14 Apr 2010, 14:37
14:30
ރައްޔިތުންގެ މަޖިލީހުގައި ވަކާލާތު ކުރައްވަމުން ގެންދަވާ ގޮތުގެ ސަބަބުން އެމްޑީޕީން ވަރަށް ބޮޑެތި ފިއްތުންތައް ކުރިމަތިކުރަމުންދާ ކަމަށާއި، ޕާޓީގެ މެންބަރުންތަކެއް އަޑީގައި ތިބެގެން އޭނާއާ ދެކޮޅަށް ޝަރީއަތަށް މައްސަލަ ވައްދާފައިވާ ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރުން މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ، ޓޫރިޒަމާ ބެހޭ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދެއްކެވުމަށް ފައްޓަވަމުން މުސްތަފާ ވިދާޅުވީ، ޕާޓީގެ އެހެން މެންބަރުންގެ ހިޔާލާއި މުސްތަފާގެ ހިޔާލާ ކޮންމެހެން އެއްގޮތްވާން ނުޖެހޭ ކަމަށެވެ. އަދި ޕާޓީން ވަރަށް ބޮޑެތި ފިއްތުންތައް ކުރިމަތިކުރާ ކަމަށާއި، މި ބިލަށް ވޯޓުލެއްވުމަށް ބޭނުންނުވި ނަމަވެސް އެ ފިއްތުންތަކުގެ ސަބަބުން ބިލަށް ވޯޓުލައްވަން ޖެހިވަޑައިގަންނަވާ ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ. އަދި ޕާޓީގެ މެންބަރުންތަކެއް އަޑީގައި ތިބެގެން މުސްތަފާއާ ދެކޮޅަށް ކޯޓަށް މައްސަލަ ވައްދާފައި ވީނަމަވެސް އެކަމާ ޖެހިލުންވެވަޑައިނުގަންނަވާ ކަމަށާއި، ހައްގުގެ މަގުގައި ވާހަކަ ދައްކައިގެން ނުހައްގުން އުފުލާ ދައުވާއަކުން ވާނެ ކަމެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމްގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލުގައި ހިމެނޭ ކަންތައްތަކަށް ބައްލަވައިލައްވައި، ސަރުކާރަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މުސްތަފާގެ ވާހަކަ ނިންމަވާލެއްވީ، މިބިލަށް ދައްކަވާނެ ވާހަކަ ހުއްޓަސް ޕާޓީގެ ފިއްތުންތަކުގެ ސަބަބުން ވާހަކަ ދެއްކެން ނެތް ކަމަށް ވިދާޅުވި އެވެ.