ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގެ އާ ރައީސަކަށް ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް (އޭކޭ) ޕާޓީގެ ޑެޕިއުޓީ ލީޑަރު އިސްމަތު ޔިލްމާޒު މިއަދު އިންތިޚާބުކޮށްފި އެވެ.

އޭކޭ ޕާޓީގެ ކުރީގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ޔިލްމާޒް، ޕާލިމެންޓްގެ ރައީސަކަށް ހޮވުނީ، އެ މަޖިލީހުގެ 550 މެންބަރުންގެ މެދުގައި ދެދުވަސް މަތިން ނެގި ވޯޓްގެ ހަތަރު ވަނަ އަދި އެންމެ ފަހު ބުރުގައި 258 ވޯޓް ލިބިވަޑައިގެންނެވެ.

ތުރުކީ ޕާލަމެންޓްގެ ތިން ޑެޕިއުޓީން ތިއްބަވާއިރު، އެބޭފުޅުން އެ ވޯޓުގެ ފަހު ބުރުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ. 29 ވޯޓު ކަރުދާސްކޮޅު ހުސްކޮށް އޮތްއިރު، ބާތިލް ވޯޓުގެ ގޮތުގައި 78 ވޯޓު ގުނާފައިވެއެވެ. މީގެ އިތުރުން ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ)ގެ ފަރާތުން ވާދަކުރެއްވި ޑެނިޒް ބައިކާލްއަށް ލިބިވަޑައިގަތީ 182 ވޯޓެވެ.

ޕާލަމެންޓްގެ ރައީސްކަމަށް ވާދަކުރެއްވި އިތުރު ދެމެންބަރުން ކަމަށްވާ، ނޭޝަނަލިސްޓް މޫވްމަންޓް ޕާޓީ (އެމްއެޗްޕީ)ގެ ކެންޑިޑޭޓް އިކްމުއްދީން އިހްސާނުގުލް އާއި ޕްރޯ-ކުރުދިޝް ޑިމޮކްރެޓިކް ޕާޓީ (އެޗްޑީޕީ)ގެ ކެންޑިޑޭޓް ދެންގިރު މީރް މެހްމެތު ފިރާތު ވަނީ، ވޯޓުގެ ތިންވަނަ ބުރުން ކަޓައިފައެވެ.

ޖޫން 7ގައި ތުރުކީގައި ބޭއްވުނު ޕާލިމަންޓް އިންތިޚާބަށްފަހު، މިހާތަނަށް އެ މަޖިލީހުގެ ވަގުތީ ރައީސެއްގެ ގޮތުގައި ހުންނެވި ބައިކާލް ވަނީ، އުމުރުން 53 އަހަރުގެ ޔިލްމާޒަށް މަރުހަބާ ވިދާޅުވެ، ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގެ 26 ވަނަ ރައީސްގެ ގޮތުގައި ޔިލްމާޒަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ގާނޫނު ހަދާ މަޖިލީހުގައި ތުރުކީގެ އިރުމަތީ ޕްރޮވިންސެއް ކަމަށްވާ ސިވާސް ތަމްސީލުކުރައްވާ ޔިލްމާޒް ވަނީ، މީގެ ކުރިން ދެފަހަރެއްގެ މަތީން އެ މަޖިލީހުގެ ނައިބު ރައީސްކަން ކުރައްވައިފައެވެ. ތުރުކީގެ ޑިފެންސް މިނިސްޓަރުކަމުގެ މަގާމަށް ޔިލްމާޒް އައްޔަން ކުރެއްވީ 2011 ވަނަ އަހަރު ތުރުކީގެ އޭރުގެ ބޮޑުވަޒީރު ރަޖަބް ޠައްޔިބު އަރްދޫގާންއެވެ.