05 Mar 2011, 12:22
އިބްރާހިމް ޒަކީ އަދި ހައްވާ ލުބްނާ
އާޓިފިޝަލް ބީޗު ސަރަހައްދުގައި ތިބި ގިނަ އަދަދެއްގެ އާއްމުން ކުރިމަތީ އިއްޔެ މާރާމާރީ ހިންގައި، ތިން މީހަކު ޒަޚަމްކޮށްލި ހާދިސާއާ ގުޅިގެން ފުލުހުން ރޭ ހިންގި ޚާއްސަ އޮޕަރޭޝަނުގައި ގޭންގު ކުށްތަކާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ ހަރަކާތްތަކުގައި މިހާތަނަށް ފުލުހުން ހައްޔަރުކޮށްފައިވާ މީހުންގެ އަދަދެއް ހާމަކުރެވެން ނެތް ކަމަށެވެ. އަދި ގޭންގުތަކުގެ ހަރަކާތްތައް ބެލުމަށް ރޭ ފުލުހުން ފަށާފައިވާ ހާއްސަ ހަރަކާތްތައް ކުރިއަށްދާނެ ކަމަށާއި އެ ހަރަކާތްތައް ނިންމާލާނެއް އިރެއް ވިދާޅުވާން ނޭނގޭ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
އަދި ކުށްތައް ކުރާ މީހުންނާ މެދު ފުލުހުން އަޅަން ޖެހޭ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އިއްޔެ އިރުއޮއްސި 6:00 ޖަހާ އެހާކަންހާއިރު އެތައްބައެއްގެ ކުރިމަތީގައި، ފަކީރާ އާއި މަށަންދައްޗާއި ވަޅިފަދަ ތޫނުހަތިޔާރު ބޭނުންކޮށްގެން އާޓިފިޝަލް ބީޗުގައި ތިބި ތިން ޒުވާނަކަށް ވަނީ ގްރޫޕަކުން ގޮސް ހަމަލަދީފަ އެވެ، އެ މާރާމާރީގައި ޒަޚަމްޒި 21 އަހަރުގެ ޒުވާނަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ސީރިއަސް ޒަޚަމްތަކެއް ލިބިގެން އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަނީ ސ. ހިތަދޫއަށް ނިސްބަތްވާ ހަސަން ސައީދު ނަމަކަށް ކިޔާ ޒުވާނަކަށެވެ. އޭނާގެ މެޔަށް ވަރަށް ބޮޑަށް ވަޅިހަރައިފައި ކަމަށާއި އަދި ބޮލަށް ވެސް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
އައިޖީއެމްއެޗް އިން ބުނީ، އޭނާގެ ހާލު ސީރިއަސް ކަމަށާއި ހޮސްޕިޓަލުން ދެވޭ ފަރުވާއެއް މިހާރު ދިނުމަށް ފަހު، އިތުރު ފަރުވާއަށް ބޭރަށް ގެންދިއުމަށް ޑޮކްޓަރު ލަފާދެއްވާފައިވާ ކަމަށެވެ.
އެ މާރާމާރީގައި ޒަޚަމްވި އަނެއް ދެމީހުންނަށް ފަރުވާދެމުން އަންނަނީ އޭޑީކޭގަ އެވެ. އެ ދެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެ އެވެ.
އިއްޔެ އާޓިފިޝަލް ބީޗުގައި ގިނަ އަދަދެއްގެ އަންހެނުންނާއި އަދި ކުޑަކުދިންގެ ކުރިމަތީ ޖެހިލުމެއް ބަޔަކު އެ މާރާމާރީ ހިންގައިފައި ވަނީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި އެނގިފައެއް ނުވެ އެވެ. ފުލުހުން ބުނެފައި ވަނީ އެއީ ގްރޫޕް މާރާމާރީއެއް ކަމަށެވެ.
ބޮޑެތި މާރާމާރީތަކުގެ ކުށް ސާބިތުވެ، ޖަލުގައި ތިބި ބޮޑެތި ކުށްވެރިންތަކެއް ދާދި ފަހުން ވަނީ ދޫކޮށްލައިފަ އެވެ. އޭގެ ތެރޭގައި އަހުމަދު ނާފިޒު )ޗިކާ( ހިމެނެ އެވެ. އިއްޔެގެ މާރާމާރީއާ ޖަލުން ދޫކޮށްލި ކުށްވެރިންނާ ގުޅުމެއްވޭތޯ ދެންނެވުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ "އެހެން ސީދާ ބުނަން ނޭނގޭ" ކަމަށެވެ. ނަމަވެސް ފުލުހުން ކަނޑައެޅިގެން އެކަމަށް އިންކާރެއް ނުކުރެ އެވެ.
"މިއީ ފާއިތުވި މަސް ދުވަހުގެ ތެރޭގައި މާލޭގައި ހިންގި މާރާމާރީތަކާ ހަމަ ގުޅުން ހުރި މާރާމާރީއެއް." މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.