އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބައިވެރިވެވަޑައިގެންނެވި ހަނގުރާމަތަކުގެ ތެރެއިން އެއް ހަނގުރާމައަކި ޣަޒްވާ ބަނިލް މުޞްޠަލިޤެވެ. އެހަނގުރާމަ ހިނގައިފައިވަނީ ހިޖްރައިން ހަވަނަ އަހަރުއެވެ. މުރައިސީއެވެ ކިޔުނު ފެންގަނޑެއްގެ ކައިރީގައެވެ. ހަނގުރާމަޔަށްފަހު އެފެންގަނޑުގެ ކައިރީން ދަތުރު ފެއްޓެވުމުގެ ކުރިން މުހާޖިރިއްޔާ ބޭކަލެއްގެ އަޅަކާއި އަންސާރިއްޔަބޭކަލުންގެ ފަރާތުގެ މީހަކާ ދެމެދު ދެބަސްވުމެއްހިނގިއެވެ. މުރައިސީއުން ފެންނެގުމުގެ ތެރޭގައެވެ. އަންސާރިއްޔަ ބޭކަލުންގެ މީހާ އަންސާރިއްޔަ ބޭކަލުންގެ އެހީއަށް އެދިގޮވިއެވެ. މުހާޖިރިއްޔަ ބޭކަލުންގެ މީހާ މުހާޖިރިއްޔަ ބޭކަލުންނަށް އެހީއަށް އެދިގޮވިއެވެ. އެދެމީހުންގެ އަމިއްލަ އަރައިރުމެއް އަންޞާރުންނާއި މުހާޖިރުންގެ އަރައިރުމަކަށް ބަދަލުކޮށްލިއެވެ.

މަދީނާގެ އަހުލުވެރީންކުރެ ޢަބްދުﷲބިން އުބައްޔަކީ ފެށުނީއްސުރެ މުސްލިމުންނާއި، އިސްލާމްދީނުގެ ނަބިއްޔާއާ މެދު ހިތުގައި ރުޅިވެރިކަން އޮންނަ މީހެކެވެ. އޭނާވެސް އެހަނގުރާމައިގައި ބައިވެރިވިއެވެ. އޭނާ އެޙާދިޘާއިން ފައިދާ ލިބިގަނެ އަންޞާރުންގެ ހިތްޕުޅުތައް މުހާޖިރުންނާމެދު ނުބައިކުރަން ލިބުނު ރަނުގެ ފުރުސަތުތަކަށް އެޙާދިޘާހަދައިލިއެވެ. އޭނާ ބުންޏެވެ. މުހާޖިރުންގެ ކަންތައް މިހާރު މާމައްޗަށް ހިނގައްޖެއެވެ. އެބައިމީހުންނަކީ މައްކާއިން އަހަރެމެންގެ ރަށަށް އައިސްތިބި ބީރައްޓެހީންތަކެކެވެ. އެކަމަކު މިހާރު އެބައިމިހުން އެ އުޅެނީ އަހަރުމެންގެ މައްޗަށް ގަދަވެގަނެގެންނެވެ. އެމީހުންގެ މިސާލަކީ ބޭރުން އަންނަ ކުއްތާ އަކަށް ކާންދީ އެޮޅުކުރުމުގެ މިސާލެވެ. އެކުއްތާ އެންމެ ފަހުން ކާންދޭ އަތުގައި ދަތް އަޅަން ފެށީއެވެ. މާތްﷲ ގަންދެމެވެ. އަހަރުމެން މަދީނާއަށް ގޮސްފައި ޢިއްޒަތްތެރީން ރަށުގައިތިބެފައި ނިކަމެތީންރަށުން ބޭރުކޮށްލާނަމެެވެ.

ޢަބްދުﷲ ބިން އުބައްޔު އެގޮތަށް ވަޠަނީ ބޮޑާކަމާއި ޤަބީލީ ޢަޞަބިއްޔަތު ހޭލައްވައި މަދީނާގެ އަހްލުވެރީންނާއި މުހާޖިރުންނާ ދޭތެރެ ޖައްސައި ފިތުނަ އުފައްދަން ފާޅުގައި މަސައްކަތް ފެށުމުން ޢުމަރު ބުނުލް ޚައްޠާބުރަޟިޔަﷲ ޢަންހު އިތުރު ސާހިބާގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. އޭމާތްﷲ ގެ ރަސޫލާއެވެ. އަޅުގަނޑުމެންގެ ތެރެއިން މީހަކަށް އޭނާ ގަތުލު ކުރުމުގެ އަމުރުދެއްވާށެވެ. އުމަރުގެފާނު އެގޮތަށް ލަފާ އެރުއްވިތާ މާގިނަ އިރެއްނުވެ އަންޞާރުންގެ ތެރެއިން އިސްލާމްދީނަށް އިޙްލާސްތެރި ޒަޢީމެއްކަމުގައިވާ އުސައިދު ބިން ޙުޟައިރު ވަޑައިގެންވިދާޅުވިއެވެ. އޭމާތްﷲ ގެ ރަސޫލާއެވެ. ޢަބްދުﷲ ބިން އުބައްޔާމެދު އޯގާވެރިވެ ވަޑައިގަންނަވާށެވެ. އޭނާއަކީ ކަލޭގެފާނު މަދީނާއަށް ވަޑައިގަތުމުގެ ކުރީން މަދީނާގެ ވެރިޔާއެވެ. އޭނާގެ އެޙައިޘިއްޔަތު ނިމުމަކަށް އައީ ކަލޭގެފާނު މަދީނާއަށް ވަޑައިގަތުމުންނެވެ. އެހެންކަމުން އޭނާ ދެކެނީ ކަލޭގެފާނު އޭނާގެ އަތުން އޭނާގެ ވެރިކަން ފިރުއްކަވައިގެންނެވީކަމުގައެވެ.

މިޙާދިޘާއާ ވިދިގެން އިސްލާމްދީނުގެ ނަބިއްޔާގެ އަރިހަށް ދެމަޝްވަރާއެއް އެރުވުނެވެ. އެއް މަޝްވަރާއަކީ ހަރުކަށިވެވަޑައިގަތުމުގެ މަޝްވަރާއެކެވެ. އަނެއް މަޝްވަރާއަކީ އޯގާވެރިވެ ވަޑައިގަތުމުގެ މަޝްވަރާއެކެވެ. އިތުރު ސާހިބާ އެންމެ ފުރަތަމަ އެރުވުނު މަޝްވަރާ ދޫކޮށްލެއްވިއެވެ. ދެވަނަ މަޝްވަރާއާ އެއްގޮތަށް ޢަަމަލުކުރެއްވިއެވެ. އިތުރު ސާހިބާ، ޢަބްދުﷲ ބިން އުބައްޔާމެދު އެއްވެސް ފިޔަވަޅެއް ނާޅުއްވައެވެ. މުސްލިމުންނަށް އަމުރުކުރެއްވީ ވަގުތުން ދަތުރުފެށުމަށެވެ. ފިތުނަވެރިވާހަކަތައް ދައްކަން ތިބުމުގެ ދޮރުބަންދުކުރެއްވުމަށްޓަކައެވެ. ނަތީޖާއަކަށްވީ ޢަބްދުﷲ ބިން އުބައްޔު ރޯކުރި ފިތުނައިގެ އަލިފާންގަނޑު ދަރުއަޅާނެ ބަޔަކު ނެތުމުގެ ސަބަބުން އަމިއްލައަށް ނިވުމެވެ. މައްސަލަ ރީތިކޮށް ހަމަޖެހުމެވެ.