އަލްއިމާމު މާލިކު އެކަލޭގެފާނުގެ މުވައްޠާގައި ނަކަލުކުރައްވައިފައިވާ ރިވާޔަތެެއްގައިވެއެވެ. އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަ ޙަދީޘު ކުރެއްވިއެވެ. "ތިމަންކަލޭގެފާނު ފޮނުއްވުނީ ރީތި ޚުލުޤުތައް ފުރިހަމަ ކުރެއްވުމަށްޓަކައެވެ"

ރިވާޔަތެއްގައިވެއެވެ. ޙުނައިނު ހަނގުރާމަޔަށްފަހު އިތުރު ސާހިބާގެ އަރިހަށް އެހަނގުރާމައިގެ އަސީރުން ގެނެވުނުއިރު އޭގެ ތެރޭގައި ޠައްޔުވަންހައިގެ ބައެއް އަންހެނުންނާއި ފިރިހެނުންވެސް ތިއްބެވެ. އޭގެ ތެރެއިން އަންހެނެއް އިތުރު ސާހިބާގެ ކުރިފުޅު މައްޗަށް އަރައިދެންނެވިއެވެ. "އޭ މުޙައްމަދުގެ ފާނެވެ. ކަލޭގެފާނު ހިތްޕުޅާ ހަަމަކުރައްވާ ކަމަކަށްވާނަމަ އަޅުގަނޑު މިނިވަންކޮށް ދެއްވާށެވެ. ޢަރަބި ޤަބީލާ ތަކުގެ މީހުންނަށް އަޅުގަނޑަށް މަލާމާތްކޮށް ހުނުމުގެ ފުރުޞަތު ނުދެއްވާށެވެ. އެހެނީ އަޅުގަނޑަކީ އަޅުގަނޑުގެ ޤައުމުގެ ރަސްގެފާނުގެ ދަރިކަނބަލުންނެވެ. އަޅުގަނޑުގެ ބައްޕައަކީ ބޭނުންޖެހިފައިވާ މީހުންގެ ބޭނުންތައް ފުއްދަވައިދެއްވާ ބޭފުޅެކެވެ. ހައްޔަރުވާ މީހުން މިނިވަންކުރައްވާ ބޭފުޅެކެވެ. ހައިހޫނުކަމުގައި ތިބޭމީހުންނަށް ކާންބޯންދެއްވާ ބޭފުޅެކެވެ. ބައްޕާފުޅު މީސްތަކުންނަށް އެހީ ފޯރުއްވައެވެ. ސަލާމްފަތުރުއްވައެވެ. ބައްޕާފުޅުގެ އަރިހަށް މުހުތާދަކު އައި އެއްވެސް މީހަކު ހުސްއަތަކާ ފޮނުއްވައެއް ނުލައްވައެވެ."

އިސްލާމްދީނުގެ ނަބިއްޔާ ޞައްﷲ ޢަލައިހިވަސައްލަމަ އެވާހަކަތައް އަޑުއައްސަވައިފައި ޙަދީޘު ކުރެއްވިއެވެ. އޭ ކަމަނާއެވެ! ހަަމަކަށަވަރުން ތިޔައީ އީމާންކަމުގެ ސިފައެވެ. ކަމަނާގެ ބައްޕާފުޅަކީ މުސްލިމަކަށްވީނަމަ ތިމަންކަލޭގެފާނު އޭނާއަށް ރަޙްމަތްލެއްވުން އެދިވަޑައިގެން ދުޢާކުރެއްވީމުއެވެ. އެހެން ޙަދީޘު ކުރެއްވުމަށްފަހު ޙާތިމުއްޠާއީގެ ދަރިކަނބަލުން ދޫކޮށްލުމަށް އަމުރުކުރެއްވިއެވެ. އެކަމަނާގެ ބައްޕާފުޅުގެ ރީތި ޚުލުޤުފުޅަށްޓަކައެވެ. އެތަން ފެނިވަޑައިގަތުމުން އަސްހާބު ބޭކަލެއްކަމުގައިވާ އަބޫބުރުދާ ރަޟިޔަﷲ ޢަންހު ތެދުވެވަޑައިގެން ވިދާޅުވިއެވެ. އޭމާތްﷲ ގެ ރަސޫލާއެވެ. އަރަހުށި މާތްﷲ ރީތި އަޚްލާޤާމެދު ރުހިވޮޑިގަންނަވާތޯއެވެ؟ އިތުރު ސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘު ކުރެއްވިއެވެ. އެފަރާތްޕުޅެއްގެ ބާރުގެ ދަށުގައި ތިމަންކަލޭގެފާނުގެ ފުރާނަފުޅުވާ މަތިވެރި ޒާތުފުޅު ގަންދެއްވައި ވިދާޅުވަމެވެ. ސަވަރުގެ ވައްދަވާނީ ހަމައެކަނި އެބަޔެއްގެ ޚުލުޤުރީތިމީހުންނެވެ.

ސުވަރުގެ ވެއްދެވުމަށްޓަކައި އަޚްލާޤަކީ މިހާ މުހިންމު ކަމަކަށްވީ ކީއްވެގެންތޯއެވެ. ސަބަބަކީ ސުވަރުގޭގެ ރީތި ޗާލު ގަނޑުވަރުތަކުގެ ޙައްޤުވެރީންކަމުގައިވާނީ ހަމައެކަނި އަޚްލާޤު ރަނގަޅުމީހުން ކަމުގައިވުމެވެ. ސުވަރުގެއަކީ ދެވަނަ މިސާލުނެތްފަދަ ރީތި ފުރިހަމަތަނެކެވެ. ސުވަރުގޭގައި ކޮންމެ ކަމަކާއި ކޮންމެ އެއްޗެއްވެސް ވަނީ ފުރިހަމަކަމުގެ އިންތިހާގައެވެ. ފުރިހަމަކަމުގެ އެންމެ މަތީދަރަޖައިގައެވެ. އެހެން ކަމުން ސުވަރުގެ އާ އެކަށީގެންވަނީ މިދުނިޔޭގެ ޙަޔާތުގައި ނަފުސުގެ މާތްކަމުގެ ނިހާޔަތާއި ޝަޚްޞިއްޔަތުގެ ފުރިހަމަކަމާއި މާތް ކަމުގެ ލާމަސީލުކަން ސާބިތުކޮށްދޭ މީހުންނެވެ. ސުވަރުގެވަނީ މަރުވުމަށްފަހު އަންނާންއޮތް ދުނިޔޭގައެވެ. ނަމަވެސް ސުވަރުގޭގައި އާބާދު ކުރައްވާނެ މީހުން ހޮއްވަވަނީ މަރުވުމުގެ ކުރީން މިދުނިޔޭގެ ދިރިއުޅުމުގައެވެ. ކައުސާހިބާގެ ޙަދީޘު ފުޅުގައިވާގޮތުން ސުވަރުގެއަށްޓަކައި މީހުން އިންތިޚާބު ކުރެއްވުމުގެ މިންގަނޑަކީ މާތް އަޚްލާޤެވެ. ރީތި ޚުލުޤެވެ.

ޝައްކެއްނެތެވެ. ސުވަރުގެ ވަންތަވެރިކަމުގެ ސެޓްފިކެޓަކީ ޚުލުޤު ރީތިވުމެވެ. އަޚްލާޤު ފުރިހަމަ ވުމެވެ. މުސްލިމަކަށް ވުމުގެ ޝަރުޠާއެކުގައެވެ.