01 Jul 2015, 12:18
މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް އުމްރާއަށްދާ ގްރޫޕްތައް ފުރަން ފަށައިފި އެވެ.
އެގޮތުން މިއަދު ފުރަން ހަމަޖެހިފައި ވަނީ ސިސިލްފަރު ހައްޖު އެންޑް އުމްރާ ގުރޫޕާއި އައްސަފާ ހައްޖު އެންޑް އުމްރާ ގުރޫޕްގެ އިތުރުން އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް އެވެ. އިއްޔެ ވަނީ ޒައީ ހައްޖު ގުރޫޕްގެ ފަރާތުން އުމްރާއަށް ދާ މީހުން ފުރައިފަ އެވެ.
މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް އުމްރާއަށް ދިއުމަށް 11 ގްރޫޕެއްގެ ހަވާލުގައި 1396 ފަރާތެއް ފުރުމަށް ވަނީ ހަމަޖެހިފައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
މިއަހަރު އެންމެ ގިނައިން އުމްރާއަށް މީހުން ގެންދަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުންނެވެ. އެ ގުރޫޕްގެ ހަވާލުގައި 315 މީހުން އުމްރާއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ފުރާ މީހުންގެ ތެރެއިން އެއްބަޔަކު މާދަމާ ފުރާނެ އެވެ. އަދި ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ފުރާ އެންމެ ފަހު ގްރޫޕް މާލެ އިން ފުރާގޮތަށް ހަމަޖެހިފައި ވަނީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ.