ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން އެމަނިކުފާނަށް ނޯޓިސް ފޮނުވައިފި އެވެ.

މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުން ނައިބު ރައީސްއަށް ދޭންޖެހޭ ނޯޓިސް މިދިޔަ މަހު 30 ވަނަ ދުވަހު ނައިބު ރައީސް އަށް ފޮނުވާފައިވާ ކަމަށެވެ.

ގާނޫނު އަސާސީގެ 100 ވަނަ މާއްދާގެ (ރ)ގައި ބުނެފައި ވަނީ އެފަދަ މައްސަލައަކާ މެދު މަޖިލީހުގައި ބަހުސް ފެށުމުގެ މަދުވެގެން 14 ދުވަސް ކުރީން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އެކަން އަންގަންވާނެ ކަމަށެވެ.

އެ ގަރާރުގެ ބަހުސްގެ މަރުހަލާގައި އަނގަ ބަހުންނާއި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު ރައީސުލްޖުމްހޫރިއްޔާ އަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ލިބިގެންވާނެ ކަމަށް ވެސް ގާނޫނު އަސާސީގެ 100 ވަނަ މާއްދާގައި ބުނެފައިވެ އެވެ. އަދި ގާނޫނީ ވަކީލަކު ބޭނުން ކުރުމުގެ ހައްގު ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ލިބިގެންވާ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެ އެވެ.

މަޖިލީހުގެ ގަވައިދަށް އަލަށްގެނައި އިސްލާހުގައި ބުނެފައި ވަނީ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހުގެ ތަޅުމުގައި ބަހުސް އޮންނަ ދުވަހު މަޖިލީހުގެ ޖަލްސާ އަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހާޒިރު ނުވި ނަމަވެސް ބަހުސް ކުރިއަށް ގެންގޮސް މަޖިލީހަށް ހުށަހެޅިފައިވާ މައްސަލައާ މެދު ގޮތެއް ނިންމަންވާނެ ކަމަށެވެ.

ގާނޫނު އަސާސީގައި 100 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެއީ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 57 މެމްބަރުންގެ އަގުލަބިއްޔަތެވެ.

ނައިބު ރައީސް ވަކިކުރާ ގަވައިދު މަޖިލީހަށް ހުށަހެޅީވެސް 61 މެމްބަރުންގެ ސޮޔާއެކުއެވެ.

ނައިބު ރައީސް ޖަމީލު މިވަގުތު ހުންނެވީ ލަންޑަންގައެވެ. އެމަނިކުފާން ވިދާޅުވެފައިވަނީ މަގާމުން ވަކި ކުރުމަކީ "ގާނޫނު އަސާސީގެ ތެރެއިން ގެންނަ ބަޣާވާތެއް" ކަމަށެވެ.