ލީބިޔާގެ ލީޑަރު ކާނަލް މުއައްމަރުލް ގައްޒާފީގެ 42 އަހަރުވީ ވެރިކަމާ ދެކޮޅަށް އެ ގައުމުގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތައް ބޮޑުވެ، އާއްމުންނަށް ނުރައްކާވާ ހިސާބަށް ކަންތައް ގޯސްވެފައިވާތީ، އެ ގައުމުގައި ކިޔަވަން ތިބި ދިވެހި ކިޔަވާ ކުދިން މިއަދު ސަރުކާރުން މާލެ ގެނެސްފި އެވެ.

ލީބިޔާގެ ވެރިރަށް ޓްރިޕޮލީގައި ހުންނަ އިސްލާމިކް ކޯލް ކޮލެޖުގައި ކިޔަވާ ތިން ކުއްޖަކު މާލެ އައިސްފައި ވަނީ މިއަދު ހެނދުނު 8:15ގައި ސްރީލަންކަން އެއާލައިންސް އިންނެވެ.

ރާއްޖެ އައި ކުދިންގެ ތެރެއިން ޝަރީއާ އެންޑް ލޯ ކިޔަވާ ދަރިވަރު، އަހުމަދު އިސްމާއިލް މިއަދު ބުނީ އެ ކުދިން މާލެ އައިސް ވަނީ އިންޑިޔާ ސަރުކާރުން ލީބިޔާ އަށް ފޮނުވި ފްލައިޓެއްގައި އިންޑިޔާ އަށް ދިޔުމަށް ފަހު ކަމަށެވެ. އަދި އޭނާ ބުނީ ހަމަނުޖެހުންތަކުގެ ސަބަބުން ލީބިޔާ އަށް ދަތުރުކުރާ އެއާލައިންތަކުގެ ދަތުރުތައް ވެސް މިހާރު ހުއްޓާލާފައިވާ ކަމަށާއި ހަމައެކަނި އެ ގައުމަށް ދަނީ ގައުމުތަކުގެ ސަރުކާރުތަކުން ފޮނުވާ އެއާލައިންތައް އެކަނި ކަމަށެވެ.

"ފުރަތަމަ މިކޮޅުން މަސައްކަތް ކުރީ ތުރުކީ ފްލައިޓެއްގައި ތުރުކީއަށް ގެންދަން. ފްލައިޓްތައް އޮންނަނީ ފުލްވެފައި. އެހެންވެ ޖާގަ ނުލިބުނީ. އިންޑިޔާ އިން ފޮނުވި ފްލައިޓުން ވެސް ކިރިޔާ ޖާގަ ލިބުނީ. މިކޮޅުން ބުނި އެއީ ވެސް އެމެޖެންސީކޮށް އިންޑިޔާ ސަރުކާރުގައި ދަންނަވައިގެންނޭ. އެހެންނޫނީ އަހަރުމެން ތާށިވީސް. ދެން އަންނަން ޖެހުނީހީ ކަނޑުމަގުން،" އިސްމާއިލް ބުންޏެވެ.

މުއާސަލާތާއި ފިހާރަތަކާއި ބެންކްގެ ހިދުމަތް މެދުކެނޑިފައިވާކަން ފާހަގަކުރަމުން އިސްމާއިލް ބުނީ އެ ކުދިން ކިޔަވަމުން އަންނަ ކޮލެޖުގައި ވެސް ކިޔަވަމުން އަންނަ އެހެން ގައުމުތަކުގެ ކުދިން ވެސް ގައުމުތަކަށް ގޮސްފައިވާ ކަމަށާއި ތިބީ ވަރަށް މަދު އަދި ފަގީރު ގައުމުތަކުގެ ކުދިންކޮޅެއް އެކަނި ކަމަށެވެ.

"އަހަރުމެން ކެމްޕަސްގައި ތިބީމާ އޮންނަނީ މަނާކޮށްފައި ބޭރަށް ނުކުތުން. އަހަރުމެން އައިރު ކެމްޕަސްތެރޭގައި ހުންނަ ފިހާރައިން ވެސް ސްޓޮކްހުސްވާން ހުރީ ވަރަށް ގާތްވެފައި. ބެންކުތައް ވެސް ބަންދު ކޮށްފައި. މިހާރު އެހެން ގައުމުތަކުގެ ކުދިން ގޮސްފި. މިކަހަލަ ކުދި ފަގީރު ގައުމުތަކުގެ ކުދިން އަދިވެސް ނުގެންދެވިފައި މިތިބީ،" އިސްމާއީލް ބުންޏެވެ.

