01 Jul 2015, 21:18
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމުގެ އެޕާޓްމެންޓަށް ފުލުހުން ވަދެ ހަތިޔާރު ހޯދި ރޭ އެ އޮޕަރޭޝަން ވީޑިއޯ ކޮށްފައިނުވުމުން ސުވާލު އުފެދޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ބުނެފި އެވެ.
ނާޒިމްގެ އެޕާޓްމަންޓް ބަލައި ފާސްކުރުމާއި ގުޅޭގޮތުން އެޗްއާރްސީއެމުން ނެރެފައިވާ ބަޔާން، ނާޒިމްގެ އާއިލާއަށާއި ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފައިވާ ރިޕޯޓުގައި ބުނެފައިވަނީ ފިސްތޯލަ ފެނުނު ރޭ ނާޒިމްގެ އެޕާޓްމަންޓަށް ފުލުހުން ވަދެ ހިންގި އޮޕަރޭޝަންގައި އެގެ ބަލައި ފާސް ކުރުމުގައި ފަރުވާ ކުޑަކުރުމާއި، ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށެވެ.
"ގ.އެނިފް ބަލައި ފާސްކުރުމުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ހަރަކާތްތެރިވި ފުލުހުން، އެގެ ބަލައި ފާސްކުރުމުގައި ފަރުވާ ކުޑަކުރުމުގެ ސަބަބުންނާއި ބަލާ ފާސްކުރި މަންޒަރުތައް ވީޑިއޯކޮށްފައިނުވާތީ ފުލުހުންގެ އަމަލުތަކާއި މެދު ސުވާލު އުފެދޭ ކައްތައްތަކެއް ހުރިކަމަށް ތަހުގީގަށް ފާހަގަކުރެވޭ،" އެޗްއާރްސީއެމްގެ ރިޕޯޓުގައި ބުނެފައިވެއެވެ.
އެރޭ ފުލުހުން އަމަލުކޮށްފައިވަނީ ޖުމުލަގޮތެއްގައި ރަނގަޅަށް ނަމަވެސް އެފަދަ ހަތިޔާރާއި ގުޅޭ އޮޕަރޭޝަނެއް ހިންގުމަށް ބޭނުންވާ ވަސީލަތްތައް ފުލުހުންގެ އަތުގައި ނެތްއިރު ސިފައިންގެ އެހީތެރިކަން ނުހޯދައި އެ އޮޕަރޭޝަން ހިންގުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށްވެސް އެރިޕޯޓިގައި ބުނެފައިވެއެވެ.
އެއޮޕަރޭޝަން ހިންގި މަންޒަރުތައް ވީޑިއޯ ނުކުރުމާއި ގުޅޭގޮތުން އެރިޕޯޓަށް ބަޔާންދީފައިވާ ފުލުހަކު ބުނެފައިވަނީ އެ އޮޕަރޭޝަން ވީޑީއޯ ކޮށްފައިނުވަނީ އެ ޑިޕާޓްމަންޓުގައި އެވަރަށް ތަކެތި ނެތުމުންނާއި އެފަދަ އޮޕަރޭޝަންތައް އާންމުކޮށް ވީޑިއޯ ނުކުރާތީ ކަމަށެވެ.
އެޗްއާރްސީއެމްގެ ރިޕޯޓުގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަންކަން
- ފުލުހުންގެ މަސައްކަތަށް އިތުބާރު ހޯދައި، އެ މަސައްކަތަކީ ގާނޫނީ އިމުގެ ތެރެއިން ކަން ކަށަވަރުކޮށްދިނުމަށްޓަކައި ފުލުހުންގެ އޮޕަރޭޝަންތައް ވީޑިއޯ ކުރާނެ ވަސީލަތްތައް ހޯދައި އެފަދަ އޮޕަރޭޝަންތައް ވީޑިއޯ ކުރަން ޖެހޭ ގޮތަށް އުސޫލެއް ގާއިމްކުރުން.
- ނުރައްކާތެރި ހަތިޔާރާއި ގޮވާތަކެތި ގެންގުޅޭތަނަކަށް ފުލުހުން ފޮނުވާއިރު އެ އޮޕަރޭޝަނެއްގައި ކޮންމެ ފުލުހަކުވެސް އަދާ ކުރަންޖެހޭ ޒިންމާގެ ފުރިހަމަ މައުލޫމާތު ދިނުން.
- މީހުން ދިރިއުޅޭތަންތަން ބަލައި ފާސްކުރުމަށް ހިންގާ އޮޕަރޭޝަންތަކުގައި ދެ ޖިންސުގެ ފުލުހުން ބޭނުންކުރަން ޖެހޭ ގޮތަށް އުސޫލެއް ގާއިމްކުރުން.
- މީހުން ދިރިއުޅޭ ތަންތަން ބަލައި ފާސްކުރުމުގައި އިންސާނީ ކަރާމާތަށް އުނިކަން ނާންނާނެ ފަދަ ގޮތަކަށް ފުލުހުން އަމަލުތައް ބެހެއްޓުން، އަދި އެކަމުގައި އިޖުރާއަތްތައް ކަނޑައަޅައި ފުލުހުންނަށް އެކަން އެނގިފައި އޮތުން.
ނާޒިމްގެ އެޕާޓްމަންޓުން ފިސްތޯލަކާއި ވަޒަންތަކެއް ފެނުނު މައްސަލާގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށް ސާބިތުވެ ނާޒިމްގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.