ކީރިތި ގުރުއާން އަންދާލައިގެން މަރާލި ފަރުކުންދާގެ މަރުގެ މައްސަލާގައި މެރުމަށް ހުކުމް ކުރި ހަތަރު މީހުންގެ ހުކުމް އަފްގާނު ކޯޓުން ބާތިލުކޮށްފި އެވެ.

އުމުރުން 28 އަހަރުގެ ފަރުކުންދާ މަރާލާފައި ވަނީ މި އަހަރުގެ މާޗު މަހުގެ ތެރޭގައި ކީރިތި ގުރުއާނުގެ ކޮޕީއެއް އަންދާލިކަމުގެ ތުހުމަތުގަ އެވެ. އަދި އޭނާ މަރާލާފައި ވަނީ ކުދި ހިލައިން ތެޅުމަށް ފަހު ކާރެއް އޭނާގެ ގައިމަތިން ދުއްވާ އަންދާލައިގެން ކަމަށް މީޑިއާ ރިޕޯޓުތަށް ބުނެ އެވެ.

ފާހުންދާގެ މަރުގެ މައްސަލާގައި މެރުމަށް ހުކުމް ކުރި ހަތަރު މީހުންގެ ހުކުމް އަފްގާނު ކޯޓުން ބާތިލު ކުރީ އެ މައްސަލައިގެ ހުރިހާ ޝަރީއަތެއް ވެސް ކުރިއަށްގެންގޮސްފައި ވަނީ އަދުންއިންސާފާ ހިލާފަށް ކަމަށް ބުނެ އެވެ.

އެ ހަތަރު މީހުންގެ އިތުރުން ފުލުހުން ވެސް ހިމެނޭ ގޮތަށް އަށް މީހަކު ވަނީ އެ މައްސަލާގައި އެއް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ.

ފުލުހުން ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ އެމީހުންގެ ކުރިމަތީގައި ފަރުކުންދާ މަރާލާފައިވާ އިރު ސަލާމަތް ކުރުމަށް މަސައްކަތް ނުކޮށް ބަލަހައްޓައިގެން ތިބުމުން ފުލުހުންގެ ޑިއުޓީ އަދާކުރުމަށް ފަރުވާ ކުޑަކުރި ކަމަށް ބުނެ އެވެ.

ގުރުއާނުގެ ކޮޕީއެއް އަންދާލި ކަމުގެ ތުހުމަތުގައި އޭނާ މަރާލާފައިވާ އިރު އޭނާގެ އާއިލާއިން ބުނެފައި ވަނީ، ފަރުކުންދާ އެކަހަލަ ކަމެއް ނުކުރާ ކަމަށާއި އޭނާއަކީ އެންމެ ކުޑައިރުއްސުރެ ވެސް ގުރުއާނަށް ލޯބިޖެހިފައިވާ ގުރުއާން ހިތުދަސް ކުއްޖެއް ކަމަށެވެ.

ފަރުކުންދާގެ މަރުގެ މައްސަލާއި ބޮޑެތި ގައުމުތަކުންނާއި ބައިނަލްއަގްވާމީ އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ވަނީ އެމަރާ ދެކޮޅަށް އަޑު އުފުލާ އިހުތިޖާޖުކޮށްފަ އެވެ.