ކ. އެރިއަދޫ ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ރިސޯޓްގެ ބާ އާއި ކޮފީ ޝޮޕްއެއްކޮށް އަނދައި ހުލިވެ އެނޫން ތަންތަނަށް ބޮޑެތި ގެއްލުންތައް ވެއްޖެ އެވެ.

އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ލެފްޓިނެންޓް އަބްދުﷲ އަލީ މިއަދު ވިދާޅުވީ ރޭ ދަންވަރު 2 ޖަހާ އެހާކަން ހާއިރު ހިނގި ހާދިސާގައި އެރިއަދޫ ރިސޯޓުގް ބާގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބާ އާއި ކޮފީސޮޕާއި އަނދައިހުލިވެފައިވާ ކަމަށެވެ. އަދި ޕޫލްގެ ކުޅޭބައިގެ މަތިވަޑާންގަނޑު ވެސް އަނދާފައިވާ ކަމަށް އަބްދުﷲ އަލީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނަށް އެ ހަބަރު ލިބުނީ ގާތްގަނޑަކަށް ދޭއްޖަހަން އުޅެނިކޮށް. އަޅުގަނޑުމެން ޓީމް އެ ރިސޯޓަށް ދިޔައިރު ބާ އާއި ކޮފީސޮޕް އެއްކޮށް އަނދާ ހުލިވެއްޖެ. އަދި ފަހުން ބެލި އިރު ޕޫލް ކުޅޭ ބައިގެ މަތިވަޑާން ގަނޑު ވެސް ހުރީ އަނދާފައި،" އަބްދު ﷲ އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަޔާ އެންޑް ރެސްކިޔު އަށް އެ ރިސޯޓަށް ދިޔައިރު ރޯވި އަލިފާން ގަނޑު މުޅިން ނިއްވާލާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ހާދިސާ އާ ގުޅޭ ތަހުގީގު މިހާރު ކުރިއަށް ދާކަމަށެވެ.

"އަޅުގަނޑުމެންނަށް ދެވުނު އިރު އެ ރިސޯޓުގައި ހުރި ސާމާނު ބޭނުންކޮށްގެން އަލިފާން ގަނޑު ނިއްވާލާފައި ހުރީ. މިހާރު މެނޭޖްމަންޓާ ގުޅިގެން އެބަ ބަލަން އެކަން ހިނގި ގޮތް،" އަބްދުﷲ އަލީ ވިދާޅުވި އެވެ.

އެރިއަދޫ ރިސޯޓް އޮޕަރޭޓް ކުރާ، ޕްލެޓީނިއަމް ކެޕިޓަލް ހޯލްޑިންގެ ކޯޕަރޭޓް ސާވިސް އެގްޒެކެޓިވް އަލީ ޔޫސުފު މިއަދު ވިދާޅުވީ ބާ އާއި ކޮފީ ޝޮޕްގައި ހިނގި އަލިފާނުގެ ހާދިސާގައި އެތަނުގައި ހުރި އެއްވެސް އެއްޗެއް ސަލާމަތް ނުކުރެވުނު ކަމަށާއި ލިބުނު ގެއްލުން 500000 ޑޮލަރު[6.4 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ވާނެ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ މުޅި ރިސޯޓަކީ އިންޝުއަރެންސް ކޮށްފައިވާ ރިސޯޓެއް ކަމަށެވެ.

އޭނާ ވިދާޅުވީ 114 އެނދުގެ ރިސޯޓުގެ ބާ އާއި ކޮފީ ޝޮޕް ހުންނަނީ ޖެޓީ އާ ދިމާލުން މޫދު ކައިރީގައި ކަމުން އެ ތަންތަނާ އެންމެ ކައިރީގައި ހުރި ބަދިގެ ވެސް ސަލާމަތް ކުރެވުނު ކަމަށެވެ.