އޭނާ ބުނީ ގައްޒާފީގެ އުފަންރަށް ބެންގާޒީން ފެށި މުޒާހަރާތަކުގެ ހޫނުކަން ބޮޑުވެ ޓްރޮޕޮލީގައި ވެސް މުޒާހަރާ ކުރަންފަށާފައިވާ ކަމަށާއި މަގުތަކުގައި މިހާރު ފޯރިމަރަމުން އަންނަނީ ގައްޒާފީގެ ކުލީ ސިފައިންގެ ފައުޖުތަކުންކަމަށެވެ.
"މިހާރު އެ ހޫނުކަން ފެތުރިއްޖެ ޓްރޮޕޮލީއަށް ވެސް. އެތާންގައި މުޒާހަރާ ކުރަނީ ގައްޒާފީގެ ސަޕޯޓަރުންނާއި އިދިކޮޅު ފަރާތްތައް. ގިނައީ ހަމަ އިދިކޮޅު ފަރާތްތައް. މިހާރު އެ އަންނަނީ ހޫނުވަމުން،" އިސްމާއިލް ބުންޏެވެ.

ލީބިޔާގައި މުޒާހަރާ ކުރަން ފެށި އިރު ހަ ދިވެއްސަކު އެ ގައުމުގައި ތިބި ނަމަވެސް އޭގެ ތެރެއިން ތިން ދިވެއްސަކު ވަނީ އަވަށްޓެރި ތޫނިސްއަށް ގޮސްފަ އެވެ. ސަން އަށް އެނގިފައިވާ ގޮތުގައި އެ މީހުން ތިބީ އެންމެ ހަމަޖުޖެހުން ބޮޑު ބެންގާޒީ އާ ވަރަށް ކައިރީ އަވަށެއްގަ އެވެ.

ލީބިޔާގެ ވެރިކަން ވައްޓާލުމަށް މިދިޔަ މަހުގެ ފަހުކޮޅު ލީބިޔާގެ ރައްޔިތުން ފެށި މުޒާހަރާތަކުގައި އެ ގައުމުގެ ރައްޔިތުން ވަނީ ބައެއް ސަރަހައްދުތަކުގެ ކޮންޓްރޯލް ހޯދައިފަ އެވެ. ގައްޒާފީގެ ކޮންޓަރޯލް މިހާރުއޮތީ ވެރިރަށް ޓްރިޕޮލީ އާއި އިރުމަތީގެ ރަށެއްކަމަށްވާ ސިރްތު އާއި ދެކުނުގެ ބޮޑު ރަށެއްކަމަށްވާ ސަބްހާ އެވެ. އަދި ޓްރިޕޮލީގެ ބައެއް ސަރަހައްދުތައް ގައްޒާފީގެ ބާރުތަކުގެ ކޮންޓްރޯލުން ބޭރުވެ މުޒާހަރާކުރާ ކުރާ މީހުންގެ އަތްދަށަށް މިހާރު ގޮސްފައިވާ ކަމަށް ރޮއިޓާސް އިން ބުންޏެވެ.

ގައްޒާފީ ވިދާޅުވެފައި ވަނީ ކިތަންމެ ވަރަށް މުޒާހަރާ ކުރި ނަމަވެސް ވެރިކަން ދޫކޮށްނުލައްވާނެ ކަމަށާއި މުޒާހަރާ ކުރާ ފަރާތްތަކާ ދެކޮޅަށް ބާރުގެ ބޭނުން ކުރައްވާނެ ކަމަށެވެ.

އދ.ގެ ސަލާމަތީ މަޖިލީހުން މިދިޔަ އާދިއްތަ ދުވަހު ވަނީ މުޢައްމަރުލްޤައްޒާފީގެ ވެރިކަމާ ދެކޮޅަށް ވަނީ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ.

ލީބިޔާގެ ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގިކަމުގެ ތުހުމަތުގައި ގައްޒާފީ އާއި އޭނާގެ ބައެއް ދަރިންނާއި އަޢުވާނުންގެ ތެރެއިން 10 މީހެއްގެ ތަހްޤީޤްތައް ފެށުނުކަން ޖެނީވާގައި ހުންނަ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުންވަނީ އިއުލާންކޮށްފަ އެވެ.