02 Jul 2015, 11:13
ހިނގާބިނގާވެ އުޅޭ މީނުންނަށް އުދަނގޫވާ ގޮތަށް ދުވާރުމަތީގައި މުދާ ބެހެއްޓުމަކީ ފަހަކަށް އައިސް އާންމު ކަމެކެވެ. ފުލުހުން ބުނެފައި ވަނީ އެކަން ހުއްޓުވުމަށް އެކަން ކުރާ ފަރާތްތައް ޖޫރިމަނާ ކުރާނެ ކަމަށެވެ.
އެފަދަ އަމަލުތަކުގެ ސަބަބުން ހިނގާ މީހުންނަށް ދަތިވެ ތަކުރާރުކޮށް ފުލުހުންނަށް ޝަކުވާ ހުށައެޅެމުން ދާތީ ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން މި ވަނީ ބުނެފަ އެވެ.
އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން އެގޮތަށް މުދާ ބަހައްޓާ ފަރާތްތައް 750 ރުފިޔާއިން ޖޫރިމަނާ ކުރެވެ އެވެ.
މާލޭގެ ކާރުބާރުބޮޑު މަގުތަކުގައި، ހިނގާ މީހުންނަށް އުނދަގޫވާ ގޮތަށް ދުވާރުމަތީގައި މުދާ ބަހައްޓައިގެން ވިޔަފާރި ކުރަމުން ދާތީ ހިނގާ ބިނގާވެ އުޅެން ދަތިވެ ދުއްވާ އެއްޗެހި ދުއްވަން ހާއްސަ ކުރެވިފައިވާ ސަރަހައްދުން ހިނގަން ޖެހޭތީ ތަކުރާރުކޮށް ފުލުހުންނަށް ޝަކުވާ ލިބެމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާއިން ބުންޏެވެ.
"މިފަދަ ތަކެތި ބަހައްޓައި މަގުތައް ބަންދު ކުރެވިފައި އޮތުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓް ހިނގައި ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން އެކިވަރުގެ ބޮޑެތި ގެއްލުންތައް ލިބިފައިވޭ،" ފުލުހުން ބުންޏެވެ.
ދުވާރުމަތީ ފިހާރަތަކުގެ މުދާ ބެހެއްޓުމަކީ މާލޭގެ ހުރިހާ މަގުތަކެއްގައިހެން ކަންހިނގަމުން އަންނަ ކަމެކެވެ. އަދި އަލުވި ފިޔާ ފަދަ ތަކެތި ފިހާރައަށް ވެއްދުމުގެ ކުރިން ދުވާރު މަތީ ބަހައްޓައިގެން ސާފްކޮށް ހަދައެވެ.