02 Jul 2015, 11:25
އަންނަ މަހު ލަންކާގައި އޮންނަ އާންމު އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.
"އާ ސަރުކާރެއް ގާއިމު ކުރުމަށް އަންނަ މަހު އޮންނަ އިންތިހާބުގައި އަހަރުން ވާދަ ކުރާނަން،" ރާޖަޕަކްސާގެ އަވަށުގައި ގިނަ ބަޔަކާ ބައްދަލުކުރައްވައި އިއްޔެ ވިދާޅުވި އެވެ.
އަންނަ މަހު އޮންނަ އިންތިހާބަކީ ލަންކާގައި ބޮޑުވަޒީރަކު އިންތިހާބު ކުރާނެ އިންތިހާބެކެވެ.
މިދިޔަ ޖެނުއަރީ މަހު އޮތް ރިޔާސީ އިންތިހާބުގައި ރާޖަޕަކްސާގެ ސަރުކާރުގެ ހެލްތު މިނިސްޓަރު މައިތިރިޕާލާ ސިރިސޭނާއާ ވާދަކޮށް ރާޖަޕަކްސާ ވަނީ އިންތިހާބުން ބަލިވެފަ އެވެ.
ރާޖަޕަކްސާ އިއްޔެ ވިދާޅުވީ ކުރިއަށް އޮތީ އަނދިރި ދުވަސްތަކެއް ކަމަށާއި އޭނާ އިންތިހާބުގައި ވާދަކުރައްވަނީ އެ "އަނދިރިކަމުން" ގައުމު ސަލާމަތް ކުރުމަށް ކަމަށެވެ.
ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސްގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓަކީ ރާޖަޕަކްސާ ކަމަށް ހެދުމަށް ރާޖަޕްކާ ކުރި ޑިމާންޑަށް ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ ދެކޮޅު ހައްދަވައިފަ އެވެ. ސިރިސޭނާއަކީ މިހާރު ރާޖަޕަކްސާ 10 އަހަރުވަންދެން ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޔޫޕީއެފްއޭގެ ލީޑަރެވެ.
ރާޖަޕަކްސާ އިންތިހާބުގައި ވާދަ ކުރައްވާނީ ކޮން ޕާޓީއަކުން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ނަމަވެސް ރާޖަޕަކްސާގެ ސަޕޯޓަރުންނާ ހަވާލާދީ ރޮއިޓާސް އިން ބުނީ، ސިރިސޭނާ ދޫނުދެއްވައިފި ނަމަ، ރާޖަޕަކްސާ ނުކުންނަވާނީ އާ ޕާޓީއެއް ހައްދަވައިގެން ކަމަށެވެ.
"އަހަރެން އިންތިހާބުގައި ވާދަ ކުރުމަށް ރައްޔިތުން ދިން ދައުވަތު އަހަރެން ގަބޫލުކުރަން،" ރާޖަޕަކްސާ ވިދާޅުވި އެވެ.
ކުރިން 10 އަހަރުވަންދެން ވެރިކަން ކުރެއްވި އަދި ރައްޔިތުންގެ ފައިސާ އަށް ހިޔާނާތްވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ރާޖަޕަކްސާ ވިދާޅުވީ އޭނާ އަށް ވެރިކަން އަލުން ލިބިވަޑައިގެންފި ނަމަ، ކުރީގެ ގޯސްތައް ތަކުރާރު ނުކުރައްވާނެ ކަމަށެވެ.
ނަމަވެސް އިންސާނީ ހައްގަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނީ ރާޖަޕަކްސާ އަލުން ވެރިކަމަށް އައުމަކީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ.
ލަންކާގައި ވަކި ދައުލަތެއް ގާއިމު ކުރުމަށް ތަމަޅައިން ކުރި އަހުލީ ހަނގުރާމަ ނިމުމަކަށް ގެނެސް ލަންކާ އަށް ސުލްހަ ގެންނެވީ ރައީސް ރާޖަޕަކްސާ އެވެ. ނަމަވެސް އެ ހަނގުރާމަ ނިމުނު އިރު 100،000 އަށް ވުރެ ގިނަ މައުސޫމު މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެ އެވެ. އަދި ބައިނަލްއަގުވީ ފަރާތްތަކުން މަސަކަތް ކުރަމުން އަންނަނީ ހަނގުރާމައިގެ ޖަރީމާ ހިންގި ކަމަށް ބުނެ ރާޖަޕަކްސާގެ މައްޗަށް ދައުވާ ކުރެވޭނެ ގޮތްތައް ބަލަމުންނެވެ.
މައުލޫމާތު: ނޫސްތައް