02 Jul 2015, 00:07
މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ގ. ކޮއްކިރި، މުޙައްމަދު ފަހުމީ ޙަސަނަށް އައްޔަން ކުރަން ރުހުން ދޭން ފެންނަ ކަމަށް، އެ މައްސަލަ ދިރާސާ ކުރި ގައުމީ ސަލާމަތުގެ ކޮމިޓީން ފާސްކޮށްފި އެވެ.
ގައުމީ ސަލާމަތު ކޮމެޓީގެ 12 މެންބަރުންގެ ތެރެއިން 11 މެންބަރުން ބައިވެރިވެވަޑައިގެންނެވި ކޮމިޓީ ބައްދަލުވުމުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ފަހުމީ އައްޔަންކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި މައްސަލަ ދިރާސާކުރެއްވުމަށްފަހު، ފަހުމީގެ ކުށުގެ ރިކޯޑާއި ސާބިތު ދަރަނީގެ ރިކޯޑެއް އޮތްތޯ ކަމާގުޅޭ އިދާރަތާކުން މައުލޫމާތު ސާފުކުރި އެވެ.
އެގޮތުން އެފަދަ ކުށުގެ ރިކޯޑެއް އަދި ސާބިތު ދަރަންޏެއްވެސް ނެތުމުން އެބޭފުޅާގެ ވަނަވަރު ދިރާސާކުރުމަށްފަހު ފަހުމީއަކީ، ޑިޕްލޮމެޓިކް މިޝަންއާއި ތައުލީމާއި ތަޖްރިބާގެ ގޮތުން މެލޭޝިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް އައްޔަންކުރެއްވުމަށް އެކަށީގެންވާ ބޭފުޅެއްކަމުގައި ނިންމައި، އިންޓަވިއުކުރެއްވުމަކާ ނުލައި މަޖިލީހުން ގޮތެއް ނިންމެވުމަށް ފަހުމީގެ ނަންފުޅު މަޖިލީހުގެ ތަޅުމަށް ފޮނުއްވުމަށް މިދިޔަ އަންގާރަ ދުވަހުގެ ބޭއްވި ގައުމީ ސަލާމަތުގެ ކޮމިޓީގެ 22 ވަނަ ބައްދަލުވުމަށް ވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރީ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
"ވުމާއެކު، އަލްފާޟިލް މުޙައްމަދު ފަޙްމީ ޙަސަން، މެލޭޝިއާއަށް ދިވެހިރާއްޖޭން ކަނޑައަޅާ ސަފީރުކަމަށް ހަމަޖެއްސުމަށް ގައުމީ ސަލާމަތުގެ ކޮމިޓީން ނިންމެވި ނިންމެވުން، ރައްޔިތުންގެމަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއްގެ މަތީން ނިންމަވައިދެއްވުމަށް މި ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަމެވެ." ކޮމިޓީގެ ރިޕޯޓުގައިވެ އެވެ.
މެލޭޝިއާގެ ސަފީރުކަމަށް ފަހުމީ އައްޔަން ކުރެއްވުމަށް މަޖިލީހުގެ މަޝްވަރާ ހޯއްދަވަން ރައީސް ޔާމީން ހުށަހެޅުއްވީ، ރާއްޖެއިން މެލޭޝިއާއަށް ކަނޑައެޅުއްވި ސަފީރު މުހައްމަދު ފަޔާޒު (އެފްއޭ) މިދިޔަ މަހުގެ 27 ވަނަ ދުވަހު އެ މަގާމުން އިސްތިއުފާދެއްވުމުންނެވެ.
ފަހުމީ މިހާރު ހުންނެވީ ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅާފައިވާ ސަފީރުގެ ނައިބު ކަމުގެ މަގާމުގަ އެވެ.