ. މިގޮތުން ސީރިޔާގެ ރައީސް ބައްޝާރުގެ ސަރުކާރު ނުވެއްޓޭ މައިގަނޑު ސަބަބުތަކުގެ ތެރޭން އެއްސަބަބަކީ މިއީ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސީރިޔާގެ "ޖައިޝުލް އިސްލާމް" ޖަމާއަތަކީ ސައޫދީ އަރަބިޔާއިން ފަންޑުކޮށްދޭ ޖަމާއަތެއް ކަމަށްވެ އެވެ. އައިއެސްއަކީ ސައޫދީ އަރަބިޔާއާ އިދިކޮޅު ޖަމާއަތެކެވެ. ނަމަވެސް އައިއެސް ނުއުފެދެނީސް އެހެން ނަމެއްގައި އެޖަމާއަތުގެ ހަނގުރަމާވެރިން އިރާގު ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވަމުންދިޔަ ދުވަސްވަރު އެމީހުންނަށް ފަންޑުކޮށްދިން ކަމުގެ ތުހުމަތު ސައޫދީ އަރަބިޔާއާއި ޔު.އޭ.އީ ފަދަ ގަލްފުގެ އަރަބި ގައުމުތަކުގެ މައްޗަށް ކުރެވިފައިވެ އެވެ. ނަމަވެސް އައިއެސް އިން މިހާރު ފައިސާ ހޯދާ ކަމަށް ވަނީ އެ ޖަމާއަތުގެ އަތްދަށުގައިވާ ސީރިޔާގެ ތެޔޮވަޅުތަކުން ތެޔޮ ވަގަށް ނަގައިގެން ބްލެކް މާކެޓްގައި އެތެޔޮ ވިއްކައިގެންނެވެ.
"ޖައިޝުލް އިސްލާމް"އިން އައިއެސްގެ 18 ހަނގުރާމަވެރިއަކު ކަތިލާލައި ކަރުބުރިކޮށްލައިގެން އިއްޔެ މަރާލިއިރު މިގޮތަށް އެންމެ ގިނައިން މީހުން މަރަމުން ގެންދާ ޖަމާއަތަކީ އައިއެސްއެވެ. އައިއެސްއިން ކަތިލައިގެންނާއި ފެނުގައި ގަންބައިގެންނާއި އަލިފާނަށްލައި އަންދައިގެން ގިނައަދަދެއްގެ މުސްލިމުން މަރަމުން ގެންދެ އެވެ. އައިއެސްއިން ކަރުބުރިކޮށްގެން މަރާ މީހުންގެ ތެރޭގައި އަންހެނުން ވެސް ހިމެނެ އެވެ. އައިއެސްއިން މިހަފްތާގެ ކުރީކޮޅު ވަނީ އެޖަމާއަތުގެ އެންމެ ބޮޑު ދުޝްމަން ކަމަށްވާ ޖަބްހަތުއްނުސްރާ ޖަމާއަތުގެ 16 ހަނގުރާމަވެރިއަކު ހައްޔަރުކޮށް އެމީހުން ކަތިލައި ކަރުބުރިކޮށްލައިގެން މަރާލާފަ އެވެ. އަދި ޖަބްހަތުއްނުސްރާގެ އަތުގައިޖެހޭ އައިއެސްގެ މީހުންނާމެދު އެޖަމާއަތުން ވެސް މިހާރު ވަނީ މިގޮތަށް އަމަލުކުރަން ފަށާފަ އެވެ.
ސައޫދީ އަރަބިޔާއިން "ޖައިޝުލްއިސްލާމް" އަށް ފަންޑު ކުރާކަމަށް ބުނެވޭއިރު ލުބްނާނުގެ ހިޒްބުﷲ ޖަމާއަތާއި ޔަމަންގެ ހޫޘީ ޖަމާއަތަށް ފަންޑުކުރާ ކަމުގެ ތުހުމަތު އީރާންގެ މައްޗަށް ކުރެވިފައިވެ އެވެ. (ނޫސްއެޖެންސީތައް)