މިދިޔަ މެއިމަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް 703.7 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ އިގްތިސާދީ ރިވިއުއިން ދައްކާ ގޮތުން މިދިޔަ މެއި މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވްއަކީ 703.7 މިލިއަން ޑޮލަރު ކަމަށް ވާ އިރު އެއީ މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު 65 ޕަސެންޓް އިތުރު އަދަދެކެވެ.

ރަސްމީ ރިޒާވްގެ ޔޫޒަބަލް ރިޒާވްގެ ގޮތުގައި 229.7 މިލިއަން ޑޮލަރު ހުރިއިރު އެއީ މަހުންމަހަށް ބަލާއިރު 12 ޕަސެންޓް އިތުރު އަދަދެކެވެ. އަދި އެއީ އަހަރުން އަހަރަށް ބަލާއިރު 41 ޕަސެންޓް އިތުރު އަދަދެކެވެ.

ރާއްޖޭގެ ރިޒާވް އިތުރުވުމަށް މެދުވެރިވި ސަބަބެއް އެމްއެމްއީ އިން އެރިޕޯޓުގައި ހާމަކޮށްފައެއް ނުވެ އެވެ.

މިދިޔަ މޭ މަސް ނިމުނު އިރު ރަސްމީ ރިޒާވްގައި ހުރި މިންވަރަކީ 4.2 މަހުގެ އިމްޕޯޓްކަމަށް އެމްއެމްއޭއިން ބުނެ އެވެ.