01 Jul 2015, 21:27
މިސްރުގެ ސަލާމަތީ ބާރުތަކުން އެގައުމުގެ ވެރިރަށް ގާހިރާގެ އެޕާޓްމަންޓެއްގައި ހަތިޔާރު ހިފައިގެން އުޅުނު 9 މީހަކަށް ހަމަލާދީ މަރާލައިފި އެވެ.
ރޮއިޓަސްއާ ހަވާލާދީ އަލް އަރަބިއްޔާގައި ބުނެފައިވަނީ، މިސްރުގެ ހުޅަނގު އަވަށެއްކަމަށްވާ 'ސިކްސްތު އޮކްޓޯބަރ'ގެ އެޕާޓްމަންޓެއްގެ ތެރޭގައި ހަތިޔާރާއެކު އުޅުނު ހަނގުރާމަވެރީންގެ ބަޔަކު ކަމަށް ބެލެވޭ ނުވަ މީހަކު މަރާލާފައި ވަނީ، އެ ސަރަހައްދުގައި ހަމަލާތަކެއް ދޭން ރާވަމުންދާ ކަމަށް ސަލާމަތީ ބާރުތަކަށް ލިބިފައިވާ މައުލޫމާތުތަކަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ސަލާމަތީ ބާރުތަކުން ދިން ހަމަލާގައި މަރާލާފައިވާ ނުވަ މީހުންގެ ތެރޭގައި މުސްލިމް ބްރަދަހޫޑްގެ މަޝްހޫރު ލޯޔަރު އަދި ކުރީގެ ގާނޫނު ހަދާމަޖިލީހުގެ މެންބަރެއް ކަމަށްވާ ނާސިރު އަލް ހަލަފީވެސް ހިމެނޭ ކަމަށެވެ.
ގާހިރާގެ ހެލިއޮޕޮލިސް އަވަށުގެ މިލިޓަރީ ކޮލެޖެއްގެ ބޭރުގައި މީގެ ދެދުވަސް ކުރިން މިސްރުގެ ޕްރޮސިކިއުޓާ ޖެނެރަލް ހިޝާމް ބަރަކަތުގެ މޮޓޯކޭޑަށް ދިން ކާރުބޮމުގެ ހަމަލާއެއްގައި، އޭނާ އަވަހާރަށްކޮލުމާ ގުޅިގެން މިސްރުގެ ސަލާމަތީކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.
ހިޝާމް ބަރަކާތު އަވަހާރަވެފައި ވަނީ، ހޯމަ ދުވަހު ދިން ބޮމުގެ ހަމަލާގައި ލިބުނު ޒަޚަމްތަކަށް ކައިރޯގެ ހޮސްޕިޓަލެއްގައި ފަރުވާދެމުންދަނިކޮށެވެ.